މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައި ދިން ހަމަލާ ހާއްސަ އިސްކަމެއް ދީގެން ބަލަން ނިންމާފައިވާކަމަށް މަޖިލީހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއެއް މިއަދު ވަނީ ބާއްވާފަ އެވެ.
އެ ކޮމިޓީއަކީ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލަ ބަލަމުންދާ ޖޮއިންޓް ކޮމިޓީ އެވެ. އެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ރިސެސް ނިންމައި ދެން މަޖިލިސް ފަށާނީ މޭ 17 ގައި ކަމަށެވެ. އެހެން ނަމަވެސް 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސް ދިނުމަށް އޭނާ އެދިވަޑައިގަތެވެ.
އެ ދެ ކޮމިޓީގެ މެމްބަރުން ކޮންމެ ވަގުތަކުވެސް މަޖިލީހަށް ދެވޭގޮތަށް ތިއްބެވުމަށް އީވާ އެދިވަޑައިގެންނެވި އެވެ. އަދި މޭ 17 ގައި މަޖިލިސް ހުޅުވޭ ދުވަހު އެ ދެ މައްސަލާގައި ކޮންމެވެސް ކަހަލަ ރިޕޯޓެއް އެޖެންޑާ ކުރެވޭނެ ވަަރަށް މަސައްކަތް ކުރިއަށް ގެންގޮސް ދިނުމަށް އީވާ އެދިވަޑައިގަތެވެ.
އީވާ މިއަދު ވަނީ 241 ކޮމިޓީއިން ވަކިވެފަ އެވެ. އީވާގެ ބަދަލުގައި އެ ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ.