twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޭއާރުއެޗުން 3 މަސްތެރޭ 500 އަށްވުރެ ގިނަ އެމްއާރުއައި ހަދައިފި

ނަބީލާ އިސްމާޢީލް
Jun 14, 2021
2

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ތިންމަސް ތެރޭގައި 500 އަށް ވުރެ ގިނަ އެމްއާރުއައި ހަދާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. ކޭއާރުއެޗުގައި އެމްއާރުއައިގެ ހިދުމަތް ދޭން ފަށާފައިވަނީ މި އަހަރުގެ މާޗު މަހު 15 ގަ އެވެ. މި ޕްރޮޖެކްޖެކްޓަކީ 23 މިލިއަން ރުފިޔާއަށްވުރެ ބޮޑު ޕްރޮޖެކްޓެކެވެ.

ކޭއާރުއެޗުގެ މެނޭޖަރ ހެލްތު ސާވިސަސް އަހުމަދު ދާއޫދު ވިދާޅުވީ ބައެއް ދުވަސްވަރު 100 އަށްވުރެ ގިނަ މީހުން އެމްއާރުއައި ހަދަން ވެއިޓް ލިސްޓްކޮށްފައިވީ ނަމަވެސް މި ވަގުތު ވެއިޓްލިސްޓްގައި ތިބީ 7 މީހުން ކަމަށެވެ.

އަހުމަދު ވިދާޅުވީ މިއީ ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމަށާއި ސަރުކާރުން ރާއްޖޭގެ 5 ސަރަހައްދެއްގައި ސިއްހީ ހިދުމަތް ޓާޝިއަރީ ފެންވަރަށް ގެނެސްދިނުމަށް ހިންގާ ޕްރޮޖެކްޓަކީ ވަރަށް މުހިންމު ޕްރޮޖެކްޓެއްކަމަށެވެ. އަދި މި ހިދުމަށް ފެށިގެން ދިއުމަކީ ރައްޔިތުންނަށް މިކަމުގެ ލުއިފަސޭހަ ލިބިގެން ދިޔަ ކަމެއް ކަމަށާއި ހަރަދުގެ ގޮތުންނާއި ދަތުރު ފަތުރުގެ ގޮތުން ބެލިޔަސް ކޮވިޑްގެ ދަތި ދުވަސްވަރު ރައްޔިތުންނަށް ލިބުނު ލުޔެއްކަމަށް އެނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ މި ހިދުމަތް ދިނުމަށް އެންމެ ދަތިވަނީ އެކަށީގެންވާ ވަރަށް އެމްއާރުއައި ޓެކްނީޝަނުން ނެތުމުން ކަމަށެވެ. "ހާއްސަކޮށް އިތުރު ރޭޑިއޮގުރާފަރުން އެބަ ބޭނުންވޭ ރޭޑިއޮލޮޖީ ޑިޕާޓްމަންޓަށް. އެކްސްރޭ، އެމްއާރުއައި، ސީޓީ އަދި މެމޯގުރާމް ނެގުމަށް އެކަށީގެންވާ ޕޫލެއް އެބަ ބޭނުންވޭ" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިތުރު ރޭޑިއޮގުރާފަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިހާރުވެސް ރިޕޯޓް ތައްޔާރު ކުރަނީ ބޭރުގެ މި ޚިދުމަތް ދޭ ކުންފުންޏަކާ ގުޅިގެން ކަމަށެވެ.

މިހާރު ރިޕޯޓް ދޫކުރުމުގައި އިންނަނީ 72 ގަޑިއިރުގެ ޓާގެޓެއްކަމަށާއި މަސައްކަތް ކުރަނީ ހިދުމަތް ހޯދާދުވަހާއި ޖެހިގެން އަންނަ ދުވަހު ރިޕޯޓް ދޫކުރުން ކަމުގައިވިޔަސް ރޭޑިއޮލޮޖިސްޓު ރިޕޯޓް ޗެކް ކުރުމަށްފަހު ދޫކުރާއިރު ކުޑަ ލަސްކަމެއް އުޅޭކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355