twitterviber whatsapp telegramfacebookyoutube instagram
19th April 2024

އިމާމު ހުސެއިން އަހުމަދު: ދީނީ ކަންކަމުގައި މުޅި ހަޔާތް

Apr 25, 2021

ކުޅުދުއްފުށީގެ ފުރަތަމަ އިމާމް ހުސައިން އަހުމަދު، ކުޅުދުއްފުށީ މީހުންގެ ނަމުންނަމަ ދޮން ހުސޭނުބެ އަކީ ކުޅުދުއްފުށީ އެންމެންވެސް ދަންނަ ފަރިތަ ނަމެކެވެ. މި ލިޔުން މި ޙާއްސަ ކޮށްލަނީ ދޮން ހުސޭނުބެއާ ބެހޭ މައުލޫމާތު ކޮޅެއް ހިއްސާކޮށްލުމަށެވެ. ހުސޭނުބެއަކީ އޭނާގެ މުޅި ހަޔާތް ދީނީ ކަންކަމުގައި ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. ކުރިއަށްއޮތްތަނުގައިވެސް އޭނާ ބޭނުން ވަނީ އިމާމުކަމުގައި މުޅި އުމުރު ހޭދަކުރެއްވުމަށެވެ.

ހުސޭނުބޭގެ ތައުލީމީ ހަޔާތަށް ނަޒަރު ހިންގާލާއިރު ފެނިގެންދަނީ ހުސޭނުބެއަކީ ފެސުނީންސުރެވެސް ކިޔެވުމަށް މޮޅު ދަރިވަރެއްގެ ގޮތުގައެވެ. މާލޭގައި މައުހަދު ހުޅުވިގެން ދިޔައިރު މައުހަދުގެ އެންމެ އިސް ދަރިވަރުންގެ ތެރޭގައި ހުސޭނުބެ ހިމެނެއެވެ. އަދި މައުހަދުގައި އެންމެ ފުރަތަމަ 2 އަހަރުދުވަހުގެ ހިންގުނު މުދިމުކޯސް ފުރިހަމަ ކުރެއްވި ބޭފުޅުންގެ ތެރޭގައި ހުސޭނުބެ ހިމެނެއެވެ.

މިހާރު އިމާމެއް ކަމުގައި ވިޔަސް، މިއީ ހުސޭނުބެ އެންމެ ފުރަތަމަ ކުރިއަށް ދިޔުމަށް ހިޔާރުކުރި މަގެއް ނޫނެވެ. އަމީރު އަމީން ސްކޫލުން ޖެހި ޖެހިގެން ދެ އަހަރު މުޅި މަދަރުސާއިން އެއްވަނަ ހޯދުމުން އޭރުގެ އަތޮޅުވެރިޔާ، ތިޔަރަ ރަޝީދުގެ އެދުމަކަށް ހެލްތު ވޯކަރަކަށްވުމަށް ހުށަހެޅުނެވެ. ސެންޓަރު ހަސަންބެގެ އެހީތެރިޔެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. އެކަމަށް ހުސޭނުބެ އެއްބަސްވުމުން އޭރުގެ އަތޮޅު އޮފީސް ހުންނަ ރަށް، ނޮޅިވަރަންފަރަށް ގެންގޮސް، އަތޮޅުވެރިޔާގެ ސިޓީއަކާއެކު ހެލްތް ވޯކަރުކަން ކިޔެވުމަށް މާލެ ފޮވި އެވެ. އޭރު ހުސޭނުބޭގެ އުމުރަކީ 18 އަހަރެވެ. ނަމަވެސް އެކަން އެންމެ ރަނގަޅަށް ކުރިއަށް ނުދާތީ ދުވަސްކޮޅެއްފަހުން ވަގުތީ އިމާމަކަށް މާލޭގެ މިސްކިތެއްގެ މުދިމަކަށްވިއެވެ. އެ ހިސާބުން އިމާމުކަމުގެ ތެރެއަށް ވަދެވުނީ އެވެ. މުދިމެއްގެ ގޮތުގައި މާލޭގައި ހުސޭނުބެ 8 އަހަރު ހޭދަކުރެއްވި އެވެ.

ނަމަވެސް އޭރުވެސް ރަށަށް ބަދަލުވާ ހިޔާލެއް ގެންގުޅުއްވާތީ 1989 ވަނަ އަހަރު ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ގުރުއާން އަދި އިސްލާމް ޓީޗަރެއްގެ ގޮތުގައި ރަށަށް ބަދަލުވި އެވެ. ރަށަށް އައުމާއެކު އިމާމުކަން ކުރުމަށް ފުރުސަތު އެރުވި އެވެ. ސަބަބަކަށްވީ މައުހަދުން އޭރު ކިޔަވައިގެން ސަނަދު ނަގައިގެން އައިސް ހުރި އެހެން މީހަކު ރަށުގައި ނެތުމެވެ. އެހެން ގޮތަކުން ބުނާނަމަ ދީނީ ތައުލީމު އެފެންވަރަށް ކިޔަވައިގެން ހުރި އެހެން ބޭފުޅަކު ރަށުގައި ނެތީމަ އެވެ.

އެހެންވެ އޭރު ރަށުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ހުކުރު މިސްކިތުގެ އިމާމުކަން ހުސޭނުބެއާ ހަވާލުކުރަން ވަރަށް ބޭނުންވެ މަސައްކަތްކުރި އެވެ. އެކަމަކު އޭރުގެ ރަށުގައި ހުރި މަދު މިސްކިތްތަކުގައި މުދިމެއްގެ ގޮތުގައި ހުރި ދުވަސްވީ ބޭފުޅަކު އެކަމާ ހިތާނުވުމުން ހުސޭނުބެ، ކުރިން ނިންމައިގެން އައި ވަޒީފާއަށް، ހދ އޭއީސީގެ ޤުރުއާން ޓީޗަރަށް ދިޔައީ އެވެ.

މީހުން ގުޅޭ ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ހުސޭނުބެ 1989 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާހަމައަށް މަސައްކަތްކުރެއްވީ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އެވެ. އެދުވަސްވަރު މާލޭގައި އޮންނަ ޤުރުއާން މުބާރާތްތަކަށް ދަރިވަރުން ފަރިތަކޮށްދީ އެ ދަރިވަރުން ގޮވައިގެން މާލެ ގޮސް ހަދަ އެވެ. އަދި ސްކައުޓްގެ އެކި ހަރަކާތްތަކުވެސް ދަރިވަރުން ގޮވައިގެން ރަށްރަށަށް ހުސޭނުބެ ދިޔަ އެވެ.

ރަށަށް ބަދަލުވުމަށްފަހު އޭރު ރަށުގައި ބާއްވާ ހުރިހާ ރަސްމިއްޔާތެއްގައި ކަހަލައިން ޤުރުއާން ވިދާޅުވުމުގެ ފުރުސަތު ލިބިލައްވަނީ ހުސޭނުބެއަށެވެ. އެއީ ލިބުނު ވަރަށް ބޮޑު ފަރުހެކެވެ.

އެއަށްފަހު އިމާމުން ހޯދުމަށް ހުޅުވާލި ފުރުސަތެއްގައި ކުރިމަތިލައްވައި އެކަން ކާމިޔާބުކޮށް 2009 ވަނަ އަހަރުން ފެށިގެން މިއަދާ ޖެހެންދެންވެސް ހުސޭނުބެ ހުންނެވީ އިމާމުކަމުގައި އެވެ. މިއަހަރު 65 އަހަރުވާއިރު ރިޓަރާކުރެއްވުމަށްފަހުވެސް ހުސޭނުބޭ ބޭނުންވަނީ އިމާމެއްގެ ގޮތުގައި ދެމިހުންނަވާށެވެ.

މި މަސަތްކަތް ކުރިއިރު އެންމެ ހަނދާނުން ނުފިލާނެ ކަމަކަށް ދިމާވިކަމަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާކަމަށް ހުސޭނުބެ ވިދާޅުވި އެވެ.

"އެދުވަހު އިސްލާމީ މަރުކަޒުގެ މުދިމު، ދިރިމާ އަބްދުއްރަހްމާނީ އަދި މުނާޖާ ގޮވާ މާހޮގެ ދޮހޮއްކޮބެ ރަކީނުކޮށްގެންދިޔަ. ހަމަ އެދުވަހު ސަރުކާރުން އިސްލާމީ މަރުކަޒުގެ މުދިމުކަމާއި މުނާޖާ ގޮވަން އަޅުގަނޑާ ހަވާލުކުރި." 64 އަހަރުގެ ހުސޭނުބެ ވިދާޅުވި އެވެ.

އޭރުގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޝާތިރު އެންގެވުމަށް ސަރުކާރު ހުޅުވާ ހަމައަކަށް އެޅެންދެން އިސްލާމީ މަރުކަޒުގައި 5 ވަގުތު ބަންގި ގޮވާ މުނާޖާ ގޮވީ ހުސޭނުބެ އެވެ. އޭގެ ފަހުން ކަންކަން ހަމައަކަށް އެޅުމުން އިސްލާމީ މަރުކަޒުގެ އިމާމުކަން ގަބޫލުކުރުމަށް އަހުމަދު ޝާތިރު އެދިލެއްވި ނަމަވެސް ރަށަށް ހިދުމަތްކުރަން ބޭނުންވާތީ ފުރުސަތު ދޫކޮށްލާފައި ރަށަށް ބަދަލުވީ އެވެ.

ދީނީ ހިދުމަތުގައި 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އިމާމުކަމުގެ ދާއިރާއަށް ކުދިން ނެރުމަށްވެސް ހުސޭނުބެ މަސައްކަތްތަކެއްކޮށްފައި އެބަހުއްޓެވެ. އެކަމަކު އެކަމަށް ޝައުގުވެރިވާ ކުދިންގެ އަދަދު މަދުވުމުން ހުސޭނުބެ އެންމެ ބޭނުންވާ ވަރަށް ދާއިރާއަށް ކުދިން ނެރުމަށް ހުރަސްތައް އޭރުވެސް މިހާރުވެސް އެބަހުއްޓެވެ. މިއަދުވެސް އިމާމުކަމާއި ދީނީ އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ހުސޭނުބެގެ އަތް ވަނީ ހުޅުވާލެވިފަ އެވެ.

ހުސޭނުބޭގެ ހިދުމަތުގެ ދިގު ތާރީހުގައިވެސް އެންމެ ފާހަގަކޮށްލެވޭކަމަކީ ވަޒީފާއަށް ގަޑިއަށް ހާޒިރުވުމާއި ވެރިންނަށް ކިޔަމަންތެރިވުމުގެ ރިވެތި މިސާލެވެ. ހުސޭނުބޭގެ މަސައްކަތާ ބެހޭގޮތުން ކުޅުދުއްފުށީ ކައުންސިލުން ބުނީ، އިމާމު ހުސެއިން އަހުމަދަކީ މަސައްކަތުގައި ވަރަށް ފަރުވާތެރިވާ އިމާމެއްކަމަށެވެ. ގަޑިއަށް ސަމާލުކަންދޭ ބޭފުޅެއްގެ ގޮތުގައި އެވެ.

"ދުވަހަކުވެސް ގަޑި ޖެހިފައެއް ނެތް. ވަރަށް ފަރުވާތެރިކަމާއެކު ނަމާދުކުރައްވާ އިމާމެއް." ހުސޭނުބެއާ ބެހޭގޮތުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވި އެވެ.

ކައުންސިލުން ބުނީ މަސައްކަތުގައި ފަރުވާކުޑަވެ ނަސޭހަތެއްވެސް ހުސޭނުބެއަށްދޭން ނުޖެހޭ ކަމަށެވެ. އަދި ނަމާދުގައި ޖެހޭ ކުށްތައްވެސް ވަރަށް މަދު އިމާމެއްކަމަށާއި އެހެން އެވަނީ އެކަމަށް ބަހައްޓާ ސަމާލުކަމާއި ފަރުވާތެރިކަމުންކަންވެސް ކައުންސިލް ފާހަގަކުރައްވަ އެވެ.

ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި، މިހާރުގެ އެސިސްޓެންޓް ޑިރެކްޓަރު އިސްމާއިލް އިބުރާހިމް ވިދާޅުވީ، ހުސެއިން އަހުމަދު ފާހަގަކުރެވެނީ ސަމާސާ މިޒާޖެއްގެ ހިތްހެޔޮ، ވަޒީފާއަށް ވަރަށް އިހްލާސްތެރި އިމާމެއްގެ ގޮތުގައި އެވެ.

ކައުންސިލްގެ ވެރިންގެ ފަރާތުންވެސް އެނގިގެންދަނީ ހުސޭނުބެއަކީ މަސައްކަތް ވަރަށް އިހްލާސްތެރި ބޭފުޅެއްގެ ގޮތުގައި އެވެ. ހުސޭނުބެއަކީ ހަމައެކަނި އިމާމެއްް ނޫނެވެ. އޭނާއަކީ ދީނީ އެކި ކަންކަމުގެ ގިނަ ސަނަދުތަކެއް އެންމެ ކުރީގައި ނެގި ބޭފުޅެކެވެ. މައުހަދުން ހުސޭނުބެ ވަނީ ގާރީކަމާއި، ރާއްޖެތެރޭ ރަށެއްގެ ވެރިކަމާއި، ހުކުރުކުރުމާއި ޖަމާއަތްތެރިކަމާއި، ކައިވެނިކޮށްދިނުމުގެ ސަނަދުގެ އިތުރުން ހިތާނު ކުރުމުގެ ސަނަދު ފަދަ މުހިންމު އެތަކެއް ސަނަދެއް ނަގާފަ އެވެ. ސަނަދެއް އޮވެ އެންމެ ފުރަތަމަ ކުޅުދުއްފުށީގައި ކުދިން ހިތާނުކުރަން ފެށީވެސް ހުސޭނުބެ އެވެ.

"ހުރިހާ ކުދިންނަށްވެސް ބުނަލަން ބޭނުންވަނީ މިކަމުން ކުރިއަށްދާށޭ، މިއީ ދެ ދުނިޔޭގެ ބާޖަވެރިކަން މީހަކަށް މާތްﷲ ދެއްވާނެކަމެކޭ މިއީ އިމާމުކަމަކީ." ހުސޭނުބެ ވިދާޅުވި އެވެ.

އަޅުކަމުގައި އިމާމުގެ ދަރަޖަ އުފުލިފައިވާކަން ފާހަގަކުރައްވަމުން ހުސޭނުބެ ވިދާޅުވީ މައުމޫމުންނާ ހިލާފަށް، ބަންގި ގޮވާ މީހުންނަކީވެސް މަހުޝަރު ދުވަހުން ހާއްސަ ދަރަޖައެއް ލިބިގެންވާ ބައެއްކަމަށް ހަދީސްތަކުން އެނގޭ ކަމަށާއި އެހެންވުމުން ދޭނެ ނަސޭހަތަކީ މިއީ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް ހުރި ވަރަށް ރަނގަޅު ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މިކަމުގައި ވީހާވެސް ގިނަ ބަޔަކު ކުރިއަށްދިޔުމަކީ ހުސޭނުބެގެ ވަރަށް ބޮޑު އުންމީދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355