ކުޅުދުއްފުށީ ޕޯޓްގެ ހިދުމަތްތަށް ފުޅާކޮށް އާ ހިދުމަތްތަކެއް ފަށައިފި އެވެ. އާ ހިދުމަތްތައް ތައާރަފުކޮށް ޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުފުއްޓަށް ވަޑައިގެންނެވެ.
ކުޅުދުއްފުށީ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް އިގްތިސޯދު ތަރައްގީކުރުމަށް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ރިޝްވާން އެވެ.
ސަރުކާރުން ކޭޕީއެލްގައި އަލަށް ފެށި ހަތަރު ހިދުމަތްތަކަކީ ޑިއުޓީ ފްރީ ބޮންޑެޑް ޒޯނުގެ ހިދުމަތާއި، ބޮންޑެޑް ވެއަރހައުސްގެ ހިދުމަތާއި، ހިލަ އަދި ހިލަވެލި ސްޓޯރޭޖްގެ ހިދުމަތުގެ އިތުރުން ޑޮމެސްޓިކް ކީގެ ހިދުމަތެވެ.