މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ދަށުން ހދ. ކުޅުދުއްފުށީގައި ހުރި އޭޓީއެމް ސެލްފް ސަރވިސް ބޭންކިންގ ސެންޓަރއަކަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފިއެވެ. މި ސެލްފް ސަރވިސް ސެންޓަރ ގާއިމްކޮށްފައިވަނީ ބީއެމްއެލް ކުޅުދުއްފުށީ ބްރާންޗް ހުރި އިމާރާތުގައެވެ.
އެ ބޭންކުން ބުނީ އޭޓީއެމް މެދުވެރިކޮށް ފަސޭހަކަމާއެކު 24 ގަޑިއިރު ބޭންކިންގ ހިދުމަތް ލިބޭނެ ކަމަށާއި މި ސެންޓަރ މެދުވެރިކޮށް ރަށުގެ ރައްޔިޔުންނަށާއި ރަށަށް ޒިޔާރަތްކުރާ އެތައް ސަތޭކަ ރައްޔިތުންނަށް ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
މިއާއެކު ކުޅުދުއްފުށީގައި 2 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ މިވަނީ ގާއިމްކުރެވިފައެވެ. ފުރަތަމަ ސެލްފް ސަރވިސް ސެންޓަރ ގާއިމްކޮށްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިމާރާތުގައެވެ.
ދާދި ފަހުން ބޭންކުންވަނީ ހދ. މަކުނުދޫ ގައި މުޅިން އަލަށް ސެލްފް ސާރވިސް ބޭންކިންގ ސެންޓަރ ހުޅުވައި ގދ. ފަރެސްމާތޮޑާގެ އޭޓީއެމް ސެންޓަރ އަލުން ހުޅުވާފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 69 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 130 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.