ފަލަސްތީނާއި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރަން ދައުވަތެއް ލިބި ވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހާއި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ގައި ތަގުރީރު ކުރައްވަން އެމަނިކުފާނަށް ސިޓީއެއް ލިބި ވަޑައިގެންފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް އަދި ނުނިންމަވާ ކަމަށެވެ.
ފަލަސްތީނަށް މިނިވަން ދައުލަތެއް ހައްގުވާ ކަމަށާއި އެކަމާ މަޖިލީހުގެ އެއްވެސް މެންބަރަކު ދެބަސްވެ ވަޑައި ނުވާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް އެހީތެރިކަމެއް ދެވެން އޮތް ނަމަ އެކަމެއްގައި އެހީ ވެދިނުމަށް ދިވެހިން ތިބޭނީ ތައްޔާރަށް ކަމަށާއި އެފަދަ އެހީތެރިކަމެއް ފޯރުކޮށް ދެވެނޭ މަގެއް ހޯދަން މަޖިލީހުގެ މެމްބަރުން ވިސްނާ ވަޑައިގަތުމަށް ވެސް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.
އިޒުރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް ނަޝީދަށް ދައުވަތެއް ލިބިވަޑައިގެންނެވި އިރު އެމަނިކުފާނުގެ ވެރިކަމުގައި އިޒްރޭލާ ގާތްގުޅުންތަކެއް ބޭއްވި ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފިއްތުއްތައް ކުރިމަތިކުރި އެެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އިޒްރޭލުގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ގެނެސް ޕްރޮގްރާމުތަކެއް ކުރިއަށް ގެންދަން އުޅުމުން އެކަމާ ދެކޮޅަށް ކުރި މުޒާހަރާތަކާ ގުޅިގެން ފަހުން އެކަން ވަނީ ހުއްޓާލާފަ އެވެ.