twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރަނގަޅު ނިންމުމެއް، ޓިވެޓް ސެންޓަރު އިރުމައްޗަށް!

އަބްދުލް ވާހިދު ޙަސަން
Jun 9, 2021
4

ސްޓޭޓް އޮފް ދި އާރޓް، ޓިވެޓް ސެންޓަރު ކުޅުދުއްފުށީގައި ގާއިމުކުރާނީ ރަށުގެ އިރުމަތިކޮޅުގައި ކަމަށް ކައުންސިލުން ނިންމައިފި އެވެ. މިއީ ޒުވާނުންނަށް މަސައްކަތާއި ހުނަރު ދަސްކޮށްދީ، އަދި އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ.

ޓިވެޓް އިންސްޓިޓިއުޓް އިމާރާތް ކުރާނެ ބިން ކަނޑައެޅުމަށް މިއަދު ކުޅުދުއްފުށީ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްވީ ރަށުގެ އިރުމަތިކޮޅުގައި އެ އިންސްޓިޓިއުޓް ގާއިމުކުރުމަށެވެ. އެގޮތުން ޓިވެޓް ސެންޓަރު އެޅުމަށް ކައުންސިލުން ފާސްކުރީ މަގާންމަގުގެ ދެކުނުން އަމީރު އަމީން ސްކޫލާއި ދެމެދު އޮންނަ ހުސް ސަރަހައްދުގެ ބިމެއްގައި އެވެ.

މި ބަހުސްގައި ވާހަކަ ދައްކަވަމުން ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު އަހުމަދު އަބުދުﷲ (ރޯޒޭ) ވިދާޅުވީ، ރަށުގެ އިރުމަތި ސަރަހައްދުގައި މިފަދަ ޕްރޮޖެކްޓްތައް ހިންގާފައިވަނީ ވަރަށް މަދުން ކަމަށާއި އެހެންވުމުން އެ ސަރަހައްދުގައި ޓިވެޓް ސެންޓަރު އެޅުމުން އެ ހިސާބުގަނޑަށް ބޮޑު މޫވްމެންޓެއް ކުރިއޭޓްވެގެންދާނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ސެންޓަރު އަޅާއިރު އެތަނުގައި ހުރި ދުވަސްވީ ބޮޑެތި ގަސްތައް ނުކަނޑައި އެގަސްތައް ބަހައްޓައިގެން އިމާރާތްކުރެވޭނެ ކޮންސެޕްޓެއް މިނިސްޓްރީއަށް ހުށަހެޅުމަށްވެސް އަހުމަދު އެދިލެއްވި އެވެ.

ރޯޒޭގެ ވާހަކަތަކަށް ތާއިދުކުރައްވާ ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، އިރުމަތި ސަރަހައްދުގައި މޫވްމެންޓް ކުރިއޭޓްކުރުމަކީ ހުރިހާ އެންމެންވެސް ކުރަން ޖެހިފައި އޮތް ކަމެއްކަމަށެވެ. އަދި އެއީ ރަށު އިރުމަތި ފަރާތުގެ މަލަމައްޗަށްވާއިރު އެތަނުގައި އިމާރާތެއް އަޅާއިރު އިމާރާތުގެ ޑިޒައިން ވާން ޖެހޭނީ މަލަމަތީގެ ރީތިކަން ހިފެހެއްޓޭނެ ޑިޒައިނަކަށް ހެދުމަށް އޭނާ އެދިލެއްވި އެވެ.

ރޯޒޭ އާއި ޑެޕިއުޓީގެ ވާހަކަތަކަށް ތާއިދުކުރައްވައި ކައުންސިލަރު އާތިފާ އާއި މުހައްމަދު އަދި މަޖީދަވެސް ވާހަކަދެއްކެވި އެވެ. އެ ބޭފުޅުންގެ ވާހަކަތައް ބޮޑަށް އަލިއަޅުވާލީ ޓިވެޓް ސެންޓަރުގެ މަސައްކަތް ވީހާވެސް އަވަސްކުރުމަށެވެ. އަދި އެކަމުގެ ސަބަބުން ޒުވާނުން ބިނާކުރުމަށް ފަހިވެގެންދާނެ ފުރުސަތުތަކާ ބެހޭ ގޮތުންވެސް ކައުންސިލަރުން ވާހަކަދެއްކެވި އެވެ.

ކުޅުދުއްފުށީގައި މިހާތަނަށް ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާގޮތުން އިރުމަތި ސަރަހައްދު ވަނީ ވަރަށް ބޮޑަށް އެކަހެރިވެ ބާކީކުރެވިފަ އެވެ. އެހެންވުމުން އެސަރަހައްދުގައި ވިޔަފާރިތަކާއި އެހެނިހެން ހަރަކާތްތައް ހިންގުމަށްވަނީ ދަތިތައް ކުރިމަތިވެފަ އެވެ. އެއީ އެ ސަރަހައްދުގެ ރައްޔިތުންގެވެސް ވަރަށް ބޮޑު ޝަކުވާއެކެވެ.

މިއީ ޕީއެސްއައިޕީގެ ދަށުން ކުޅުދުއްފުށީގައި އަޅަން ނިންމި ޕްރޮޖެކްޓެއް، މެދުރާއްޖެތެރޭގައި ޓިވެޓް ސެންޓަރު ރ އަލިފުށީގައި އަޅައިއިރު ދެކުނުގައި މި ސެންޓަރު ގާއިމުކުރަނީ ފުވައްމުލައް ސިޓީގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355