އަމިއްލަ ދަނޑުގައި ކުޅެން ލިބުނުކަމީ އިންގްލޭންޑަށް ލިބުނު ފައިދާއެއް ކަމަށް ކޮރޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ބުނެފި އެވެ. ގުރޫޕް ސްޓޭޖްގައި އިންގްލޭންޑް ކުޅެން އޮތް ތިން މެޗުވެސް ކުޅެން ހަމަޖެހިފައިވަނީ ވެމްބްލީ ސްޓޭޑިއަމްގައެވެ.
11 ސިޓީއެއްގައި މިފަހަރުގެ މުބާރާތް ބާއްވަން ޔޫއެފާއިން ނިންމާފާ އޮތުމާ ގުޅިގެން ގިނަ ޓީމުތަކަކަށް ވަނީ ގުރޫޕް ސްޓޭޖްގެ މެޗުތައް އަމިއްލަ ދަނޑުގައި ކުޅެން ޖެހިފައެވެ. ނަމަވެސް އިންގްލޭންޑަށް ލިބޭ އެންމެ ބޮޑު ފައިދާއަކީ ރައުންޑް އޮފް 16ގެ ދެމެޗާ ސެމީ ފައިނަލާ ފައިނަލް ވެސް ކުޅެން ހަމަޖެހިފައިވަނީ ވެމްބްލީގައި ކަމަށް ވާތީއެވެ.
ރެއާލް މެޑްރިޑަށް ކުޅޭ މިޑްފީލްޑަރު މޮޑްރިޗް ހިތްހަމަނުޖެހުން ފާޅުކުރި އަނެއް ސަބަބަކީ ވެމްބްލީއަށް އިންގްލޭންޑްގެ 22 ހާސް ސަޕޯޓަރުންނަށް ވަންނާނެ އިންތިޒާމް ހަމަޖެހިފައިވީ ނަމަވެސް ކޮރޭޝިއާގެ ސަޕޯޓަރުންނަށް ރަސްމީ ގޮތެއްގައި ޓިކެޓް ލިބޭނެ އިންތިޒާމް ހަމަޖެހިފައިނެތުމެވެ.
މޮޑްރިޗް ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނީ ސަޕޯޓަރުން ނެތް ކަމުގެ ފަޅުކަން އިހްސާސް ވާނޭ ކަމަށާއި ނަމަވެސް އެހެން ގޮތެއް މިވަގުތު ނެތުމުން ދަނޑުގެ މާހައުލަށް ސަމާލުކަން ނުދީ ގޭމަށް ސަމާލުކަންދީގެން ކުޅެން ޖެހޭކަމެވެ.
މޮޑްރިޗަކީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި އިންގްލޭންޑް ބަލިކުރި ކޮރޭޝިއާ ޓީމުގެ ކެޕްޓަނެވެ. އެމެޗަށްފަހު އިންގްލޭންޑައި ކޮރޭޝިއާ ނޭޝަންސް ލީގުގައި ކުޅުނު މެޗުތަކުން ކޮރޭޝިއާ ވަނީ ބަލިވެފައެވެ. ބައެއް މެޗުތައް އެއްވަރުވެގެންވެސް ނިމިފައިވެއެވެ.
"އަހަރެން ޤަބޫލުކުރާ ގޮތުގައި އިންގްލޭންޑަކީ މިމުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ބައެއް" މޮޑްރިޗް އިތުރަށް ބުނެފައިވެ އެވެ.
އިންގުލޭންޑާއި ކުރޮއޭޝިއާގެ ކުރިމަތިލުން އޮތީ މިއަދު ރާއްޖެ ގަޑިން އިރުއޮއްސި ހައެއް ޖަހާއިރު ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.