twitterviber whatsapp telegramfacebookyoutube instagram
21st November 2025

އިންޑިޔާ އިން ކުޅުދުއްފުއްޓަށް ދާއިމީކޮށް މުދާ ގެންނަށް ފަށައިފި

- މިއަދު ބަނދަރުކުރި ފުރަތަމަ ބޯޓުގައި 127 ޓަނުގެ މުދާ ގެނެސްފައިވޭ

އަބްދުލް ވާހިދު ޙަސަން
Nov 21, 2025

އަގުހެޔޮކޮށް އުތުރުގެ ރައްޔިތުންނަށް މުދާ ލިބޭނެ ގޮތް ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓް ލިމިޑެޓާއި ކުޅުދުއްފުށީ ޕޯޓް ގުޅިގެން އިންޑިޔާ އިން ގެނައި ފުރަތަމަ ބޯޓް މިއަދު ކުޅުދުއްފުށީގައި ބަނދަރުކޮށްފި އެވެ.

ހެޔޮއަގުގައި ޕެރިޝަބަލް ކާގޯ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އެ ވައުދުގެ ތެރެއިން އިންޑިޔާގެ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް އައި ފުރަތަމަ ބޯޓް 127 ޓަނުގެ މުދަލާއެކު ކުޅުދުއްފުށީ ޕޯޓްގައި ބަނދަރުކުރީ މިއަދު މެންދުރުފަހު 3 ޖެހިއިރު އެވެ.

ކޭޕީއެލްގެ ސީއޯއޯ އާދަމް މުހައްމަދު ކޭއޯއަށް ވިދާޅުވީ، މިއީ 278 ޓަނުގެ މުދާ އުފުލޭ ކެޕޭސިޓީގެ ބޯޓެއް ކަމަށާއި މިވަގުތަށް ބޯޓްގެ ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ މަހަކު އެއް ދަތުރުކުރާ ގޮތަށް ކަމަށެވެ.

އެހެންނަމަވެސް މުދާ ލިބެމުންދާ ނިސްބަތަށް ބަލައި ދަތުރު އިތުރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ބޯޓުގައި ގެނައީ ކޮންސްޓްރަކްޝަން ދާއިރާގެ މުދަލާއި ޕެރިޝަބަލް މުދަލެވެ. އޭގެ ތެރޭގައި ސިމެންތި، ދަގަނޑު ހޮޅި، އަލުވި، ބިސް ފަދަ ތަކެތި ހިމެނެ އެވެ.

ވީބީ ޕްރޮގްރެސް ނަމަކަށް ކިޔާ ބޯޓްގައި މުދާ ގެނައީ އެސްޓީއޯ އާއި އެތުމާ ކުންފުނީގެ މުދާކަމަށް އާދަމް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ތެރެއިން ފެށި މި ދަތުރުގައި ދާއިމީކޮށް މުދާ ގެނައުމުގައި ވިޔަފާރިވެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެކަން ކޭޕީއެލުން ފާހަގަކުރެ އެވެ.

އިންޑިޔާއިން ކުޅުދުއްފުއްޓަށް މުދާ ގެނައުމަށް ކުޅުދުއްފުއްޓާއި އުތުރުގެ ވިޔަފާރިތަކަށް ހާއްސަކޮށް ބިޒްނަސް ފޯރަމެއް ބާއްވާފައިވެ އެވެ. އެ ފޯރަމުގައި މުދާ އިންޕޯޓްކުރުމާ ބެހޭ ގޮތުން ވިޔަފާރިވެރިންނަށް މައުލޫމާތުދިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355