twitterviber whatsapp telegramfacebookyoutube instagram
27th April 2024

ގާނޫނީ ކޮލަމް: ޕެރޯލްގެ ދަށުން ޤައިދީއަކު ދޫކުރެވެނީ ކިހިނެއް؟

Jun 24, 2021

ޕެރޯލްއަކީ ކުށެއް ސާބިތުވެގެން، މީހެއްގެ މައްޗަށް ކޮށްފައިވާ ޙުކުމުން ބައެއް، ޖަލުގައި ތަންފީޛުކޮށް ނިމުމުން، އެމީހެއްގެ އުޅުމާއި، އަޚްލާޤާއި އަދި އެމީހެއްގެ ވިސްނުން ހުރިގޮތަށް ބަލައި، އެމީހަކު އަލުން މުޖުތަމައުއަށް އަހުލުވެރިކުރުވުމަށްޓަކައި، މުޖުތަމައުއަށް ނުކުތުމަށްދެވޭ ފުރުސަތެކެވެ. މިފަދައިން ޕެރޯލްގެ ފުރުސަތު ދޭނީ، އެމީހެއްގެ ފަރާތުން މުޖުތަމައުގެ ރައްކާތެރިކަން ބެލެހެއްޓޭނެ ގޮތެއްގެ މަތިންނެވެ.

ޕެރޯލްގައި ދޫކުރުމުގެ ފުރުސަތަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ، މަޢާފްދިނުމާއި އަދަބުލުއިކޮށްދިނުމުގެ ބާރުގެ ދަށުން ލިބިދެވޭ ފުރުސަތެކެވެ.

ޕެރޯލްގެ މަޤްޞަދު

ޕެރޯލްގެ ފުރުސަތުދިނުމުގެ މަޤްޞަދަކީ، ކުށްކުރުން މަދުކޮށް، ކުށްކުރާ މީހުންގެ ފަރާތުން މުޖުތަމައު ރައްކާތެރިކުރުމެވެ. އަދި ޙުކުމް ތަންފީޛުކުރަމުންދާ މީހާ އަލުން މުޖުތަމައުއަށް އަހުލުވެރިކުރުވާ، ޕެރޯލްގައި ހުންނަ މީހާ ކުށްކުރުމުން ދުރުކޮށް، ކުށް ތަކުރާރުކުރުން މަދުކުރުމެވެ.

ޕެރޯލްގެ ފުރުސަތު ލިބުން

ޕެރޯލްގެ ފުރުސަތު ދިނުމުގައި ރިޢާޔަތްކުރާނެ ކަންތައްތަކުގެ ތެރޭގައި، އެ ޤައިދީއަކު ބަންދުގައި ހުރިއިރު އެމީހެއްގެ އުޅުމާއި، އަޚްލާޤާއި، ވިސްނުމާއި، ސުލޫކު ހުރިގޮތާއި، ކުށުގެ ރިކޯޑްތަކަށާއި އަދި ޙުކުމް ތަންފީޛުކުރަމުންދާ ކުށް ހިމެނިގެންވެއެވެ. މީގެ އިތުރުން އެމީހެއްގެ މައްސަލައެއް ތަޙްޤީޤުގައި ނުވަތަ ޝަރީޢަތުގައިވާނަމަ، އެ މައްސަލަތަކަށާއި، ކުރިން އަދާކޮށްފައިވާ ވަޒީފާއަށާއި އަދި ޕެރޯލްގެ ފުރުސަތު ލިބިދީފިނަމަ، އެކަމުން މުޖުތަމައުއަށްވެދާނެ ނުރައްކާވެސް ހިމެނެއެވެ. ހަމައެހެންމެ، އެމީހެއްގެ އިޖުތިމާޢީ މައްސަލައެއްވާނަމަ، އެ މައްސަލައަކަށާއި، ކުށްކުރުމާމެދު އޭނާ ދެކޭގޮތާއި، އޭނާ ކުރި ކުށުގެ ސަބަބުން އަނިޔާ ލިބުނު މީހާގެ ފަރާތުން ލިބޭ މަޢުލޫމާތަށާއި، ޖަލުގައި ހުރި މުއްދަތުގައި ބައިވެރިވެފައިވާ ޕްރޮގްރާމްތަކާއި އަދި އަދާކޮށްފައިވާ ވަޒީފާތަކަށް ރިޢާޔަތްކުރާނެއެވެ. އަދި އެމީހަކީ ކުރިން ވަގުތީގޮތުން ނުވަތަ ޕެރޯލްގެ ދަށުން ދޫކުރެވިފައިވާ މީހަކުނަމަ، ދޫކުރިއިރު އޭނާގެ އަޚްލާޤު ހުރިގޮތަށާއި، އޭނާގެ ނަފްސާނީ ޙާލަތަށާއި، އޭނާގެ މައްޗަށް ނިޔާކަނޑައެޅި ފަނޑިޔާރު ރިޢާޔަތްކުރި ނުކުތާތަކަށާއި އަދި ޝަރީޢަތުގައި ދެކެވުނު ވާހަކަތަކަށްވެސް ރިޢާޔަތްކުރާނެއެވެ.

ޕެރޯލްގެ ފުރުސަތު ލިބުމަށް ޝަރުތުފުރިހަމަވާ މުއްދަތު

ޕެރޯލްގެ ފުރުސަތު ލިބޭނީ 6 މަސްދުވަހަށްވުރެ ދިގު ޙުކުމެއް ތަންފީޛުކުރަމުންދާ މީހުންނަށެވެ. އެއަށްވުރެ ކުރު މުއްދަތެއްގެ ޙުކުމެއް ތަންފީޒުކުރަންޖެހޭ މީހަކަށް ޕެރޯލްގެ ފުރުސަތެއް ނުލިބެއެވެ.

މިއާއެކު ޕެރޯލްގެ ފުރުސަތު ހޯދުމަށް އެދޭ މިހާ ޙުކުމުން ވަކި މުއްދަތެއް ތަންފީޒުކޮށް ނިމެންޖެހެއެވެ. އަދި މި މުއްދަތު ބިނާވަނީ، އެ މީހެއްގެ މައްޗަށް ޙުކުމްކުރެވިފައިވާ ކުށެއްގެ މައްޗަށެވެ. މިގޮތުން ޓެރަރިޒަމްގެ ކުށާއި، މަސްތުވާތަކެތި ވިއްކުމާއި ވިޔަފާރިކުރުމާއި ރާއްޖެއަށް އެތެރެކުރުމުގެ ކުށާއި، ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމާއި، ރަހީނުކުރުމާއި، ޚިޔާނާތްތެރިވުމާއި، މަކަރާއި ޙީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން، 1 ލައްކަ ރުފިޔާއިން މަތީގެ އަދަދުގެ ފައިސާ ނުވަތަ މުދާ ހިމެނޭ މައްސަލަތަކާ، ތޫނު އެއްޗެއް ނުވަތަ ހަތިޔާރާއެކު މާރާމާރީ ހިންގުމާ، މީހަކަށް ނުރައްކާތެރި ހާނިއްކައެއް ނުވަތަ ފުރާނައަށް ނުރައްކާވާފަދަ މާރާމާރީއެއް ހިންގުމާއި، ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް އާންމު ތަނެއްގައި ގެންގުޅުމުގެ ކުށުގެ ޙުކުމް ތަންފީޛުކުރަމުންދާ މީހެއްނަމަ، ނުވަތަ އެއް ޙުކުމަށްވުރެ ގިނަ ޙުކުމް ތަންފީޛުކުރަމުންދާ މީހަކުނަމަ، އެމީހަކަށް ޕެރޯލްގެ ފުރުސަތު ލިބޭނީ އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ޙުކުމުގެ 2/1 ފުރިހަމަކުރުމުންނެވެ.

އަދި މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން 10 ގްރާމަށްވުރެ ދަށުން ޙުކުމްކޮށްފައިވާ މީހުންނާއި، މަނާ ބޭސްބޭނުންކުރުމުގެ ކުށް ތަންފީޛުކުރާ މީހެއްނަމަ، އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ޙުކުމުގެ 1/3 ނިމިފައިވާ މީހެއްކަމުގައި ވާންވާނެއެވެ. މި މުއްދަތު ހަމަވާން 6 މަސްދުވަހަށްވުމުން، ޕެރޯލްގެ ފުރުސަތަށް އެދި ހުށަހެޅިދާނެއެވެ.

ޕެރޯލްގެ ފުރުސަތު ނުލިބޭނެ ފަރާތްތައް

ޤަސްދުގައި މީހަކު މެރުމުގެ ކުށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން އަދި އެކުށެއްގެ އަދަބު ލުއިނުކުރެވޭނެކަމަށް ޤާނޫނަކުން ކަނޑައެޅިފައިވާ އެއްވެސް ކުށެއްގެ ޙުކުމް ތަންފީޛުކުރަމުންދާ މީހަކަށް ޕެރޯލްގެ ފުރުސަތެއް ނުލިބޭނެއެވެ.

ޕެރޯލް ބޯޑު

ޕެރޯލް ބޯޑަކީ، ޕެރޯލްގެ ފުރުސަތު ލިބިދެވޭނެ މީހުން ހޮވުމުގައި އިންސާފުވެރި އުޞޫލުތަކެއް ލިބިދިނުމަށާއި، ޕެރޯލްގެ ފުރުސަތު ލިބިދެވޭނެ މީހުން މުޖުތަމައުއަށް ނެރުމުގެ ކަންކަން ނިންމުމުގައި، ލަފާއެރުވުމަށް އެކުލަވާލެވިފައިވާ ބޯޑެވެ. ޕެރޯލްގެ ފުރުސަތަށް އެދި ހުށަހަޅާ މައްސަލަތަކުގައި، ޕެރޯލް ބޯޑުން ކޮންމެ މައްސަލައަކަށް ވަކިން ނިންމުން ނިންމާނެއެވެ. މިފަދައިން ނިންމުން ނިންމުމުގައި، ޕެރޯލް ބޯޑުގެ މަސްޢޫލިއްޔަތަކަށްވާނީ، އެމީހަކަށް ޕެރޯލްގެ ފުރުސަތުދީފިނަމަ އެކަމުން މުޖުތަމައުއަށް ނުރައްކާވެދާނެ މިންވަރަށާއި، ޕެރޯލްގެ ފުރުސަތު ލިބިދީފިނަމަ އެމީހަކު މުޖުތަމައުއަށް އަހުލުވެރިކުރުމުގެ ފުރުސަތު އޮތް މިންވަރުގެ މައްޗަށް ބިނާކޮށް ނިންމުމެއް ނިންމުމެވެ. އަދި މި ނިންމުން ނިންމާ ކޮންމެ މައްސަލައެއްގައިވެސް ލަފާދިނުމެވެ.

ޕެރޯލަކީ ޙުކުމް ތަންފީޛުކުރަމުންދާ މީހަކު، އަލުން މުޖުތަމައުއަށް ނުކުތުމަށް ލިބޭ ފުރުސަތެކެވެ. އެހެންކަމުން އެންމެ ބުއްދިވެރިގޮތަކީ، ޕެރޯލްގެ ފުރުސަތަށް އެދުމުގެ ޝަރުޠު ފުރިހަމަވުމުން، އެ ފުރުސަތަށް އެދި މުޖުތަމައުއަށް އެނބުރި އައިސް އިސްލާޙުވުމެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355