އުތުރުގެ ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި ތާރީހެއް އޮތް ހޮސްޕިޓަލެކެވެ. 39 އަހަރުގެ ތާރީހެއް އޮތް މި ހޮސްޕިޓަލް ކުރިއެރުވުމަށް އަބަދުވެސް ސަރުކާރުތަކުން ދިޔައީ ވައުދު ވަމުންނެވެ. އަހަރުން އަހަރަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިގެންދިޔަކަމުގައި ވިޔަސް އެންމެ ޒަރޫރީ ހިދުމަތްތައް ވެސް ލިބުމުގައި އަދިވެސް ދަތިތައް އެބަހުއްޓެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ޓާޝިއަރީ ފެންވަރަށް ތަރައްގީކުރަން ވައުދުވި ފަހުން ވެސް އަހަރުތަކެއް ފާއިތުވެއްޖެ އެވެ. އޭގެ ފަހުން ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް ކެންޑިޑޭޓުން އެ ވައުދު ތަކުރާރުކޮށް ވެރިކަމަށް ވަޑައިގެންނެވިޔަސް، ކުދި ކުދި ޓެސްޓްތަކާއި އާދައިގެ ސިއްހީ ހިދުމަތް ހޯދުމަށް ވެރިރަށް މާލެއަށް ބަރޯސާވުން ކުޑައެއްނުވެ އެވެ. އެކަމަކު ފާއިތުވެ ދިޔަ ދެ އަހަރަކީ ކޭއާރުއެޗުގެ ތަރައްގީގައި މުހިންމު ދެ އަހަރެވެ. އެ ހޮސްޕިޓަލްގެ ތާރީހުގައި ރަން އަކުރުން ފެވިގެންދާނެ ދެ އަހަރެވެ.
ފާއިތުވި ދެ އަހަރަށް ބަލާއިރު އިދާރީ އަދި ފަންނީ މުވައްޒަފުން ހޯދުމަށާއި ސިއްހީ ވަސީލަތްތަކާއި އާ ގިނަ ހިދުމަތްތަކެއް ތައާރަފު ކުރެވިއްޖެ އެވެ. ޑޮކްޓަރުންނާއި ތަނުގެ އާބާތުރަ ފިލުވުމަށް ބޮޑުތި ހަރަދުތަކެއް ވެސް ކުރެވިއްޖެ އެވެ. މިދިޔަ ފާއިތުވި ދެ އަހަރު ހޮސްޕިޓަލަށް ގެނުވެނު ބަދަލުތަކަށް ބަލާއިރު އިދާރީ ހިންގުން ހަރުދަނާކުރުމަށް މުވައްޒަފުން އިތުރުކޮށްފައިވެ އެވެ. އާ ލޭބަރ ރޫމެއް ހަދައި ހިދުމަތް ދޭން ފެށުނުއިރު ސެންޓްރަލް ސްޓެރަލައިޒޭޝަން ސަރވިސަސް ޑިޕާޓްމަންޓެއް ހަދައި ބޭނުންކުރަން ފެށިފައިވެ އެވެ.
ދެ ވާރޑެއްގައި ފުރެޝް އެއަރ ސިސްޓަމް ހަރު ކުރެވި، ދެ ވާރޑެއްގައި ބެޑް ސައިޑް ކާޓަންސް ޖަހާފައިވެ އެވެ. އަދި އެންއައިސީޔޫއަށް ބަލާލާއިރު 15 އަހަރަށް ފަހު އިންކިއުބޭޓަރެއް ހޯދިފައިވާއިރު އިތުރު ބޭބީ ވާމާސްއާއި، ވެންޓިލޭޓަރާއި، ފޮޓޯތެރެޕީ ޔުނިޓްތައް ހޯދިފައިވެ އެވެ. މީގެ އިތުރުން ކުއްލި ހާލަތުގައި ފަރުވާ ދިނުމަށްޓަކާ ރިސަސިޓޭޝަން ރޫމެއް ހަދައި ކްރިޓިކަލް ކެއަރ ދެވޭ ގޮތަށް ތަރައްގީ ކުރެވުނެވެ. ކޭއާރުއެޗުން މިދިޔަ ދެ އަހަރު ވަނީ އައިޖީއެމްއެޗާ ގުޅިގެންވެސް ތަފާތު ކޭމްޕްތައް ކުރިއަށްގެންގޮސްފަ އެވެ. އަދި އައިޖީއެމްއެޗުގެ ޑިޕާޓްމަންޓް އެޗްއޯޑީސް އެ ހޮސްޕިޓަލަށް ޒިޔާރާތްކޮށް ހިދުމަތްތައް ހަރުދަނާ ކުރުމަށް ކުރެވިދާނެ ގޮތުގެ މަޝްވަރާ ހިއްސާކޮށްފަ އެވެ.
ކޭއާރުއެޗުގެ ދަތުރުގެ ފަރުވާގެ ހިދުމަތަކީ ގިނަ ބައެއްގެ ޝަކުވާ އަމާޒުވާ ޑިޕާޓްމެންޓެކެވެ. އެކަމަކު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޑިޕާޓްމެންޓްގެ ހިދުމަތް ރަނގަޅު ކުރެވިފައިވެ އެވެ. އެގޮތުން އަހަރުތަކަކަށް ފަހު ދައިމީ ފުޓުނި އަދި ރޫޓް ކެނަލް ހެދޭނެ ގޮތް ހަމަޖައްސާފަވެ އެވެ. އަދި މިހާރު ދަނީ ޑެންޓަލް އޯޕީޖީ ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ. ދާދި ފަހުން އެ ހޮސްޕިޓަލުގައި އޮކްސިޖަން ޕްލާންޓެއް ގާއިމުކުރެވި އެ ހިދުމަތް ދޭން ފެށުނެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ އާބާތުރަ ފިލުވައި މަރަމާތު ކުރުމަށް 2.2 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ.
މި ދެ އަހަރު ކުރެވުނު ބައެއް އެހެން މަސައްކަތްތަކަށް ބަލާލާއިރު ސީޓީ ރޫމުގައި ލެޑް ޖެހުމާއި ކުރަން ޖެހޭ މަރާމާތުތައް ކޮށްފައިވާއިރު ސްޕީޗު ތެރަޕީގެ ހިދުމަތް ފެށުނުއިރު 160 އަށް ވުރެ ގިނަ ކުދިންނަށް މިހާތަނަށް ހިދުމަތް ފޯރުކޮށްދެވިފައިވެ އެވެ. އަދި ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މެމޯގްރާމްގެ ހިދުމަތް އަލުން ފެށުނެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީވެދޭ ކުލިނިކެއް ހުޅުވުނުއިރު އެ ކުލިނިކުގައި 30 އަށް ވުރެ ގިނަ މީހުން އަންނަނީ ހިދުމަތް ހޯދަމުންނެވެ.
އަތޮޅުތެރޭގައި ހޮސްޕިޓަލެއްގައި ބެހެއްޓުނު ދެ ވަނަ އެމްއާރުއެމްގެ މެޝިން ކޭއާރުއެޗުގައި ބެހެއްޓުނުއިރު އެ ހިދުމަތް މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ވަނީ ހޯދާފަ އެވެ. މޯބައިލު ކިއު ސިސްޓަމެއްގެ ހިދުމަތް ދޭން ފެށުން ވެގެން ގޮސްފައި ވަނީ ހިދުމަތް ހޯދަމުންދާ ގިނަ ބަޔަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ. 12000 އަށް ވުރެ ގިނަ ޕީސީއާރު ޓެސްޓް އެ ހޮސްޕިޓަލުން ހަދާފައިވާއިރު ލާމަރުކަޒީ ސިޔާސަތުގެ ތެރެއިން ހޮސްޕިޓަލް ހެލްތު މިނިސްޓްރީ ދަށުން ވަކި ކުރެވި، ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ވަކި ގަވާނިން ބޮޑީއެއްގެ ދަށުން ހިންގާ ގޮތަށް ކޭއާރުއެޗު ބަދަލުކުރުންވެގެން ދިޔައީ ހިންގުމަށް އަދި ހިދުމަތް ފޯރުކޮށްދިނުމަށް ބޮޑު ލުޔަކަށެވެ.
ފަސް ސަރަހައްދެއްގައި ހޮސްޕިޓަލް ފެންވަރު މަތިކުރުމުގެ ގޮތުން ހިންގުނު ޕްރޮޖެކްޓްގެ ތެރެއިން ގިނަ އަދަދެއްގެ މެޝިނަރީސްއާއި އިކުއިޕްމެންޓް ކޭއާރުއެޗަށް ގެނެސްފައިވާއިރު މީގެ ތެރޭގައި ވެންޓިލޭޓާސްއާއި، ލޮލުގެ ޑިޕާޓްމަންޓާއި، އައިސީޔޫ، އެންއައިސީޔޫއާއި، ފިޒިއޯ ޑިޕާޓްމަންޓަށް ބޭނުންވާ ތަކެއްޗާއި، ލެބޯޓްރީއަށް ބޭނުންވާ އާލާތްތަކާއި އަދި އިތުރު ސާރޖަރީސް ހެދުމަށް ބޭނުންވާ އާލާތްތައްވެސް ހޯދުނެވެ. އަދި އެގޮތުން އަންހެނުންގެ ބޮޑެތި އޮޕަރޭޝަންތަކާއި، ކަށީގެ ބޮޑެތި އޮޕަރޭޝަންތަކާއި، ލޮލުގެ ބައެއް ކަހަލަ ސާރޖަރީސްގެ އިތުރުން ކަރުން މަތީގެ ސާރޖަރީސްތައްވެސް ހެދިގެންދިޔަ އެވެ. މިއީ ހޮސްޕިޓަލުގެ ތާރީހުގައި ނުލިބޭވަރުގެ ބޮޑު ކުރިއެރުމެވެ.
"ސިއްހީ ނިޒާމު ލާމަރުކަޒީކޮށް އިތުރަށް ހަރުދަނާ ކުރެއްވުމަށްޓަކައި ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކުރަމުން އަންނަ މަސައްކަތަކީ ވަރަށް ބޮޑަށް ފާހަގަ ކުރެވޭ އަދި ޝުކުރު ހައްޤު މަސައްކަތެއް." ކޭއާރުއެޗުގެ މެނޭޖަރ ހެލްތު ސާރވިސަސް އަހުމަދު ދާއޫދު ވިދާޅުވި އެވެ.
ކޭއާރުއެޗަށް ފާއިތުވި ދެ އަހަރު އައ ތާރީހީ ބޮޑުތި ބަދަލުތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ، ހިދުމަތްތައް ރަގަޅު ކުރެވުނު ވަރަކަށް އިތުރު ކަންކަމަށް ޑިމާންޑް އަންނާނެކަމަށާއި ހަރުދަނާކޮށް ރަގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން މިހާރު ވެސް ފާހަގަވެފައި ހުރި ކަމަށެވެ. އަދި ވަގުތުން ހައްލު ކުރެވެން ނެތް މައްސަލަތައް އެބަ ހުރިއިރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޖާގައިގެ ދަތިކަމެވެ.
"މުވައްޒަފުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ކުރެވިފައި. ނަމަވެސް ބައެއް ޑިޕާޓްމަންޓްތަކަށް އިތުރު މުވައްޒަފުން އެބަ ބޭނުންވޭ، ހާއްސަކޮށް ނަރުހުން ހޯދުމުގައި އެބަ ހުރި ދަތިތައް. އިތުރު ހިދުމަތްތައް އަދިވެސް ތައާރަފު ކުރެވޭނެ އަދި ކުރިއެރުންތައް ހާސިލު ކުރެވޭނެ. އަދި އަޅުގަނޑުމެންގެ އުއްމީދަކީ އަވަސް މުސްތަގްބަލެއްގައި ކުޅުދުއްފުށީގެ އާ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ފެށިގެން ދިއުން" މެނޭޖަރ އަހްމަދު ވިދާޅުވި އެވެ.