އިންޑިޔާގައި ބާރު ސްޕީޑެއްގައި ކޮވިޑް 19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އިންޑިޔާގެ ރައްޔިތުން، ކޮވިޑުން ސަލާމަތްވާކަމަށް ބުނެ ގެރިގުއި މުޅި ހަށިގަނޑުގައި ހާކާތީ އެ ގައުމުގެ ޑޮކްޓަރުން ކަންބޮޑުވުންފާޅުކޮށްފި އެވެ.
ގެރިގުއި މުޅި ހަށިގަނޑުގައި ހޭކުމުން ކޮވިޑް 19 އިން ސަލާމަތް ވެވޭނެ ކަމަށް މި މީހުން އައީ ބުނަމުންނެވެ. މީގެ ކުރިންވެސް ގެރިގުއި އެކި ކަންކަމަށް ބޭނުން ކޮށްފައި ވާކަމަށާއި އެގޮތުން ގެތައް ދޮވެ ސާފު ކުރުމަށާއި އަޅުކަން ކުރުމަށް ގެރިގުއި ބޭނުން ކުރަމުން އައި ކަމަށް އެމީހުން ވަނީ ބުނެފައެވެ.
22.66 މިލިއަން ޕޮސިޓިވް ކޭސް ފެނިފައިވާ އިންޑިޔާގައި ގެރިގުއި ގައިގައި ހޭކުމުން މީހުންގެ ދިފާއީ ނިޒާމް ވަރުގަދަވާ ކަމަށާއި މިއީ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް މުހިންމު ކަމެއް ކަމަށް އެމީހުން ދެކެއެވެ.
މި ކަމާ ބެހޭގޮތުން އިންޑިއާގެ މެޑިކަލް އެސޯސިއޭޝަންގެ ޕްރެސިޑެންޓް ބުނެފައިވަނީ ސައިންޓިފިކް ގޮތުން ގެރިގުއިން ކޮވިޑް 19 އަށް އެއްވެސް ގޮތަކުން ފަރުވާ ލިބޭނެ ހެއްކެއް ފެންނަން ނެތް ކަމަށާއި ގެރިގުއި އަދި ގެރީގެ ކުޑަކަމުދާ ތަކެތި ބޭނުން ކުރުމުގެ ސަބަބުން އެކިކަހަލަ ބަލިތައް ފެތުރޭނެ ކަމަށެވެ.
ގިނަ ބަޔަކު މި ގޮތައް އެއްވެ އުޅުމަކީ އިންޑިޔާގައި ކޮވިޑް ގެ ހާލަތު އެހާ ނާޒުކު ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި ބަލި ފެތުރުމަށް ލިބޭ އިތުރު ފުރުސަތެއް ކަމަށްވެސް ޑޮކްޓަރުން އަންނަނީ އިންޑިޔާގެ ރައްޔިތުންނަށް އިންޒާރު ދެމުންނެވެ.
ސޯޝަލް މީޑިއާގައި އިންޑިއާގެ ބަޔަކު ގެރިގުއި ބޭނުން ކުރާ މަންޒަރު ތައް ދަނީ ދައުރުވަމުންނެވެ. މިކަމަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އިންޑިޔާގެ ބައެއް ގަބޫލުކުރުންތަކުގައި ގެރިއަކީ މާތް ޖަނަވާރެކެވެ.