twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ސަގާފަތުގެ ތެެރެއިން ރޯދަައަށް ތައްޔާރުވުން: އެހާރާއި މިހާރު

ޚަދީޖާ އާދަމް
Apr 12, 2021

ރޯދަ މަހަށް ތައްޔާރުވުމޭ ބުނުމުން އެންމެ ފުރަތަމަ ހަނދާނަށް އަންނަނީ ކޮންކަމެއްހެއްޔެވެ؟ އެންމެ ދުރު ހަނދާނަށްވެސް ކުލަޖެހޭ މަންޒަރަކީ ޒަމާނުންސުރެ ކުޅުދުއްފުއްޓަކީ ވަރަށް ފޯރީގައި، ހާއްސަކޮށް ރޯދަމަަހަށް ތައްޔާރުވާ ބައެއްކަމެވެ. ޒަމާނަށް އައި ތަަރައްގީއާއެކު ބޭނުން ނުވިނަމަވެސް އެއިރުގެ އާދަކާދަ މިހާރު ގާތްގަނޑަކަށް އެއްކޮށް ނެތިގެން ހިނގައްޖޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އޭރު ވަރަށް ފައްކާ. ވަރަށް ކަންތައްތައް ކުރަން. ގޯއްޗަށް ދޮންވެލިލައި ބޯފޮޅި ފިހެ…" އުމުރުން ދުވަސް ވީ މީހަކާ ސުވާލު ރޯދައަށް ތައްޔާރުވުމަށް އެއިރު ކަންކުރާގޮތް ކިޔައިދިނެވެ.

ބޮޑު އަށީގެ މަޅުތައް ދޮވުންވެސް އޮންނާނެ.. ބަދިގޭ ތެލިތަކުގައި ޖަހާ ފިޔަންތައްވެސް ދޮންނަން. ދުމަށިމަތީ ހުންނަ އޮށިތައްވެސް ސާފުކުރަން. ބައެއް ގޭގެއިން މޫދަށްވެސް ގެންދާނެ"

ކުރީ ޒަމާނުގައި ރޯދަ އަށް ބޯދޮވުމަކީ ވަރަށް ފޯރީގައި އޮންނަ ކަމެކެވެ. އެއީ އެންމެ ދުވަހެއްގެވެސް ކަމެއް ނޫނެވެ. ރޯދައަށް “ހަނދުބަލަން” ކައިރިވުމުން މިބުނާ ކަންތައްތައް ވަރަށް ފޯރީގައި ކުރުން އޮވެއެވެ. ހަމައެހެންމެ މިޒަމާނުގައިވެސް ރޯދައަށް ބޯދޮވުމޭ ނުކީ ކަމުގައިވިޔަސް ހަމަ އެފަދަ ކަންތައްތަކެއް ކުރެއެވެ. ތަފާތަކީ ޒަމާނަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލު ތަކެއްގެ ސަބަބުން އެކަންތައްތައް ކުރާގޮތް ތަފާތުވުމެވެ.

މުސްކުޅިވެރިންގެ ވާހަކައިން އެނގުން ގޮތުގައި ރޯދައަށް ހަނދުބަލަން ހަފްތާއަކަށް ވުމުން މެދު ގޯތިތެރެ ހިމެނޭނެހެން ދޮންވެލި ލައި ގޭތެރެ ޒީނަތްތެރިކުރެއެވެ. އަދި ބޮޑުއަށީގެ މަޅުތަކާއި، ބަދިގޭގައި ގެންގުޅޭ ފިޔަންތައް ދޮވެއެވެ. އަދި ދުމަށި މަތީ ގައި ހުންނަ އޮށިތައް ސާފުކުރެއެވެ. މިތަކެތި ދޮންނަން ގިނަފަހަރު ދަނީ މޫދަށެވެ.

ރޯދައަށް ތައްޔާރުވުމުގެ އެންމެ ފޯރިގަދަ ބުރު ފެށޭނީ ހަނދުބަލާ ދުވަހުގެ މެންދުރުފަހުން ފެށިގެންނެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ އަޅީގައި ފެންކައްކައިގެން ‘އަޅިފެން’ ފުޅިފުޅި އަށް އަޅައިގެން މޫދަށް ދިއުމެވެ. އެއިރު ޝޭމްޕޫއެއް ނުވަތަ ޝަވާރ ޖެލްއެއްގެ ގޮތުގައި އަޅިފެން އޭރު ފުދެ އެވެ. އަޅިފެނުން ބޯދޮންނަން ދާއިރު ބޮނޑިބަތާ މަޖާހަދައިގެން ގެންދިއުންވެސް މިއީ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މެންދުރުފަހު މޫދަށް އެރުމަށްފަހު ގެޔަށްއައިސް، އިރުއޮއްސެން ވާއިރަށް ބޯފޮޅި ފިހުން އޮވެއެވެ. އަދި ކަށިކެޔޮ ފަތުގައި ފޮށިހަދައިގެން ބަތާ ބޯފޮޅި އެޔަށް ލައިގެން އިރާކޮޅު ގޮނޑުދޮށަށް ދިއުން އޮވެއެވެ. އަދި އެތަނުގައި ތިބެގެން ބޯފޮޅި އާ ބަތާ ކައިފައި ކަށިކެޔޮ ފަތުގެ ފޮށިތައް މޫދަށްލައި ފުރުވާލައެވެ. އަދި އެއަށްފަހު ގޭގެ ވަށައިގެން ހަތްފުކު ދިއްލުން އޮވެއެވެ. ހަތްފުކު ދިއްލުމަކީ ނާއްޓަށް ތެޔޮއަޅާފައި ރޯކޮށްފައި ގެ ވަށައިގެން ބެހެއްޓުމެވެ. ހަމައެއާ ވިދިގެން އަވައްޓެރިންނާއެކު އެ ހިސާބުގެ އެންމެ އެކުގައި މާ ހެފުން އޮންނެއެވެ.

މި ކަންތައްތައް މިޒަމާނުގައި ކުރާގޮތަށް ބަލާނަމަ ގޭގެ ފާރުގައި ކުލަލައި ޒީނަތްތެރި ކުރުމަކީ މިހާރުގެ އާދައެކެވެ. ގޭތެރެއަށް ކަށިވެލި ލުމުގެ ބަދަލުގައި މިހާރު ތަޅުމުގައި ޖަހާފައި ހުރި މުށި ބަދަލުކޮށްލާތަންވެސް ބައެއް އަހަރުތަކުގައި ފެނިފައި އެބަހުއްޓެވެ.

އަޅިފެން ކައްކައިގެން މޫދަށް ނުދިޔަސް، ރޯދަ ކުރިން ދަތުރު ދިއުމަކީ މިހާރުގެ އާދައެކެވެ. ބޯފޮޅި ފިހެގެން ގޮނޑުދޮށަށް ދިއުމުގެ ބަދަލުގައި އެކަންކަން މިހާރު ފެންނަމުން އެދަނީ ބާބެކިއު ހެދުން ފަދަ ކަންކަމުންނެވެ.

ނަމަވެސް ހިތާމައަކީ އެއިރު އޮންނަ އެކުވެރިކަމުގެ ރޫހާ، އަވައްޓެރިކަމުގެ ގުޅުން އަހަރުމެންގެ ތެރެއިން ނެތިގެން ދިއުމެވެ. އެއިރު ރޯދަމަހަށް ތައްޔާރުވާއިރު އެއަންނަ "އެކްސައިޓްމެންޓް" މިހާރު ނެތުމެވެ.

އެއިރު އަހަރެމެންގެ ކަންކަން ބައްޓަން ވެފައިއޮންނަނީ ލިބޭ އެއްޗަކުން ފުއްދާލުމެވެ. މިހާރުގެ މަންޒަރު ބަދަލުވެފައިވާ މިންވަރަކީ އެކަމުގެ ތެރެއަށް އިޝްރާފުގެ ބައިވެސް ނުހަނު ބޮޑަށް އޮތުމެވެ. ރޯދަމަހަށް ގޭގެ ފަރުނީޗަރުތައް އެއްކޮށް ބަދަލުކޮށްލައެވެ. މާހެފުމުގެ ނަމުގައި ކުރިއަށް ގެންދާ ބާބަކިއު ތަކުގައިވެސް މި މަންޒަރު ފެންނަނީ މަދެއްކޮށެއް ނޫނެވެ.

ކުރީގައި އާދަކާދަތަކަކީ މިޒަމާނަށް ފެތޭނެ އަދި އިޔާދަކުރޭވެ ކަންތައްތަކެއް ނޫންކަމުގައި ވިއަސް ރޯދަމަހަށް ތައްޔާރުވުމުގެ ސަގާފަތް އަހަރެމެންގެ ތެރޭގައި މިހާރަށްވުރެ ރަނގަޅަށް ދެމެހެއްޓިދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355