ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުންކަމަށް ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ސޯލިހަށް މެސެޖެއް ފޮނުއްވާފައިވަނިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ރައީސް ނަޝިދު ކުރެއްވި މެސެޖް ރައީސްއަށް ލިބިވަޑައިގެންފައިވާކަމަށެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ސޯލިހަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލުކުރުމަށް ނިންމާފައިވާ ނިޒާމެއްކަމުގައިވާތީ މި ނިޒާމަށް ބަދަލެއް ގެނެވޭނީވެސް އާންމު ރައްޔިތުންގެ ވޯޓަކުންކަމަށް ރައީސް ދެކެވަޑައިގަންނަވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވިއެވެ.