ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގިނަ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާ ސެއިންޓް ޕީޓަސްބާގުގެ ކަމާބެހޭ ފަރާތްތަކުން ހޯމަ ދުވަހު ހާމަކުރި ގޮތުގައި ކޮވިޑް ފެތުރިދާނެކަމުގެ ބިރު އޮތުމާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަމުންދާ ކަމަށް ބުނެފިއެވެ.
ޕީޓަސްބާގުގައި ތިބި އޮފިޝަލުން ބުނެފައިވަނީ ރަޝިއާގެ ވެރި ރަށް މޮސްކޯއަށް ފަހު އެގައުމުގައި އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ ސިޓީ ކަމުގައިވާ ސެއިންޓް ޕީޓަސްބާގުގައި ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެތައް ހާސް ފޭނުން ހޯސްޓް ކުރަން ހަމަޖެހިފައިވާއިރު ފޭނުންނާއި ކުޅުންތެރިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަޅާނެ ކަމުގައެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ޕީޓަސްބާގުގައި ހުރި ފުޑް ކޯޓުތަކާއި ކުޑަކުދިން ކުޅެން ޙާއްސަ ކޮށްފައިވާ ސަރަހައްދުތައް ބަންދުވާނެކަމަށް އަދި ފޭނުންނަށް ޙާއްސަ ކުރެވިފައިވާ ސަރަހައްދުތަކުގައި ވެސް ފުޑް ސްޓޯލްތަކުގައި ކާއެއްޗެހި ވިއްކުން މަނާ ވާނޭކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހޯމަ ދުވަހު ނެރުނު އިއުލާންގައިވެ އެވެ.
މެންދަމު 2 ން ހެނދުނު 6 ށް ރެސްޓޯރެންޓްތައް ވެސް ބަންދުވެފައި ސިނަމާތަކަށް ވެސް މީހުން ވަންނަ އިންސައްތަ 75 ން 50 އިންސައްތައަށް މަދުވާނެ ވާހަކަ އެއިއުލާންގައިވެ އެވެ.
""އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ވާނެ" ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެ އެވެ.ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެ އެވެ.
ޕީޓަސްބާގުގައި ޔޫރޯ ފުޓުބޯޅަ މުބާރާތުގެ 7 މެޗެއް ހޯސްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ކުއާޓާ ފައިނަލުގެ މެޗެއް ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ރަޝިއާގެ ހެލްތް އޮފިސަރުން ހާމަ ކުރާ ގޮތުގައި އެޤައުމުގައި މިހާތަނަށް ފަސް މިލިއަނަށް ވުރެ ގިނަ ކޭސް ރެކޯޑް ކުރެވިފައިވާއިރު މިހާ ތަނަށް އެޤައުމުގައި މި ބަލީގައި އެއްލައްކަ ސައްބީސް ހާސް މީހުން ވަނީ މަރުވެފައެވެ.