twitterviber whatsapp telegramfacebookyoutube instagram
29th March 2024

ގާނޫނީ ކޮލަމް: ތިމާއަށް ގެވެށި އަނިޔާގެ ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނަނީތޯއެވެ؟

Jun 17, 2021

ތިމާގެ ރައްކާތެރިކަމަށް ގެވެށި އަނިޔާގެ ނުރައްކަލެއް ލިބިދާނެކަމަށް ހީވަނީތޯއެވެ؟ އަދި މިފަދަ ނުރައްކަލެއް ކުރިމަތިވެހުރެ، ލަސްތަކެއްނުވެ ތިމާގެ ޙާލަތު އިތުރަށް ގޯސްވެދާނެކަމަށް ފެންނަނީތޯއެވެ؟ ރައްކާތެރިކަމާމެދު ސުވާލުއުފެދޭ ޙާލަތުގައި އަދި އެކަމަށް އަވަސް ޙައްލެއް ބޭނުންވާ ޙާލަތުގައި ރައްކާތެރިކުރުމުގެ އަވަސް އަމުރަކަށް އެދުމުގެ ފުރުޞަތު ޤާނޫނުންވަނީ އަޅުގަނޑުމެންނަށް ފޯރުކޮށްދީފައެވެ. ވީމާ، ރައްކާތެރިކުރުމުގެ އަވަސް އަމުރަކީ ކޮބާތޯއާއި މިފަދަ އަމުރަކަށް އެދެވޭނެ ޙާލަތްތަކަކީ ކޮބާކަންބަލާލަމާތޯއެވެ.

ރައްކާތެރިކުރުމުގެ އަވަސް އަމުރު

ރައްކާތެރިކުރުމުގެ އަވަސް އަމުރަކީ، ގެވެށި އަނިޔާގެ ޢަމަލެއް ހިންގުމުން ނުވަތަ ހިނގާފާނެކަމަށްޓަކައި، ގެވެށި އަނިޔާ ލިބޭމީހާއަށް އެފަދަ ޢަމަލެއް ތަކުރާރުވިޔަނުދީ އެމީހާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ނެރެދެވޭ އަމުރެކެވެ. މި އަމުރު ނެރެވެނީ މައްސަލާގައި ހިމެނޭ ދެމީހުން ކޯޓަށް ހާޟިރުކުރެވި ދެމީހުންގެ ވާހަކަ އަޑުއެހުމަށްފަހު، ރައްކާތެރިކުރުމުގެ އަމުރު ޢާންމު އުޞޫލުން ނެރޭ ގޮތާއި ޚިލާފަށް، މައްސަލަ ހުށަހަޅާ މީހާގެ ވާހަކައަށް އެކަނި ބިނާކޮށެވެ. އަދި މިފަދަ އަމުރެއް އެ މައްސަލަ ހުށަހެޅުނުކަން އަނެއް ފަރާތަށް އެންގުމަކާ ނުލައި ނެރެވިދާނެއެވެ.

ރައްކާތެރިކުރުމުގެ އަވަސް އަމުރުގެ މުއްދަތު

ރައްކާތެރިކުރުމުގެ އަވަސް އަމުރަކީ އޭގެ ޒާތުގައި ވަގުތީ އަމުރެކެވެ. ޢާންމު ޙާލަތުގައި މި އަމުރުގެ މުއްދަތަކީ 3 މަސްދުވަހެވެ. އެއީ، އެ މުއްދަތުގެ ކުރިން އެ އަމުރު ނިމުމަކަށް ނުގެންނަނަމައެވެ. އެހެންނަމަވެސް، 3 މަސްދުވަސް ތެރޭގައި އެ އަމުރު ނިމުމަކަށް ނުގެނެސް އެއަމުރާ ގުޅޭގޮތުން އަމުރު ނިސްބަތްވާ ފަރާތުން މައްސަލަ ހުށަހަޅާފައިނުވާނަމަ، 2 މަސްދުވަސް ހަމަވުމުންއެއީ ދާއިމީ އަމުރަކަށް ބަދަލުވެގެންދާނެއެވެ.

ރައްކާތެރިކުރުމުގެ އަވަސް އަމުރަކަށް އެދެވިދާނެ ސަބަބު

ރައްކާތެރިކުރުމުގެ އަމުރަކަށް އެދުމުގެ ބަދަލުގައި ރައްކާތެރިކުރުމުގެ އަވަސް އަމުރަކަށް އެދެންވީ، މައްސަލާގައި ދެފަރާތުގެ ވާހަކަ އަޑުއެހުމަށްފަހު އަމުރެއް ނެރުމަށް ކޯޓުން މަޑުކޮށްފިނަމަ، މައްސަލަހުށަހަޅާ ފަރާތުގެ ޙާލަތު އިތުރަށް ގޯސްވެގެންދާނެކަމަށް ނުވަތަ އެފަރާތަށް އޮތް ނުރައްކާ އިތުރުވެގެން ހިނގައިދާނެކަމަށް އެމީހަކަށް ފެންނަނަމައެވެ. މިސާލަކަށް، ތިމާއަށް ފާރަލާ އަދި ބިރުދައްކާ މީހެއްގެ ކިބައިން ރައްކާތެރިކުރުމުގެ އަމުރެއް ނުލިބިއްޖެނަމަ، ތިމާގެ ފުރާނައަށް ގެއްލުމެއްވާފަދަ ޢަމަލެއް އެމީހަކު ކޮށްފާނެކަމުގެ ބިރު ތިމާއަށް އޮތް ކަމުގައިވާނަމަ ރައްކާތެރިކުރުމުގެ އަވަސް އަމުރަކަށް އެދެވިދާނެއެވެ.

ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެވިދާނެ ޚާއްޞަ ޙާލަތްތައް

ރައްކާތެރިކުރުމުގެ އަވަސް އަމުރަކަށް އެދި ކޯޓަށް ހުށަހެޅުމުން އެފަދަ އަމުރެއް ނެރެވޭނީ، ވަކި ޚާއްޞަ ޙާލަތްތަކެއް ހުރިކަމަކަށް ކޯޓަށް ފާހަގަ ކުރެވޭނެ ނަމައެވެ. އެގޮތުން، ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެވޭނީ، މައްސަލަ ހުށަހަޅާ ފަރާތުގެ ޙާލަތަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ކޯޓަށް ފާހަގަކުރެވޭނަމަ ނުވަތަ މައްސަލަ ހުށަހަޅާ ފަރާތަކީ ދަތި އުނދަގޫ ޙާލަތެއްގައިވާ މީހެއްކަމަށް ފާހަގަވާނަމައެވެ. އެހެންނޫންނަމަ ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނުނެރެވި ލަސްވާނަމަ، މައްސަލަ ހުށަހަޅާ ފަރާތަށް ލިބެންވީ އިންސާފު ނުލިބިދާނެ ޙާލަތެއްކަމުގައި ފާހަގަވާނަމައެވެ.

ރައްކާތެރިކުރުމުގެ އަވަސް އަމުރެއްނެރުމުގެ ކުރިން ރިޢާޔަތްކުރަންޖެހޭ ކަންކަން

ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރުމުގެ ކުރިން، އަމުރަށް އެދިފައިވާ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ބޮޑުކަމާއި، އެކަމުގައި ހިމެނިގެންވާ ނުކުތާތަކުގެ ނުރައްކާތެރިކަމަށް ރިޢާޔަތްކުރަންވާނެއެވެ. ހަމައެހެންމެ، އަމުރު ނިސްބަތްވާ ފަރާތުން ހިންގަމުންދާ ޢަމަލުތަކުގެ ހަރުކަށިކަމާ ނުރައްކާތެރިކަމަށްވެސް ރިޢާޔަތްކުރަންވާނެއެވެ. މީގެއިތުރުން، ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ ފަރާތުން ހިންގަމުންގެންދާ ޢަމަލުތަކުގެ ސަބަބުން، އަމުރަށް އެދުނު ފަރާތުގެ މަޞްލަޙަތަށް އުނިކަން އަންނަ ނިސްބަތުގެ ބޮޑުކަމަށްވެސް ރިޢާޔަތްކުރަންވާނެއެވެ.

ރައްކާތެރިކުރުމުގެ އަވަސް އަމުރު ނިސްބަތްވާ ފަރާތަށް ލިބިދެވޭ ޙައްޤުތައް

ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ކޯޓުންނެރެފިނަމަ، އަންނަނިވި ޙައްޤުތައް އެއަމުރު ނިސްބަތްވާ ފަރާތަށް ލިބިގެންވެއެވެ. އެގޮތުން، އެ އަމުރު ދާއިމީ އަމުރަކަށްވުމުގެ ކުރިން އޭނާގެ ވާހަކަ ހުށަހެޅުމަށް ކޯޓުގައި އެދުމުގެ ފުރުޞަތު އެފަރާތަށް ލިބިގެންވެއެވެ. ހަމައެހެންމެ، އެ އަމުރުގައި ހިމެނޭ ޝަރުތަކަށް ނުވަތަ ކަމަކަށް ބަދަލު ގެނައުމަށްއެދި ނުވަތަ ބާތިލުކޮށްދިނުމަށްއެދި، ކޯޓުގައި އެދުމުގެ ޙައްޤު ލިބިގެންވެއެވެ. މީގެ އިތުރުން، އެ އަމުރު ނިމުމަކަށް ގެނެސްދިނުމަށް ނުވަތަ އެ އަމުރާމެދު އިއުތިރާޒްކުރާކަން އެންގުމުގެ ޙައްޤު ލިބިގެންވެއެވެ.

މިގޮތުގެމަތިން، އަމުރު ނިސްބަތްވާ މީހާ ކޯޓަށް މައްސަލަ ހުށަހަޅައިފިނަމަ، އެހެންވެސް އަމުރެއް ނެރުމުގެ ކުރިން މައްސަލަ ހިނގާ އުސޫލުން، ދެމީހުން ހާޟިރުކޮށްގެން ނުވަތަ ދެމީހުންމެ ތަމްސީލުކުރެވިގެންވާ ގޮތުގައި ކޯޓުން މައްސަލަ ކުރިއަށްގެންގޮސް، ކުރިން ކޮށްފައިވާ ވަގުތީ އަމުރު އެގޮތުގައި ދެމެހެއްޓުމާއި، އެ އަމުރަށް ބަދަލުގެނައުމާއި، އެ އަމުރު ބާތިލުކުރުމާމެދު ކޯޓުން ގޮތެއް ނިންމާނެއެވެ.

އެމީހެއްގެ ރައްކާތެރިކަމަށް ނުރައްކަލެއް ފޯރާ ޙާލަތްތަކުގައި އަދި ރައްކާތެރިކުމުގެ އަމުރަކަށް މަޑުނުކޮށް އަވަސް އަމުރަކަށް އެދެވޭނެ ޙާލަތްތަކުގައި އެކަމަށް އެދުމަކީ، އެމީހެއްގެ ރައްކާތެރިކަން ކަށަވަރުކުރެވިގެންދާނެކަމެކެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355