ހދ ނޭކުރެންދޫއިން މިދިޔަ މަހު 31 ވަނަ ދުވަހު ނެގި 91 ސާމްޕަލްގެ ތެރެއިން 8 ސާމްޕަލެއް ޕޮޒިޓިވްވި އެރަށުން ބަލި ޖެހުނު މީހުންގެ އަދަދު 60 އަރައިފި އެވެ.
ނޭކުރެންދޫ ކައުންސިލްގެ ނައިބް ރައީސް އަދި އެރަށު ޓާސްކްފޯސް ހިންގުމާއި ހަވާލުވެ ހުންނެވި އަލީ އާދަމް ވިދާޅުވީ މިހާރު ނަތީޖާ ނުލިބޭ ސާމްޕަލެއް ނެތް ކަމަށާއި އެންމެ ފަހުން މިދިޔަ މަހު 31 ވަނަ ދުވަހު ނެގި 91 ސާމްޕަލުގެ ތެރެއިން 8 ސާމްޕަލް ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިގެ މަސައްކަތް ފަށާފައިވާނެ ކަމަށެވެ.
އެގޮތުން މިއަދު އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށާއި ފަހުން ޕޮޒިޓިވްވި 8 މީހުންނަކީ އެރަށުން އެންމެ ފުރަތަމަ ފެނުނު ކޭސްއާއި ގުޅުން ހުރި މީހުންކަމަށާއި ރަށުގައި މިވަގުތު އިތުރު ކްލަސްޓާއެއް ފާހަގަވެފައި ނުވާކަމަށް އަލީ ވިދާޅުވި އެވެ.
ކޮންޓެކްޓް ޓްރޭސްއިން ފާހަގަވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި ހައި ރިސްކު މީހުންވެސް ހިމެނޭކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އަލީ ވިދާޅުވީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ފިހާރަތަކުން ދެމުން ގެންދިޔަ ޑެލިވަރީގެ ހިދުމަތްވެސް މިހާރު ދެމުން ގެންދަނީ ފުލުހުންކަމަށާއި އެގޮތުން ކޮންމެ ގެއަކަށްވެސް ދުވާލަކު 3 ފަހަރު ޑެލިވަރީގެ ހިދުމަތް ދެމުން ގެންދާނެކަމަށެވެ.
މީގެ އިތުރުން ރަށަށް މުދާ ހިފައިގެން އަންނަ ބޯޓުން މުދާ ބަނދަރަށް ބޭލުމުން އެތަކެތި ޑިސްއިންފެކްޓް ކުރުމާށްފަހު މުދާތައް ޑެލިވަރީކޮށްދެނީވެސް ފުލުހުންކަމަށް އަލީ ވިދާޅުވި އެވެ.
އޭނާވަނީ މިފަދަ ދަނޑިވަޅެއްގައި އެރަށުގެ މުވައްސަސާތަކުންނާއި ރައްޔިތުން ޓާސްކްފޯސްއަށް ދެމުން ގެންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.