twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ނަފުރަތުގެ ބިލާމެދު މޭޔަރު އާތިފު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވައިފި

މުޙައްމަދު އަހުމަދު
Jun 21, 2021

ނަފްރަތުގެ ބިލުގައި ރަނގަޅު ގިނަ ކަންތައްތަކެއް ހިމެނުނު ކަމުގައިވިއަސް މިބިލުގައިވެސް މީހުންގެ މެދުގައި ހިޔާލުތަފާތުވެދާނެ ވާހަކަތަކެއްވެސް ހުރިކަމުގެ ނުތަނަވަސްކަން އެބައޮތްކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ނަފްރަތުގެ ބިލާމެދު އެތައް ބަޔަކު އެތައް ގޮތަކަށް ހިޔާލު ފާޅުކުރަމުންދާ މިދަނޑިވަޅުގައި މޭޔަރު އާތިފް މިވަނީ އޭނާގެ ފޭސްބުކް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ މިކަމާ ދެކިވަޑައިގަންނަވާ ގޮތް ހިއްސާކޮށްދެއްވާފައެވެ.

ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތު (ގާނޫނު ނަންބަރ 9/2014) އަށް އިސްލާހެއް ގެނައުމުގެ ބޭނުމުގައި ސަރުކާރުގެ ފަރާތުން 2021 މެއި 25 ވަނަ ދުވަހު ރައްޔިތުން މަޖުލީހަށް ބިލެއްވަނީ ހުށަހަޅާފައެވެ. މިބިލު ހުށަހަޅާފައިވަނީ ގާނޫނުލް އުގޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް ނަންބަރެއް އިތުރުކޮށް، 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލުތައް ހިންގުމަކީ ކޮބައިކަމާ އެއީ ކުށެއްކަން ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލެކެވެ.

އާތިފް ވިދާޅުވި ގޮތުގައި މި ބިލު އިސްލާމީ އިންތަކާއި ތައާރަޒުވާކަމަށާއި މިއީ ސެކިއުލާ ބިލެއްކަމަށް ބައެއް ދީނީ އިލްމުވެރިންނާއި އާންމުންގެ ބައެއް ފަރާތްތަކުން ވިދާޅުވާތީ އެ ބިލު ބަލައި އޭގައި އޮތް އެއްޗެއް ކިޔާ ސަރުކާރުންނާއި ދީނީ އިލްމުވެރިން ވިދާޅުވެފައިވާ ވާހަކަތައްވެސް އޭނާ ބަލައި ހޯދި ކަމަށެވެ. އަދި މި ބިލުގައި ގާނޫނީ ގޮތުން ކުށެއް ކަމަށް ކަނޑައަޅާނެ 4 ކަމެއް އޮތްކަން މޭޔަރު ފާހަގަކުރައްވައި ވިދާޅުވި އެވެ. އެއީ؛

1. އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާއި ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމާއި

2. އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމުގައި މީހަކާމެދު ނަފްރަތު އުފެއްދުމާއި

3. އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި

4. އާންމު ތަނެއްގައި، މުސްލިމަކަށް ކާފަރެއް ކަމުގައި ތުހުމަކުރުމެވެ.

އާތިފް ވިދާޅުވި ގޮތުގައި މަތީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް މީހަކާއި ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި، ހިތްވަރު ދިނުމާއި، މިކަމުގައި ބައިވެރިވުން އެއީ ކުށްކަމަށް ކަޑައަޅާފައިވެއެވެ. އަދި ސިޔާސީ ވިސްނުމަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުމާއި، ރޭވުމާއި، އެމީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލައަށް ބަލައި އަނިޔާވެރިވުންވެސް މަނާކުރެވިފައިވެއެވެ.

އަދި މީގެ އިތުރަށް އަންގާރަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވި ކަމަށް އާތިފް އޭނާގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ.

"
"ސަރުކާރުން ބިލް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކަށްވީ މީހުންގެ ތެރޭގައި ނަފުރަތު އުފެދި މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންވާ ހިސާބަށް ދިޔަ ނުދޭން އޮތް ހުރިހާ ކަަމެއްކުރުން ކަމަށެވެ. އަދި މި އިސްލާހުގެ މަޤްސަދަކީ، ދީނީ އެއްބައިވަންތަކަން އިތުރަށް ދަމަހައްޓައި، މީހުންނާމެދު ނަފުރަތު އުފެދޭނެ ވާހަކަތައް ހުއްޓުވުމެވެ.”
ރައީސް ސޯލިހް

މީގެ އިތުރަށް މިބިލާ ބެހޭގޮތުން އައްޝައިޚް އާދަމް ސަމީރު ވިދާޅުވެފައިވާކަމަށްވެސް އާތިފް ފާހަގަކުރައްވާފައިވެއެވެ.

"
"މި ބިލުގައި އޮތް ކަންބޮޑުވުމަކީ މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތުކުރުން ކުށަކަށް ވާތީ ނޫންކަމާ، ކަންބޮޑުވުމަކީ ދީނާ އިދިކޮޅު އަމަލުތަކަށް އިންކާރުކޮށް އެކަމާ ދެކޮޅަށް ބަސްބުނުން ކުށަކަށްވެ ސެކިއުލާ ފިކުރަށް ޤައުމު ހުޅުވާލެވޭތީ ކަމަށެވެ"
އައްޝައިޚް އާދަމް ސަމީރު

ކޮންމެއަކަސް މި އިސްލާހުގައި ރަނގަޅު ކަންތައްތަކެއް ހުރި ކަމުގައި ވީނަމަވެސް، އަދި ސަރުކާރުން ކިތަންމެ މާތް މަގުސަދެއް ހާސިލްކުރަން ބޭނުންވީ ކަމުގައި ވީނަމަވެސް މިބިލު މިހާރު ފަރުމާ ކުރެވިފައި އޮތްގޮތުން އިތުރު މައްސަލައެއް ފެންމަތިވާކަމަށް ވިދާޅުވި އެވެ. އަދި މި ބިލުގައި ރަނގަޅު ގިނަ ކަންތައްތަކެއް ހުރި ކަމުގައި ވީނަމަވެސް "ގޯސް ތީ ގޯހޭ" ބުނުމަށް ހުރަސް އެޅިދާނެ ކަމުގެ ނުތަނަވަސްކަން އެބަ އޮތްކަމަށް ވިދާޅުވެ އޭނާ ދެކޭގޮތް ހާމަކުރައްވާ ވިދާޅުވީ، ފާޅުގައި ދީނާ ދެކޮޅަށް އަޑުއުފުލާ ނުވަތަ ދީނަށް ފުރައްސާރަ ކުރާ މީހަކާ ދިމާލަށް ދީނާ ދެކޮޅު މީހެކޭ ބުނެވެން ޖެހޭނެ އެވެ. އަދި ހަމަ ހިތު ހުރިހާ މީހަކާ ދިމާލަށް އެއްވެސް އަސާސެއްނެތި ދީނާ ދެކޮޅު މީހެކޭ ނުވަތަ ލާދީނީ މީހެކޭ ބުނެވިގެން ނުވާނެކަމަށާއި އަދި ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ ލާދީނީ މީހެއްގެ ޓެގް އެޅުވިގެންވެސް ނުވާނެކަމަށް މޭޔަރު ވިދާޅުވި އެވެ.

އާތިފް ވަނީ މިބިލުން ސަރުކާރުން ހާސިލްކުރަން ބޭނުންވާ މަގުސަދު އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންގެންދާ ކަމަށާއި އެފަރާތްތަކުން މިބިލުގެ މަގުސަދު އޮޅޭގޮތަށް ވާހަކަ ދައްކަމުންދާތީ އެކަމާ ކަންބޮޑުވުން ފާހަގަކޮށްފައެވެ. އަދި މަޖިލިސް މެންބަރުންގެ އަރިހުން އާތިފް އެދިފައިވަނީ ކޮމެޓީ މަރުހަލާނިމި ރައްޔިތުންގެ ހިޔާލުތަކާއެކު ބިލު އިސްލާހުވެގެން އަންނައިރު ސަރުކާރުގެ މަގުސަދު ހާސިލްވާނެ، އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް ފިލައިގެން ދާނެފަދަ ފުރިހަމަ ރަނގަޅު ބިލަކަށް މިބިލު ހަދައި ދިނުމަށް އެދިލެއްވި އެވެ.

އޭނާ ގަބޫލުކުރާގޮތުގައި މަޖިލިސް ވެބްސައިޓުން މި ބިލްތައް ބެލެން ހުންނައިރު، ހުރިހާ ރައްޔިތުންވެސް މި ފަދަ ބިލްތައް އަމިއްލައަށް ބަލައި އޮޅުން ފިލުވުމަށް ފަހު ކަންބޮޑުވުންތަކާއި ދޭން ބޭނުންވާ ހިޔާލުތައް މަޖިލީސް މެންްބަރުންނަށް ފޮނުވުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތް ކަމަށެވެ.

މީގެ އިތުރުން ނަފުރަތުގެ އަމަލު ބަޔާންކޮށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް 101 އިލްމުވެރިއަކު ސޮއިކޮށްފައިވާއިރު މިބިލު ފާސްކުރަން ގޮވާލައިވެސް ވަނީ އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފައްޓާފައެވެ. މިޕެޓިޝަނުގައިވެސް މިހާތަނަށްވަނީ ހާހަކަށްވުރެ ގިނަ މީހުން ސޮއިކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355