މި އަހަރުގެ އޭޕްރީލް މަހު ރާއްޖެ އަށް ތިން ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާކަމަށާއި، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 67 ޕަސެންޓްގެ އިތުރުވުމެއްކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެ މުއްދަތުގެ ތެރޭގައި އެތެރެކޮށްފައިވަނީ 1.8 މުދަލެވެ. އެގޮތުން އިމްޕޯޓު ކުރި މުދަލުގެ ތެރެއިން 779 މިލިއަން ރުފިޔާގެ މުދަލަކީ ކާބޯތަކެއްޗެވެ. 517 މިލިއަން ރުފިޔާގެ އަގުހުރި މެޝިނަރީ އާއި މެކޭނިކަލް އިކުއިޕްމެންޓު މިދިޔަ މަހު އެތެރެކޮށްފައިވާއިރު މިދިޔަ މަހު 402 މިލިއަން ރުފިޔާގެ ތެލާއި ގޭހުގެ ބާވަތްތައް ރާއްޖެ އެތެރެކޮށްފައި ވެއެވެ.
ރާއްޖެ އަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އިންނެވެ. 444 މިލިއަން ރުފިޔާގެ މުދާ އެ ގައުމުން އެތެރެކޮށްފައިވާއިރު އިންޑިއާ އިން 411 މިލިއަން ރުފިޔާގެ މުދާ، އޮމާން އިން 370 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕީރުން 314 މިލިއަން ރުފިޔާގެ މުދާ، ޗައިނާ އިން 207 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވެއެވެ.
އެކްްސްޕޯޓަށް ބަލާއިރު ރާއްޖެއިންް އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓުކޮށްފައިވަނީ ގަނޑުކުރި ކަނޑުމަކެވެ. އެގޮތުން 174 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު ވަނީ އެކްސްޕޯޓު ކޮށްފަ އެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ 81 މިލިއަން ރުފިޔާގެ މުދަލެވެ. 12 މިލިއަން ރުފިޔާގެ މުދާ އިންޑިއާ އަށް އެކްސްޕޯޓުކޮށްފައިވާއިރު އެ އަދަދަށް އިނގިރޭސިވިލާތަށްވެސް ވަނީ އެކްސްޕޯޓު ކޮށްފައެވެ. ދެން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ އެމެރިކާ އަދި ޖަރުމަނަށެވެ.
ކަސްޓަމްސްގެ ހިސާބުތަކަށް ބަލާއިރު ކަސްޓަމްސް މެދުވެރިކޮށް މިދިޔަ މަހު ރާއްޖެ އަށް ލިބުނު އާމްދަނީ ވަނީ 101 ޕަސެންތު އިތުރުވެފައެވެ. މި އަހަރުގެ އޭޕްރީލް މަހު ޑިއުޓީ އަށް 261 މިލިއަން ރުފިޔާ އަދި ރޯޔަލިޓީގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ޑިއުޓީ އަށް ލިބުނީ 129 މިލިއަން ރުފިޔާ އެވެ.