ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިއްސާއަކަށް ކަށް 15 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.
ހުސްވި އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާ ބެހުމަށް ނިންމާފައިވީ ނަމަވެސް މިކަމާއި މެދު ގޮތެއް ނިންމާ ހިއްސާ ފާސްކުރުން އޮންނާނީ ބީއެމްއެލްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެފައިވަނީ ކާމިޔާބު ނަތީޖާއެއް 2019 ވަނަ އަހަރު ދެއްކުނު ނަމަވެސް ކޮވިޑް-19 އިގެ ސަބަބުންނާއި އަންދާޒާ ކުރެވިފައި ނުވާނެހެން ވިޔަފާރި ހުއްޓުމަކަށް އައުމުން 2020 ވަނަ އަހަރުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.
ކޯވިޑް-19 އިގެ ސަބަބުން ބީއެމްއެލްއަށް ލިބުނު އާމްދަނީވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބިއެމްއެލްއަށް ލިބިފައިވަނީ 325 މިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 68 އިންސައްތަ އަށްވުރެ ބޮޑު ދަށްވުމެކެވެ.
ހިއްސާގެ ފައިދާ ބަހާނީ ބުކް ކްލޯޝާ ޑޭޓުގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ލިސްޓުކޮށްފައިވާ ހުރިހާ ހިއްސާދާރުންނަށެވެ. ބުކް ކްލޯޝާ ޑޭޓު އިއުލާނުކުރާނީ އަހަރީ އާންމު ޖަލްސާގެ ނޯޓިހާއެކުގައެވެ.
2019ވަނަ އަހަރު ބީއެމްއެލްއިން ވަނީ 139 މިލިއަން ރުފިޔާ ހިއްސާގެ ގޮތުގައި ބަހާފައެވެ.