މާރޗްމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ މިންވަރު އިތުރުވެ ދައުލަތަށް ލިބުނު އާމްދަނީ އިތުރު ވެއްޖެ އެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާޗްމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ މިންވަރު އިތުރުވެ ދައުލަތަށް ލިބުނު އާމްދަނީ ވަނީ %13 އިތުރުވެފައެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރޗްމަހު ރާއްޖެއަށް 3.6 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މާރޗްމަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 3.2 ބިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ އަހަރު މާޗުމަހު ދައުލަތަށް 235 މިލިއަން ރުފިޔާ ލިބިފައިވާއިރު މި އަހަރު ލިބިފައިވަނީ 266 މިލިއަން ރުފިޔާއެވެ.
މިއަހަރުގެ މާރޗް މަހު އެކްސްޕޯޓް ދަށްވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ މާރޗް މަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 380 މިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ މާރޗް މަހު އެކްސްޕޯޓްކޮށްފައިވަނީ 301 މިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ %21 ދަށްވުމެކެވެ.
މާރޗްމަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކެއިންބުއިމަށް ބޭނުންކުރާ ތަކެއްޗެވެ. އެއީ 808 މިލިއަން ރުފިޔާގެ މުދަލެވެ. 2 ވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކަރަންޓު ސާމާނާއި އެކި ބާވަތްތަކުގެ މެޝިނަރީއެވެ. އެއީ 639 މިލިއަން ރުފިޔާގެ މުދަލެވެ.
ފާއިތުވިމަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ އަދި ސިންގަޕޫރެވެ. އޮމާން އިން 465 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަވާއިރު އިންޑިއާ އިން 439 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 432 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.
މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ތައިލޭންޑް، ޖަޕާން، އިންޑިއާ، އެމެރިކާ އަދި ޖަރުމަނުވިލާތެވެ.