ހދ ނޭކުރެންދޫއިން ކޮވިޑް ޖެހުނު 95 މީހުންގެ ތެރެއިން 79 މީހަކު ބަލިން ފަސޭހަވެއްޖެ އެވެ.
އެރަށު ކައުންސިލްގެ ނައިބް ރައީސް އަދި ޓާސްކްފޯސް ހިންގެވުމާއި ހަވާލުވެ ހުންނެވި އަލީ އާދަމް ވިދާޅުވީ މި ވަގުތު ބަލި ޖެހިފަ ތިބި މީހުންގެ އަދަދަކީ 16 ކަމަށާއި މިމަހު 9ގެ ފަހުން ނެގި އެއްވެސް ސާމްޕަލެއް ޕޮޒިތިވްވެފައި ނުވާކަމަށެވެ.
ލަފާކުރެވޭ ގޮތުގައި އަންނަ ހަފްތާގެ ތެރޭގައި ރަށް މޮނީޓަރިންނުން ނެގޭނެ ކަމަށާއި އެކަމަށް ރޭންޑަމް ސާމްޕަލްވެސް ނަގަމުން އަންނަކަމަށް އަލީ ވިދާޅުވި އެވެ.
އެގޮތުން އެންމެ ފަހުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން ބައެއް ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވާއިރު އެ ނަތީޖާތައް ނެގެޓިވްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މިހާރު ކާފިއު ވަގުތުވެސް ލުއި ކޮށްފައިވާއިރު މިމަހު 15 ވަނަ ދުވަހާ ހިސާބަށް ރަށް އޮތީ ފުލް ލޮކްޑައުންއެއްގަ އެެވެ. ނަމަވެސް މިހާރު ކާފިއު ވަގުތު ހަވީރު 5 ން ފަތިހު 5:30 އަށް ހަމަ ޖައްސާފައިވާއިރު މަސައްކަތްތަކަށް ބޭރަށް ނުކުންނަށް މީހުންނަށް ދަނީ ފާސްވެސް ދޫކުރަމުންނެވެ.
އަލީ ވިދާޅުވީ ވަލަށް ދިއުމަށާއި ދަނޑަށް ދިއުމަށް އަދި މަސައްކަތްކުރުމަށް ބޭރަށް ނުކުންނަ ފަރާތްތަކަށް ފާސްދޫކުރަމުންދާ ކަމަށާއި ވިޔަފާރި ކުރުމަށްވެސް ކޮންމެ ގެއަކަށް ހުއްދައެއް ދެވިފައިވާނެ ކަަމަށެވެ.
އަލީ ވިދާޅުވީ މޮނީޓަރިންގައި އޮތް ނަމަވެސް ރަށަށް ކާބޯތަކެއްޗާ އެހެނިހެން ޒަރޫރީތަކެތި ހޯދުމަށް އެއްވެސް ދަތިތަކެއް ނެތްކަމަށެވެ.
ރަށުތެރެއިން ބަލި ކޮންޓްރޯލް ކުރެވުނީ ޓާސްފޯހަށް ރައްޔިތުންނާއި ރަށުގެ މުވައްސަސާތަކުންނާއި ހާއްސަކޮށް ޕޮލިހުން ދެއްވި އެއްބަރުލުމުގެ ސަބަބުންކަމަށް އަލީ ވިދާޅުވި އެވެ.