twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރައީސް ނަޝީދަށް ދިން ހަމަލާގައި ހައްޔަރުކުރީ ހަރުކަށި ފިކުރުގެ ދެމީހުން

ޚަދީޖާ އާދަމް
May 8, 2021

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފި އެވެ. ހައްޔަރުކޮށްފައިވާ ދެމީހުންނަކީ މީގެ ކުރިންވެސް ކުށުގެ ރިކޯޑް އޮތް ދެމީހުންކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަކީ ހަރުކަށި ފިކުރު ގެންގުޅޭ ބައެއް ކަމަށާއި އެ މީހުންނަކީ މީހުން މަރަން ފަސް ނުޖެހޭނެ ފަދަ ނުރައްކާތެރި ފިކުރުގެ ބައެއް ކަމަށެވެ.

ހައްޔަރު ކުރި ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21އ. އާއި ތަހުމީން އަހުމަދު ފޮޅޭމާ، ގއ. ކޮނޑޭ، 32އ. އެވެ.

ފުލުހުންގެ ކްރައިމް އެންޑް އިންވެސްޓިގޭޝަންސް ޑިޕާޓްމެންޓުގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ހައްޔަރުކުރި ދެމީހުންގެ ތެރެއިން މުޖާޒަކީ އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާއި ސީދާ ގުޅުމެއް އޮތް މީހެއް ކަމަށެެވެ.

ނަމަވެސް އެ މީހުން ނިސްބަތްވަނީ ހަރުކަށިކޮން ފިކުރަކާ ކަމެއް އަދި ދެނެނުގަނެވޭ ކަމަށާއި މި ހަމަލައާއި ގުޅުންހުރި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާއިރު މިއަދު ހައްޔަރު ކުރި ދެމީހުންނާއި، ހޯދަން ފޮޓޯ އާންމު ކުރި މީހާ އަކީ އެ ހަތަރު މީހުންގެ ތެރޭ ހިމެނޭ ބަޔެއް ކަމަށް އޭސީޕީ ރިޔާޒު ވިދާޅުވި އެވެ.

ފުލުހުން މިއަދުގެ ޕްރެސްގައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ މަޖީދީމަގާއި ނީލޯފަރު ހިނގުން ގުޅޭ ސަރަހައްދުގައި ދިން ހަމަލާގެ ވީޑިއޯ ފޫޓޭޖެއްވެސް އާންމު ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355