twitterviber whatsapp telegramfacebookyoutube instagram
27th July 2024

މިތަނުގެ މެނޫގައި މަހާޖައްރާފާއި ބުރިޖް އަދި ބިލާދަރާއި ރޯޔަލް ބިރިޔާނިވެސް

އަބްދުލް ވާހިދު ޙަސަން
Apr 17, 2021
2

މިއީ އާދައިގެ ރެސްޓޯރެންޓެކެވެ. ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ހުންނަ އާންމު ބާވަތްތަކުގެ ކާނާ މިތަނުންގައިވެސް ލިބެން އެބަހުއްޓެވެ. އެކަމަކު މިތަނުގައި ތަފާތީ މެނޫ އެވެ. މެނޫގައި ހުރި އެކި ކާނާތަކަށް ދީފައި ހުރި އާދަޔާ ހިލާފު ނަންތަކުން މިތަނުގައި މަގުބޫލުކަންވެސް އޮވެ އެވެ.

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ސަރަހައްދުގައި ހުންނަ އޮރެންޖް ޑެކާއި ކައިރީގައި ހަމަ އެ ސަރަހައްދުގައި ހުންނަ ބޭލީފް ރެސްޓޯރެންޓަކީ އަހުމަދު މުހައްމަދު (އޮރެންޖް އަހަންމަދު)ގެ ދެ ރެސްޓޯރެންޓެވެ. މިތަނުން އެންމެ އަޅައިގަންނަނީ ތަފާތު ނަންތަކުގައި ހުންނަ ކާނާގެ ބާވަތްތަކެވެ.

މެނޫ ބަލާލާއިރު މަހާޖައްރާފު، ބުރިޖް، ރޯޔަލް ބިރިޔާނި، އަދި ބިލާދަރު ފާހަގަކޮށްލެވެ. މިއީ ހަމަ ހައްތަހާވެސް މިތަނުގައި މެނޫގައި ހިމެނޭ ކާނާގެ ބާވަތްތަކެވެ.

ބޮޑެތި ރެސްޓޯރެންޓްތައް ހަދައިގެން އާންމުކޮށް މި ލިބޭ ކާނާ އެކަނި ތައްޔާރުކުރުން އެއީ އަހުމަދު އެހާ ކުރާ ހިތްވާކަމެއްވެސް ނޫނެވެ. އެއީ ދެކޮޅު ޖެހޭވެސް ކަމަކަށް ނުވާތީއާއެކު އަހުމަދު ބޭނުންވީ ތަފާތު ކާނާ އޭނާގެ ރެސްޓޯރެންޓްތަކުން ފޯރުކޮށްދިނުމެވެ. އެކަމަކު އެ އެއްޗެއްސަށް ނަން ކިޔުމުގައި އޭނާ ގެންގުޅޭ ހާއްސަ އުކުޅަކީ އެ ދުވަސްވަރު ރާއްޖޭގައި ހިނގައި މަޝްހޫރު ކަންކަމަށް އަލި އަޅުވާލާ ކިޔާފައިވާ ނަންތަކެވެ.

އެގޮތުން މަހާޖައްރާފު މެނޫގައި ހިމެނީ އެއީ މުޅި ރާއްޖެއަށް އެނގޭނެހެން ރައީސް ޔާމީންގެ ވެރިކަމުގައި ހެދި ކޮންނަބޯޓްގެ ނަމެވެ. އެ ކޮންނަބޯޓް އެންމެ ފުރަތަމަވެސް ގެނައި ކުޅުދުއްފުއްޓަށް، އެރަށުގެ އެއާޕޯޓް އަޅައި ބިން ހިއްކުމަށެވެ. ދެން އޮތީ ބުރިޖެވެ. އެއީ މާލެ އާއި ހުޅުމާލެ ގުޅުވާލަދޭ ބުރިޖްގެ ވާހަކައަކީވެސް ކުރީގެ ސަރުކާރުގައި އެހާމެ މަޝްހޫރު ވާހަކައެކެވެ.

އެހެންވެ އަހުމަދު ނިންމީ އޭނާގެ މެނޫގައި "ބްރިޖް" ހިމެނުމަށެވެ. ރޯޔަލް ރޭޕްގެ ނަމުން މަޝްހޫރުވެގެންދިޔަކަމަށް ބުނާ ރޭޕާ ގުޅުވައިގެންވެސް "ރޯޔަލް ބިރިޔާންޏެއް" އެ ރެސްޓޯރެންޓްތަނުގައި ނަންދީ ތައްޔާރުކުރަމުންދެ އެވެ. ވިޔަފާރިވެރިޔާ މުހައްމަދު ޒުހެއިރު އެންމެ ބަނދެ ނިންމާލި "ބިލާދަރު ބޯޓަށް" ގެ ނަމުންވެސް އަހުމަދު ވަނީ ކާނާއެއް ތައްޔާރުކޮށްފަ އެވެ.

މަހާޖައްރާފު: މަހާޖައްރާފުގެ ޕެކޭޖުގައި ހިމެނެނީ؛ ރައިސް ސެލެޑާއި ބެލް ޕެޕަރ ސެލެޑެއްގެ އިތުރުން ތަންދޫރީ ކުކުޅެކެވެ. ރައިސް ސެލެޑް ތައްޔާރުކޮށްފައިވަނީ ޗޮޕްކޮށްފައި ހުންނަ ބެލްޕެޕަރ އާއި ކެރެޓް، އަދި މަސްދަޅު ލައިގެންނެވެ.

ބުރިޖް: މި ޕެކޭޖްގައި ހިމެނެނީ ރޯސް ކުކުޅަކާއި ފްރެންޗް ފުރައިޒް އާއި ފިޝް ސެލެޑަކާއި ބެލް ޕެޕަރ ސެލެޑަކާއި ގާލިކް ރައިސް އެކެވެ. ބޭނުންވެއްޖެއްޔާމުން ރޯސް ކުރި ކުކުޅުގެ ބަދަލުގައި ތަންދޫރީ ކުކުޅެއް ނުވަތަ ދިވެހި ލޮނު މިރުސް ލައިގެން ފިހުނު ކުކުޅެއްވެސް ހިމެނިދާނެ އެވެ.

ރޯޔަލް ބިރިޔާނި: މި ބިރިޔާނި ތައްޔާރުކުރަނީ އެކަމަށް ހާއްސަކޮށްގެން އިންޑިޔާއިން ގެނެސްފައިވާ ގުޅިތަކެއްގައި އެވެ. މިއީވެސް ވަރަށް ރަހަމީރު ބިރިޔާންޏެކެވެ.

ބިލާދަރު: މި ޕެކޭޖްގައި ހިމެނެނީ 6 ފަރާޓާއި ކުކުޅެއް އަދި ޓޫނާ ސެލެޑެކެވެ. މި ޕެކޭޖްގައިވެސް ކުކުޅު ރޯސްކޮށްލެވިދާނެ އެވެ. ނުވަތަ ދިވެހި މިރުސްގަނޑެއް ލައިގެން ފިހެލެވިވެސްދާނެ އެވެ. ޓޫނާ ސެލެޑްގައި ތައްޔާރުކުރާއިރު ކަނޑުމަސް ނުވަތަ ދަޅުވެސް ހިމެނިދާނެ އެވެ.

މިއިން ކޮންމެ ޕެކޭޖަކީ ދެ މީހުންނަށް ހާއްސަ ޕެކޭޖެއްނަމަވެސް ރައިސް ޕޯޝަން އިތުރުކޮށް ހަތަރު މީހުންނަށް ރަނގަޅަށް އިންސާފުކޮށްލެވިދާނެ ކެއުންތަކެވެ. މި ކެއުންތަކީ އެ ރެސްޓޯރެންޓްގައި ވަރަށް މަގުބޫލުވެސް ކެއުންތަކެވެ. ކުރިއަށް އޯޑަރު ދިނުމުން މިތަކެތި ތައްޔާރުކޮށްދޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355