twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަބޫބަކުރު ގެފާނާއި ލޯފަން ނިކަމެތި އަންހެން މީހާގެ ވާހަކަ

ހ.މ
Apr 22, 2021
1

މިއުއްމަތުގެ މާތް 4 ޚަލީފާއިންގެ ޙަޔާތްޕުޅުގެ ކޮންމެ ކަމަކުންވެސް އަޅުގަނޑުމެންނަށް އެތައް އެތައް ދަރުސްތައް ލިބެއެވެ. އެއީ ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ތަރުބިއްޔަތު ވެފައިވާ މިއުންމަތުގެ އެންމެ ހެޔޮ ބޭކަލުންގެ ޒަމާނެވެ. އަބޫބަކުރު ގެފާނުގެ ޚަލީފާ ކަމުގައި ހިނގައިދިޔަ މި ހާދިސާއިންވެސް އެބޭކަލުންގެ މާތް ކަމާ ސަވާބާ ދަރަޖަ ލިބިގަތުމަށް ކުރައްވާ ބުރަ މަސައްކަތް ފާހަގަވެއެވެ.

އަބޫބަކުރު ގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރު އެކަލޭގެފާނު ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދުކޮށް ނިމުމުން، އެކަނިމާއެކަނި އަވަށުން ބޭރުގައި ހުންނަ ދެރަ ޖިފުޑި ގަނޑަކަށް ދާތަން ޢުމަރުގެފާނަށް ފެނުނެވެ. އުއްމަތުގެ ޚަލީފާއަކަށްވެ ހުރެ ކޮންމެ ދުވަހަކު މިގޮތަށް މިދަނީ ކޮންތާކަށްތޯ ބަލަން ޢުމަރު ގެފާނު ބޭނުންވެއްޖެއެވެ. އެހެންކަމުން އެއްދުވަހު އަބޫބަކުރު ގެފާނަށް ނޭނގޭ ގޮތަށް އެކަލޭގެފާނުގެ ފަސް ފަހަތުން ޢުމަރުގެފާނުވެސް ދިޔައެވެ. އަބޫބަކުރު ގެފާނު އެގެޔަށް ގޮސް އިރުއަރަންދެން އެތާނގައި އުޅެއެވެ. އިރުގެ އަލިކަން ވާއިރަށް ނުކުމެވަޑައިގެން ދެއެވެ.

އަބޫބަކުރު ގެފާނު ނުކުމެވަޑައިގަތުމުން ޢުމަރު ގެފާނު އެގެޔަށް ވެންނެވިއެވެ. އެކަލޭގެފާނަށް އެގެއިން ފެނިވަޑައިގަތީ މުސްކުޅި ނިކަމެތި ލޯފަން އަންހެނެކެވެ. ޢުމަރުގެފާނު އެއްސެވިއެވެ. ދެންމެ މިގެއިން އެދިޔައީ ކާކު ހެއްޔެވެ؟ އެއަންހެން މީހާ ޖަވާބު ދިނެވެ. އެއީ ކާކުކަމެއް ނޭނގެއެވެ. މާތްﷲ އެބޭކަލަކަށް ރަޙްމަތް ލައްވާށިއެވެ. އޭނާ އަހަރެމެންގެ މިގެ ސާފުކޮށް ދެއެވެ. އަހަރެމެންގެ އެއްޗެހި ދޮވެދެއެވެ. އަދި ހެނދުނުގެ ނާސްތާ ވެސް ތައްޔާރު ކޮށްދެއެވެ. އެއަށްފަހު އަހަރެމެންނާ ވަކިވެއެވެ.

ޢުމަރު ގެފާނު އެއްސެވިއެވެ. ކޮންމެ ދުވަހަކުވެސް އެކަލޭގެފާނު އެގޮތަށް ކަންތައް ކުރައްވާތޯ އެވެ؟ އެ އަންހެންމީހާ ދެންނެވިއެވެ. އާއެކެވެ. ކޮންމެ ދުވަހަކުވެސް ކޮށްދެއެވެ. ޢުމަރު ގެފާނަށް ވަގުތުން ކީރިތި ކުރެއްވުނެވެ. އަދި ދެންނެވިއެވެ. އެއީ އަހަރެމެންގެ ޚަލީފާ އަބޫބަކުރު ގެފާނެވެ.

މާތް ސަޙާބީ އަބޫބަކުރު ގެފާނު މާތްﷲގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ކުރައްވާ މަސައްކަތް ނިކަން ދެކިބަލާށެވެ. ދިރިހުއްޓާ ސުވަރުގެ ލިބޭނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވީ ނަމަވެސް، އެބޭކަލުންގެ ތަޤްވާ ވެރިކަމާ ހެޔޮ ޢަމަލުކުރުމަށް ދަހިވެތިވެފައިވާ މިންވަރު މިކުޑަ ހާދިސާއިން ވަރަށް ރަނގަޅަށް ލިބިދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355