twitterviber whatsapp telegramfacebookyoutube instagram
22nd October 2026

ގަރާރަށް ބަހުސް ކުރުމުގެ ކުރިން ވޯޓެއް ނަގަން ޖެހޭ ގޮތް ހަދަނީ

Oct 21, 2026

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސް ކުރުމުގެ ކުރިން ވޯޓެއް ނަގައިގެން ފާސް ކުރަން ޖެހޭ ގޮތް ހަދަން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހުގައި އާންމުކޮށް އަމަލު ކުރާ އުސޫލަކީ ގަރާރެއް ހުށަހެޅުމުން ފުރަތަމަ ކިޔުން އިއްވުމަށް ފަހު މަޖިލީހުގެ ތަޅުމުގައި އެ ގަރާރަކަށް ބަހުސް ކުރާނެ އެވެ. އަދި އެ ގަރާރު ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ ބަހުސް ނިމުމަށް ފަހު އެވެ.

ނަމަވެސް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ވަނީ މަޖިލީހުގެ ގަވާއިދު 191 ވަނަ މާއްދާ އިސްލާހު ކުރަން ހުށަހަޅައިފަ އެވެ. އެ އިސްލާހު އާންމު ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

އޭނާ ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ ގަރާރުގެ ބަހުސް ފެށުމުގެ ކުރިންނެވެ. އަދި ގަރާރު ބަލައިގަންނަން ފާސްވެއްޖެނަމަ އެ ގަރާރާ ގުޅޭ ކޮމިޓީއަކަށް ދާނެ އެވެ. އަދި ފާސް ނުވެއްޖެ ނަމަ ގަރާރު ބާތިލް ވާނެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން އިތުރަށް ބަހުސްކުރުމެއް ނޯންނާނެ އެވެ.

މިއީ އާންމުކޮށް މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތަކާ މެދު އަމަލު ކުރާ ގޮތެވެ. އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅި ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީން އެ މައްސަލަތަކަށް ބަހުސް ނުކޮށް ވަގުތު ބޭރު ކޮށްލަ އެވެ. އެހެންވެ މަޖިލީހުގެ މައިނޯރިޓީން މިހާރު ގިނަ މައްސަލަތައް ހުށަހަޅަނީ ގަރާރެއް ގޮތުގަ އެވެ. ސަބަބަކީ އެ މައްސަލަތަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމުގެ ފުރުސަތު ލިބޭތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293