މިދިޔަ ބުދަ ދުވަހު ކުޅުދުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 45 އަހަރުގެ މީހާ، ކޮންޓެކްޓް ޓްރޭސިން އަށް އެއްބާރުލުން ނުދޭކަމަށް ހެލްތް އޮފިސަރުން ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ސީކްއީން ބޯޓްގައި މަސައްކަތްކުރާ މި ފަޅުވެރިޔާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމަތްތައް ހުރެގެން ބުދަދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކޮވިޑް އޯޕީޑީއަށް ދެއްކުމުން ހެދި ޓެސްޓުންނެވެ.
ކޭއޯއާ ވާހަކަދެއްކި ބައެއް އޮފިޝަލުން ވިދާޅުވީ، އެ މީހާ ކޮންޓެކްޓް ޓްރޭސިންއަށް އެއްބާރުލުން ނުދޭ ކަމަށެވެ. އެކަމުގައި އެންމެ ފުރިހަމައަށް އެ މީހާ މައުލޫމާތު ނުދޭއިރު ދޮގު މައުލޫމާތު ދޮގު ހަދައި ކަން އެނގިފައިވާ ކަމަށެވެ. އެހެންވުމުން އެ މީހާ 5000 ރުފިޔާ ޖޫރިމަނާކޮށްފައިވާކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
މިހާތަނަށް އެ މީހާގެ ކޮންޓެކްޓް ޓްރޭސިންގ ހަދާފައިވާނީ އާންމު ފަރާތްތަކުން ދިން މައުލޫމާތުގެ އެހީގައި ކަމަށް އޮފިސަރުން ވިދާޅުވި އެވެ. އަދި ބައެއް މީހުން އަމިއްލައަށް ގުޅައި އެ މީހައާ ބައްދަލުވެފައިވާކަން ރިޕޯޓްކޮށްފައިވާކަންވެސް އެފަރާތުން ބުނެ އެވެ. މިކަމުގައި އާންމު ފަރާތްތަކުން ލިބޭ އެއްބާރުލުން ހެލްތް އޮފިސަރުން ފާހަގަކުރި އެވެ.
ކޭއޯއަށް އެނގިފައިވާގޮތުގައި އެ މީހާ ބައެއް ކެފޭތަކަށްވެސް ގޮސް، އާއިލާގެ ބައެއް ގެތަކަށްވެސް ޒިޔާރާތްވެސްކޮށްފައިވެ އެވެ. އެކަމަކު ހެލްތް އޮފިސަރުން އެކަމާ ސުވާލުކުރުމުން އޭނާ ބުނަނީ ބޯޓުން އައިގޮތަށް އޮތީ ގޭގައި ކަމަށެވެ. އެއްވެސް އިތުރު ތަނަކަށް ނުދާ ކަމަށެވެ.
މިއީ މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގއަށް އެއްބާލުރުންނުދީގެން ކުޅުދުއްފުށީގައި ޖޫރިމަނާކުރި ފުރަތަމަ މީހަ އެވެ.