ލޮނޭ ބުނުމުން އެއީ ކޯޗެއްކަން ނޭނގޭ މީހަކު ނޫޅޭނެ އެވެ. ކޮންމެ ދުވަހަކުވެސް ކެއުމަށް ތައްޔާރުކުރާ އެއްޗެހީގެ ރަހަ ހެޔޮވަރުކޮށްލަންވެސް ބޭނުންކުރާ ލޮނަކީ އަހަރެމެންނަށް ބީރައްޓެހި އެއްޗެއް ނޫނެވެ. ނަމަވެސް ހިމާލިއަން ފިޔާތޮށި ލޮނޭ ބުނުމުން ނޭނގޭ މީހުން ވަރަށް ގިނަވާނެއެވެ.
ހިމާލިއަން ފިޔާތޮށި ލޮނަކީ ދުނިޔޭން ވަރަށް މަދުން ނޫނީ ނުފެންނަ އެއްޗެކެވެ. މި އެހާ އަގުބޮޑު ވަނީވެސް މި ސަބަބާހުރެ އެވެ. ފިޔާތޮށި ލޮނުގެ 100 ގުރާމް އާދައިގެ ލޮނުގެ 100 ގުރާމަށް ވުރެ 20 ގުނަ އަގުބޮޑެވެ. އަދި ކިލޯއެއްވެސް ލިބެނީ 10 ޑޮލަރަށެވެ. ނަމަވެސް ފިޔާތޮށި ލޮނު ބޭނުންކޮށްގެން އުފައްދާ އެއްޗެހީގެ އަގު މާބޮޑެވެ. މިސާލަކަށް ގީޓޮކްސް ހިމާލިއަން ސޯލްޓް ސްކާލްޕް ސްކްރަބް ކަހަލަ ބޮލުގައި އުފެދޭ ތެލާއި ޖަރާސީމު ފަދަ އެއްޗެހި ނައްތާލާ އެކި ކަހަލަ އެއްޗެހީގައި ފިޔާތޮށި ލޮނު ބޭނުންކޮށްފައި ހުރެއެވެ. މިއެއްޗެހީގެ އަގުު އާންމުގޮތެއްގަައި އުޅެނީ 30 ޑޮލަރާ 50 ޑޮލަރާ ދެމެދުގައެވެ.
ފިޔާތޮށި ލޮނު ބޭނުންކުރާ އަދި އޭގެ ފައިދާތަކާ ބެހޭގޮތުން ވާހަކަދައްކާ މީހުން ހާމަކުރާ ގޮތުގައި ފިޔާތޮށި ލޮނަކީ އޭގެން އެތައް ކަމަކަށް އެހީވެދޭ އެއްޗެކެވެ. އެގޮތުން ބަލާލާއިރު ބަރުދަން ލުއިކުރުމާއި ނިދުމަށް ފަސޭހަވުމާއި ނިދި ހަމަވުން ފަދަ ކަންތައްތައް ހިމެނެ އެވެ. އަދި ހަންގަނޑުގައި ރޫޖެހުން ކަހަލަ އަވަހަށް މުސްކުޅިވާ ސިފަތައް ޖެހުމުން ދުރުކޮށްދެއެވެ.
މިހާރު އުފެދޭ ސުވާލަކީ ފިޔާތޮށި ލޮނާ އެހެން ލޮނުތަކާ ހުރި ތަފާތަކީ ކޮބައިބާވައެވެ؟ އަދި މިހެން ބުނެވެނީ ކީއްވެ ބާވައެވެ؟ އެކަން ދެނެގަަނެވޭނީ އެކި ވައްތަރުގެ ލޮނު އުފައްދާ ތަންތަންނާއި ގޮތް ދެނެގަނެވިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ އާދައިގެ ލޮނު ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ ޓޭބަލް ސޯލްޓް އުފައްދާ ގޮތަށް ބަލާލާއިރު އެންމެ އާންމުގޮތެއްގައި މިކަން ކުރަނީ ބިންގަނޑު ތޮރުފައިގެނެވެ. ބިމުއަޑީގައި ހުންނަ ސީބެޑްތަކުން ލޮނުފެން ނަގައިގެން ޕިއުރިފިކޭޝަން ޕްލާންޓްތަކަށް ގެންގޮސް އޭގައި ހުންނަ ބޭކާރު މާއްދާތައް ރިފައިންކޮށްގެނެވެ. މި މަރުހަލާގައި އޭގައި ހިމެނޭ ގުދުރަތީ މިނެރަލްސްތައް ކަމުގައިވާ މެގްނީޝިއަމްއާއި ޕޮޓޭޝިއަމްފަދަ މާއްދާތައް އޭގެން ވަކިކުރެއެވެ.
މޫދު ލޮނު އުފައްދާ ގޮތަށް ބަލާލާއިރު މޫދު ލޮނު އުފައްދަނީ މޫދުން ލޮނުފެން ނަގައިގެން އިރުގެ ހޫނުން ނުވަތަ އިންޑޯ ހީޓާސް ބޭނުންކޮށްގެން އެވަޕޮރޭޓްކޮށްގެނެވެ. ނަމަވެސް ޓޭބަލް ސޯލްޓާ ހިލާފަށް މޫދުލޮނުގައި އިތުރު ކެމިކަލްތަކެއް ނުހުރެއެވެ. އަދި މީގައި އެކުލެވޭ ގުދުރަތީ މިނެރަލްތައްވެސް ވަކިނުކޮށް ހުރެއެވެ. ދެން އޮތީ ރޮކް ސޯލްޓެވެ. ރޮކް ސޯލްޓަކީ ދުނިޔޭގެ ވަކި ސަރަހައްދުތަކެއްގައި ބިމުގެ އެތައް ސަތޭކަ ފޫޓަކަށް ކޮނެގެން ނަގާ އެއްޗެކެވެ. މިއަކީ މޫދު އަޑީގައި އެވަޕޮރޭޓް ވެފައި ހުރި ކަނޑުތަކާއި މޫދުތަކުން ނަގާ އެއްޗެކެވެ. މީގައި ހިމެނޭ މިނެރަލް ހެލައިޓް ހޯދާ ގޮތަކީ އެތަނުން ނަގާ ގާތައް ތޮރުފައި ޗަސްކޮށް ކުދިކުދި ކޮށްގެނެވެ.
ނަމަވެސް މިހުރިހާ ބާވަތެއްގެ ލޮނާ ފިޔާތޮށި ލޮނާ ހާސް ތަފާތެވެ. ފިޔާތޮށި ލޮނަކީ ދުނިޔޭގެ ވަރަށް މަދު ތަނަކުން ނޫނީ ނުހުންނަ އެއްޗެކެވެ. އޮސްޓްރޭލިއާގެ މުރޭ ރިވާއިން ފެށިގެން ޕެރޫގެ މަރަސް ރިވާއާހަމައަށް ފިޔާތޮށި ލޮނު ފެނުނު ކަމުގައި ވިއަސް ފެންނަވަރު ވަރަށްވެސް ކުޑައެވެ. އެންމެ ގިނަ އަދަދެއްގެ ފިޔާތޮށި ލޮނު މައިންސް ދުނިޔޭގައި ހުންނަނީ ޕާކިސްތާނުގައެވެ. ހިމާލިއާސްގެ ފަރުބަދަތަކުގެ އަޑީގައި އެވެ. ޕާކިސްތާނުގައި ހުންނަ ކެވްރާ ސޯލްޓް މައިންގައި އަހަރަކު 350،000 ޓަނުގެ ފިޔާތޮށި ލޮނު އުފައްދައެވެ.
އެހެންކަމަށް ވުމާއެކު ފިޔާތޮށި ލޮނަކީ ފައިދާހުރި އެއްޗެއް ހެއްޔެވެ؟ ފިޔާތޮށި ލޮނުގައި ލަފާކުރެވޭ ގޮތުގައި ގާތްގަނޑަކަށް 84 ތަފާތު މިނެރަލްސް ހިމެނުމަކީ ފިޔާތޮށީ ކުލަ އޭގައި ހުންނަ ސަބަބެވެ. ނަމަވެސް މި މިނެރަލްސްތައް ހުންނަނީ ލޮނުގެ އެންމެ 2 ޕަސެންޓްގައެވެ. މިކަމާ ބެހޭގޮތުން ނިއުޓްރިޝަނިސްޓެއް ކަމަށްވާ ރިއަނޮން ލެމްބާޓް ވިދާޅުވާގޮތުގައި ފިޔާތޮށި ލޮނުގައި 84 މިނެރަލްސް ހިމެނުނު ނަމަވެސް އެއަކީ ލޮނުގެ އެންމެ 2 ޕަސެންޓްކަމުން މީގެން ހަގީގީ ފައިދާއެއް ލިބުމަކީ ދުރުކަމެކެވެ. އަދި ނިއުޓްރިސަނަލީ ބަލާއިރު ފިޔާތޮށި ލޮނާ އާދައިގެ ލޮނާ ގާތްގަނޑަކަށް އެއްގޮތެވެ..
ފިޔާތޮށި ލޮނުން ލިބެވޭ ފައިދާތަކަކީ ހަމައެކަނި އެ ކާއެއްޗެހީގައި ބޭނުންކޮށްގެން ނުވަތަ ކައިގެން ލިބޭ ފައިދާތަކެއް އެކަންޏެއް ނޫނެވެ. ބައެއް ކަންކަމަށް ފިޔާތޮށި ލޮނުން ފަރުވާކުރެވެއެވެ. މިސާލަކަށް އިންހޭލްކޮށްގެން ލިބޭ ފައިދާތައް ހިމެނެއެވެ. އަދި މިލޮނު ބައްތިއެއްގެ ގޮތުގައިވެސް ބޭނުންކުރެވެއެވެ.
ހިމާލިއަން ފިޔާތޮށި ލޮނުގައި އޭގައި ހުންނަކަމަށް ދައުވާކުރާ ފައިދާތައް ނުހިމެނުނު ނަމަވެސް މިލޮނަކީ އަދިވެސް ދުނިޔޭގެ ބާޒާރުތަކުގައި އަގުބޮޑު ލޮނެކެވެ. 2020 ވަނަ އަހަރާއި ހަމައަށް ގުލޯބަލް ސޯލްޓް ކޮންސަމްޕްޝަން އަރާނެ ކަމަށް ލަފާކުރެވޭ އަދަދު އުޅެނީ ގާތްގަނޑަކަށް 14.1 ބިލިއަން ޑޮލަރާ ހަމައިގައެވެ.
އަގާއި ބަލާއިރު ފިޔާތޮށި ލޮނުގައި ލާ ރަހަ ތަފާތުތޯ؟ އެކި މީހުން އެއްކޮށްގެން ހެދި ދިރާސާއަކުން ހާމަވަނީ ފިޔާތޮށި ލޮނަކީ ވަކި ތަފާތުރަހައެއް ހުންނަ އެއްޗެއް ނޫންކަމަށެވެ. މެޖޯރިޓީ މީހުން ބުރަވަނީ ތަފާތެއްނެތް ކަމަށެވެ. އާދައިގެ ލޮނުގައި ލާ ރަހައާއި ފިޔާތޮށި ލޮނުގައިލާ ރަހަ ތަފާތު ނޫން ކަމުގައި ވީ ނަމަވެސް ފިޔާތޮށި ލޮނަކީ ވަރަށް ރީތި އަގުބޮޑު ލޮނެއް ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ.