- ސާރވޭ އާއި ޑިޒައިން އަދި އީއައިއޭ ހެދުމަށް އެމްޓީސީސީ ވަނީ ހަވާލުކޮށްފައި
- އަމަލީ މަސައްކަތް ޖުލައިމަހު ފެށޭނެ، އަމާޒަކީ ޑިސެމްބަރު 2022 އަށް ނިންމުން
މަގަތު ފާމަލެއް ހަދައި ބޮޑެތި ބޯޓްފަހަރު ކައިރިކުރެވޭގޮތަށް ކުޅުދުއްފުށީ ޕޯޓް ތަރައްގީކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި ހުންނަވައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޑީ ޝާހިދު ވިދާޅުވީ، އުތުރާއި ދެކުނުގައި އިންޓަނޭޝަނަލް ޕޯޓް ތަރައްގީކުރުމަކީ މިސަރުކާރުގެ ވަރަށް ބޮޑު ވައުދެއް ކަމަށާއި އެގޮތުގެ މަތިން ކޭޕީއެލް ތަރައްގީކުރުމަށް މާސްޓާ ޕްލޭނެއް ހަދައި އެއަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފްވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ. ކޭޕީއެލް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކަމަށާއި އެގޮތުން ބަނދަރު ތަރައްގީކުރުމަށް ކުރަން ޖެހޭ ޑީޓެއިލް ސާރވޭ އާއި ޑިޒައިން އަދި އީއައިއޭ ހެދުމަށް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޭޕީއެލް ތަރައްގީކުރާއިރު މަގަތު ފާލަމަކާއި ވެއާރ ހައުސް އާއި އޮފީސް އިމާރާތަކާއި ވޯކްޝޮޕެއް ހެދިގެންދާނެކަމަށާއި އެ މަސައްކަތަށް އެ ސަރަހައްދުން ބައެއް ހިއްކާނެކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އަންދާޒާކުރަނީ އެ މަސައްކަތް ހަމަ ނިމޭއިރަށް އެމްޓީސީސީއަށް އަސްލު މަސައްކަތުގެ ކޮންޓެކްޓް ހަވާލުކުރަން. މިއަދު ބޮޑަށް ކުރިއަށްމިގެންދަނީ މާސްޓާ ޕްލޭނަށް ބޭސްކޮށްފަ ސައިޓް އެސެސްމެންޓެއް ހެދުން." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، ކޮޗިން ފެރީން މުދާ ގެންނައިރު މިހާރުވެސް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ބަނދަރު ކުޑަވެ ބޯޓަށް ނުވަދެވުން ކަމަށާ އެހެންވުމުން މުދާ ބާލަން ޖެހެނީ ބޭރުގައި ބާއްވައިގެން ކުދިން ބޯޓް ފަހަރުގައި ކަމަށެވެ. އެހެންވުމުންގެ ސަބަބުން ހަރަދު ބޮޑުވެ، މުދަލުގެ އަގުވެސް ބޮޑުވާ ކަމަށެވެ.
"ކޭޕީއެލަށް މިހާރު ކައިރިކުރެވެނީ 3 މީޓަރު ހަތަރު މީޓަރުގެ ކުރާފްޓް. މިހާރު ހަދައި ޕްރޮޖެކްޓް ޕްލޭންކޮށްފަ އިންގޮތުން މަގަތު ފާލަމަށް ބޯޓް އެލޯންގް ސައިޑްކުރެވޭނެ. އޭރުން ހަމަ ސީދާ ބޯޓުން އެއްގަމަށް މުދާ ބޭލޭނެ. އޭގެ ސަބަބުން ވަރަށް ބޮޑުތަން ހަރަދުކުޑަވެގެންދާނެ." ކުޅުދުއްފުށީގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވި އެވެ.
މަގަތު ފާލަމާއެކު އިތުރު ހިދުމަތްތައްވެސް ލިބޭނެކަމަށާއި ކޮޗިންނާއި ސޫތުކުޅިންގެ އިތުރުން މިސަރަހައްދުގެ އެހެން ގައުމުތަކުން ކޭޕީއެލަށް ސީދާ މުދާ ގެނައުމަށް ޝައުގުވެރިވާކަމަށް ޝާހިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބަނދަރު ތަރައްގީކޮށް ނިމުމުން ސްރީލަންކާ ފަދަ ގައުމުތަކުންވެސް މި ބަނދަރަށް އަންނާނެ ކަމަށާ މިކަމުގެ ސަބަބުން މިސަރަހައްދުގެ އިގްތިސޯދަށް އޭގެ ފައިދާ ކުރާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވީ، ރައީސްގެ ވައުދު ވީހާވެސް އަވަހަކަށް ފުރިހަމަކުރުމަށްޓަކާ ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާ އުންމީދުކުރަނީ މިއަދު ހަވާލުކުރެވުނު މަސައްކަތް ނިންމާ، ޖުލައިމަހު އަމަލީ މަސައްކަތް ފެށުމަށް ކަމަށެވެ.
އަވަސް އަރުވާލާފައި މަސައްކަތްކުރުމުގެ ސަބަބުން މައްސަލަތައް ދިމާވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ބަނދަރުގެ މަސައްކަތްކުރާނީ ރަނގަޅަށް ޕްލޭން ކުރެވި އެކަމަށް ވަގުތުދީގެން ކަމަށެވެ. އަމާޒު ހިފާފައިވަނީ ބަނދަރުގެ މަސައްކަތް 2022 ވަނަ އަހަރުގެ ޑިސެމްބަރަށް ނިންމާލުމަށްކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ޕޯޓަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ހެދި ސަރަހައްދީ ބަނދަރެއްކަމަށްވިޔަސް މިހާތަނަށް އެ ބަނދަރު ތަރައްގީކުރަން އެއްވެސް މަސައްކަތެއްކޮށްފައެއްނުވެ އެވެ.