twitterviber whatsapp telegramfacebookyoutube instagram
27th April 2024

ސްމާޓް ފޯނުގެ ދުނިޔެ، ދިރިއުޅުމަށް އެހާ ސްމާޓެއް ނޫން!

ނަބީލާ އިސްމާޢީލް
Jun 26, 2021

ތަރައްގީވަމުން އަންނަ ދުނިޔޭގައި ސްމާޓް ފޯނަކުން ނުކޮށްލެވޭނެ ކަމެއް ނޯނާނެ ބުނާ ކިތަންމެ ބަޔަކު ތިބިނަމަވެސް އެއީ ހަގީގަތެއް ނެތް ހިތާމަވެރި ވާހަކަ އެކެވެ.

ހަގީގަތަކީ ފޯނު ކިތަންމެ ސްމާޓްވިޔަސް ދިރިއުޅުމަށް އެ ފޯނުތަކުން އައީ ސްމާޓްކަމެއް ނެތް ކަމެވެ. އޭގެ ބަދަލުގައި ދިރިއުޅުމުގެ ހުރިހާ ގުޅުންތަކަކަށްވެސް އޭގެ ސަބަބުން ވަނީ ހީނުކުރާވަރުގެ ހީނަރުކަމަކާއި ބަލިކަށިކަން އައިސްފައި ކަމެވެ.

މިހާރަކަށް އައިސް ސްކޫލުތަކުގެ ބެލެނިވެރިންނާއި ދަރިވަރުންނަށް އަންގަން ޖެހޭ ބައެއް ކަހަލަ މެސެޖްތައްވެސް ދެނީ ސްމާޓް ފޯނު މެދުވެރިކޮށެވެ. ކޮންމެ ބެލެނިވެރިއަކީ ސްމާޓް ފޯނު ގެންގުޅޭ ނުވަތަ ގެންގުޅެވޭ ފެންވަރުގެ ބަޔަކަށް ނުވެއެވެ. އޭގެ ސަބަބުން އެ ބެލެނިވެރިންނަށް އޭގެ ގެއްލުން ވަރަށްވެސް ބޮޑުވެފައި ސްކޫލުތަކާއި ބެލެނިވެރިންނާ އޮންނަ ގުޅުން ހީނަރުވެ އެވެ.

ރަހުމަތްތެރިން އެކީ ކޮފީއަކަށް ދިޔަސް މިހާރު ދައްކާނެ ވާހަކައެއް، ކަނޑާލާނެ ފޮންޔެއް ނޯނަނީ ކަނނޭގެ އެވެ. އެއް މޭޒުކައިރީގައި ކިތަންމެ ގިނަ ބަޔަކު ތިބި ނަމަވެސް ފެންނާނީ ކޮންމެ މީހަކުވެސް އެ މީހެއްގެ ފޯނަށް ހުސްވެގެން ތިބޭތަނެވެ. އެންމެ ކޮފީ ޖޯޑެއް ހިފައިގެން ގަޑި ދެ ގަޑިއިރުވެސް އެތާ ތިބެދާނެ އެވެ. ނަމަވެސް އަނގައިން ބަހެއް ނުބުނާނެ އެވެ.

ހަމަ އެއާއެކު ދެމަފިރިންގެ ދިރިއުޅުމަށްވެސް ވިހަލާ ހަރުފަ އަކަށް ވެފައި އޮންނަނީ މި ސްމާޓް ފޯނުތަކެވެ. އެއް ތަނެއްގައި ދެމަފިރިންނާއި ދަރިން ތިބިކަމުގައިވިޔަސް އެކަކު އަނެއްކަކަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ހަމަ ވަގުތު ދެވެނީ ސްމާޓް ފޯނުތަކަށެވެ. އޭގެ ސަބަބުން ކިތައް ޅަދަރީން މިހާރަކަށް އައިސް އެކަނިވެރިވެ ހެދިބޮޑުވުމުގައި މައްސަލަތަކާއި ކުރިމަތި ލާން ޖެހޭތޯ އެވެ. ކުދިންނަށް ވަގުތު ދިނުމުގެ ބަދަލުގައި ކޮންމެ ބެލެނިވެރިއެއްވެސް ޓެބްލެޓް ފަދަ ކޮންމެވެސް ސްކްރީނެއް ކުދިން ވާހަކަދައްކަން ފަށާ އުމުރުގައިވެސް ކުދިންނާ ހަވާލު ކުރެ އެވެ.

އޭގެ ސަބަބުން ގިނަ ކުދިން ސަމާލުކަން ހުއްޓެނީ އެއިން ފެންނަ އެއްޗެއްސަށެވެ. ނަތީޖާއެއްގެ ގޮތުން އެ ކުދިން ދެން ވަށައިގެންވާ މާހައުލަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އެއަށް ހުސްވެ އެވެ. އަދި ވާހަކަ ދެއްކުމާއި މީހުން ދައްކާ ވާހަކައާމެދު މާބޮޑު ޝައުގުވެރިކަމެއް ނުހުރެ އެވެ.

ކޮންމެއަކަސް ކޮންމެ ކަމެއްގައިވެސް ރަނގަޅު ގޮތާއި ނުބައި ގޮތް އޮންނާނެވެ. އެއްޗެއް ބޭނުންކުރަންވާ މިންވަރާއި ހާލަތަށް ވުރެން އިތުރު ވެއްޖެ ނަމަ އޭގެން ލިބޭ ފަސޭހައާއި ފައިދާއަށް ވުރެން ބޮޑަށްވާނީ ގެއްލުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355