ކުޅުދުއްފުށި ސިޓީ މިދިޔަ ހޯމަ ދުވަހު ފެނުނު، ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިހާތަނަށް 234 ރޭންޑަމް ސާމްޕަލެއް ނަގައިފި އެވެ.
ބަލީގެ އަލާމަތް ހުރެގެން ހޯމަ ދުވަހު ކުޅުދުއްފުށީ ފުލޫ ކްލިނިކަށް ދެއްކި 3 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މި ތިން މީހުންނަކީވެސް އެއްގެޔެއްގައި އުޅޭ ތިން މީހުންނެވެ. މިކަމާ ގުޅިގެން ރަށް ބަންދުކޮށް ކޮންޓެކްޓް ޓްރޭސިން ހަދައި ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދޭ ގޮތުގައި މިހާތަނަށް 234 ރޭންޑަމް ސާމްޕަލް ނަގާފައިވާއިރު ނަތީޖާ ލިބިފައިވަނީ 134 ސާމްޕަލެއްގައި ކަމަށެވެ. ނަތީޖާ ލިބުނު ސާމްޕަލްތައް ނެގެޓިވް އެވެ.
100 ސާމްޕަލް ޓެސްޓްކުރުމުގެ މަރުހަލާގައި ކުރިއަށްދާއިރު މިއަދު އަދި އިތުރަށް ރެންޑަމް ސާމްޕަލް ނަގާނެކަމަށް ކޭއާރުއެޗުން މައުލޫމާތުދެ އެވެ.
ހޮސްޕިޓަލުން ބުނީ ޕޮޒިޓިވް ތިން ކޭސް، ޕޮޒިޓިވްވި ސަބަބު އަދި ދެނެގަނެވިފައިނުވާ ކަމަށެވެ. އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ޕޮޒިޓިވްވި 3 މީހުންގެ ކްލޯޒް ކޮންޓެކްޓުގެ ގޮތުގައި 25 މީހަކު ތިބިއިރު އެ މީހުން ތިބި ގެތައް ވަނީ ބަންދުކޮށްފަ އެވެ. އެގޮތުން 13 ގެޔެއް ވަނީ ބަންދުކޮށްފަ އެވެ.
ޕޮޒިޓިވްވި 3 މީހުންގެ ތެރެއިން އެކަކު ރޯގާގެ އަލާމަތްތައް ހުރި ނަމަވެސް އެންމެ ހާލުވެސް ޖުމްލަކޮށް ރަނގަޅުކަމަށާ އެހެންވެ އެއްވެސް މީހަކު މިހާތަނަށް ފުނަދޫ ފެސިލިޓީއަށް ގެންދަން ހަމަޖެހިފައިނުވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.