twitterviber whatsapp telegramfacebookyoutube instagram
28th March 2024

ބަލި މަންމައެއް ބެލުމުގައި، ކުލުނާއި އޯގާތެރިކަމާއި ލޯބި

އަބްދުލް ވާހިދު ޙަސަން
Apr 21, 2021
1

އޭނާގެ ހުރިހާ ވަގުތެއް ކަހަލައިން ހުސްކޮށްފައިވަނީ ބަލި މަންމައަށްޓަކަ އެވެ. ނިދުމާއި ކެއުމާއި އެހެނިހެން ގިނަ ކަންކަން ކުރަނީވެސް މަންމަ ފެންނަ ހިސާބުގައި ހުރެގެންނެވެ. މުޅި ދުވަސްވެސް ދަނީ މަންމަގެ ހިދުމަތުގައި އެއްވެސް ފޫހިކަމެއް ނެތެވެ. ލޮތްބާއި ކުލުނާއި އޯގާތެރިކަމާއެކު ހުރީ މަންމަގެ ހިދުމަތުގައި ހިނިތުންވުމުގައި އެވެ.

38 އަހަރުގެ ޖެނިފާ އިބުރާހިމްގެ މަންމަ، ކުޅުދުއްފުށީ، މައްސާގުގެ އައިޝަތު ހަސަން (76އ) ސްޓްރޯކެއް ޖެހި ދާންމަތިވި އެވެ. 2017 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް އޭނާގެ މުޅި ދިރިއުޅުން ހުސްކޮށްފައި ވަނީ މަންމައަށް ހިދުމަތް ކުރުމުގައި އެވެ. މަންމަ ބަލިވި ފުރަތަމަ ދުވަސްކޮޅަކީ ޖެނީފާއަށް ކުރިމަތިވި ވަރަށް ހިތްދަތި ދުވަސްތަކެކެވެ. އެކަމަކު އާއިލާގެ މަސްލަހަތު ހިމެނޭތީވެ އެ ވާހަކަތައް ހިއްސާކުރަން ބޭނުމެއް ނުވި އެވެ. ޖެނީފާގެ ދުވަސް ފެށެނީވެސް މަންމަގެ ހިދުމަތުންނެވެ. ދުވަސް ނިމެނީވެސް އެހެންނެވެ.

"އެންމެ ކުރިންވެސް ހުރޭ ދުވަސްވީ މީހުންނަށް ހާއްސަ ގޮތެއް. މަންމަ ބަލިނުވާއިރުވެސް ދުވަސްވީ މީހުންނަށް އެހީތެރިވެދީ އުޅެން."

މަންމަ ބަލިވިތާ ފުރަތަމަ ދުވަސްކޮޅުގައި ރަނގަޅުކުރުމަށް ޖެނީ ވަރަށް މަސައްކަތްކުރި އެވެ. ޔޫޓިއުބުން ބަލައިގެން ކަސްރަތުކުރަން ދަސްކޮށް، މަންމަ އަށް ފިޒިޔޮދީވެސް ހެދި އެވެ. މޫދަށް ގެންގޮސްގެން ކަސްރަތުކޮށްދީ ވަރަށް ގިނަ މަސައްކަތުން ކުރިއެރުންތަކެއް ލިބުނެވެ. އެކަމަކު ދެވަނަ ސްޓްރޯކެއް ޖެހި ހާލަތު ދެރަވި އެވެ.

"ފަހުން ހަމަ ހިނގާލާވެސް އުޅުނު. ސޯފާއަށް ނުކުމެލާވެސް އުޅުނު، ދެން އުޅެނިކޮށް އަނެއްކާ ބޮޑަށް ބަލިވީ. ދެން އެކަމާ ބައްޕަވެސް ވިސްނާ ބަލިވީ." އަސަރާއެކު ޖެނީ ކިޔައިދިނެވެ.

ޖެނީ ބުނީ، މަންމަ އަބަދުވެސް ބޭނުންވަނީ އޭނާ މަންމަ ގާތުގައި ހުރުމަށް ކަމަށެވެ. ޖެނީއަކީ އޭނާގެ ގޭގެ 8 މެމްބަރުންގެ ތެރެއިން އެންމެ ހަގު މީހާ އެވެ. ބައްޕަ ބަލިވުމުންވެސް ބައްޕަގެ ގިނަ ކަންތައްތައް ކޮށްދީ އިސްވެ އުޅުނީ ޖެނީ އެވެ. އެކަމަކު ބައްޕަ ބަލިވިތާ މާގިނަ ދުވަހެއް ނުވެ ނިޔާވެއްޖެ އެވެ.

މަންމަ އާއި ބައްޕަ ގޮވައިގެން މޫދަށް ގޮސް އެ މީހުންނާއެކު މޫދުގައި އެތަކެއް ވަގުތެއް ހޭދަކުރެ އެވެ. ގޮނޑުދޮށުގައި ބައްޕައާއެކު އިށީދެ ވެލިމޮޑެ އުޅުނު ދުވަސްތަކުގެ މަތިން ޖެނީ ހަނދާންކުރީ ފެންކަޅިވެ އިނދެ އެވެ. މޫދަ ދިޔުމުގައި އާއި އެހެނިހެން ކަންކަމުގައި ޖެނީގެ ދޮންތަ އާއި ތުއްތަގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކުރި އެވެ. އަދި ފިރިމީހާގެ ފަރާތުން ލިބޭ އެހީތެރިކަން ޖެނީ ފާހަގަކުރި އެވެ.

އަދި އާއިލާގެ އެހެން މެމްބަރުންގެ ފަރާތުން ލިބޭ އެހީތެރިކަންވެސް ޖެނީ ފާހަގަކުރި އެވެ.

ޖެނީއަކީ އޭނާގެ ކަށީގައި ދުވަސްވީ މީހުންނަށް އެހީތެރިވުމުގެ ސިފަ ވަރަށް ބޮޑަށް އަށަގަނެވިފައިވާ މީހެކެވެ. ކުޑައިރުވެސް މަންމަ އާއި ބައްޕަގެ އެނދުމަތި ރީތިކޮށް ބައްޕަގެ ބޯކޮށާދީ އަދިވެސް ދުވަސްވީ ދުރު މީހުންގެ ނިޔަފަތި ކަނޑާދިނުންފަދަ ކަންކަން އޭނާ އައީ ކޮށްދެމުންނެވެ.

"ކުރީގައިވެސް މަންމަ އާއި ބައްޕަ ބުނާނެ، އެނދުމަތިން އެނގޭނެޔޭ ޖެނީ ރަށުގައި އުޅެންޏާއި ނޫޅެންޏާ. ވަރަށް ރީތިކޮށްށޭ އެނދު ބަހައްޓާނީ. އެއީ ބައްޕަ ވަރަށް ބުނާ އެއްޗެއް ހަނދާވާން އެއްޗެއް." ޖެނީފާ ބުންޏެވެ.

ޖެނީ ބުނީ އެންމެ އުފާވަނީ ބޭރު މީހުން މަންމަ ބަލާލެއް ހާދަ ރަނގަޅޭ ބުނުމުން ކަމަށެވެ. އެގޮތުން ނަރުހުންވެސް ވަރަށް ބޮޑަށް އެކަން ފާހަގަކުރާކަން ޖެނީ ބުންޏެވެ.

"ނަރުހުންވެސް ބުނޭ މިއީ ހާދަ ކޭއަރ ކޮށްގެން ލޯބިން ބަލާ ދައްތައެކޭ. ކޮވިޑް ޖެހިގެން ފުނަދޫއަށް ގެންދިޔައިރު އެތަނުގައި ތިބި މީހުންވެސް އެކަން ފާހަގަކޮށް ތައުރީފުކުރި. އެހެން ރަށެއްގެ ނުވެސް ދަންނަ ބަޔަކު އެކަން ފާހަގަކުރީމަ ވަރަށް އުފާވި ދުވަހެއް." ދެ ކުދިންގެ މަންމަ ބުންޏެވެ.

ޖެނީފާ އެންމެ ބޭނުންވަނީ އަމިއްލައަށް ދުވަސްވީ މީހުން ބަލާނެ ތަނެއް ހެދޭނެ ދުވަހަކަށެވެ. އަމިއްލައަށް ނުހެދުނަސް ރަށުގައި އެފަދަ ތަނެއް ހެދި އެތަނުގައި މަސައްކަތް ކޮށްލަން ލިބޭނެ ދުވަހަކަށެވެ. އެއީ މިހާރުވެސް އެތަކެއް ދުވަސްވީ މީހުންނަށް އެކަށީގެންވާ އަޅާލުން އާއިލާގެ ތެރެއިން ނުލިބި ވަނީ ބިކަވެފަ އެވެ. އެ މީހުންނަށް ލިބޭ އެލެވަންސް އަތުލާ ރަނގަޅަށް ނުބަލާ އެތަކެއް ބަޔަކު ތިބިކަން ޖެނީއަށް އެނގޭތީ އެވެ.

"އަޅުގަނޑުގެ ދުޢާއަކީ އެންމެންވެސް އެ މީހެއްގެ މައިން ބަފައިންނަށް ހެޔޮކޮށް ކަންތައްކުރުން." ޖެނީ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355