އިސްލާމް ދީނުގައި އޮންނަ ރިވެތި އުސޫލުތަކުގައި ހިފަހައްޓައިފިނަމަ ޔަގީންވެސް ކާމިޔާބު ބަޔަކަށް ވާނެކަމަށް ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ޖަލާލުއްދީން ސްކޫލުގެ މަތީ ސާނަވީ އަދި ސާނަވީ ނިންމި ދަރިވަރުންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، މާތް ވެގެންވާ އިސްލާމް ދީނުގައި އޮންނަ ރިވެތި އުސޫލުތަކަށް އަމަލުކުރާ ބައެއްކަމުގައި ހުރިހާ އެންމެންވެސް ވާން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމް ދީނުގައި އޮންނަ ރިވެތި އުސޫލުތަކަށް އަމަލުކުރާ ބައެއްކަމުގައި އަޅުގަނޑުމެން ވާން ޖެހޭނެ. މި އުސޫލުތަކުގައި ހިފަހައްޓައިފިނަމަ ހަމަ ޔަގީންވެސް އަޅުގަނޑުމެން ކާމިޔާބު ބަޔަކަށް ވެގެންދާނެ." ޖަލާލުއްދީން ސްކޫލުގައި ބުރާސްފަތި ދުވަހު ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވި އެވެ.
ތައުލީމު ހާސިލުކުރިކަމުގައި ވިޔަސް ނޫންނަމަ އެހެން މަސައްކަތެއް ކުރިކަމަށްވިޔަސް އެ ކުރާ ކަމެއް ކުރަން ވާނީ ހިތާ ރޫހުން ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ. އަމިއްލަ ނަފުސަށް ކުރާ ހިތުބާރަކީ ކާމިޔާބީއަށް ވާސިލުވުމަށް އެންމެ މުހިންމު އަދި އެންމެ ވަރުގަދަ ހަތިޔާރުކަމަށް މޭޔަރު ވިދާޅުވި އެވެ.
އެހެންވުމުން ކޮންމެ ދަރިވަރަކުވެސް ކަމެއްކުރަން ހިތުލާއިރު އެކަމެއް ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަމިއްލަ ނަފުސަށް އޮންނަ ޖެހޭނެ ކަމަށް ވިދާޅުވެ ދަރިވަރުންނަށް މޭޔަރު ނަސޭހަތްތެރިވި އެވެ.
"އެ ކަމެއް ކުރިމަތިލާފައިފި ކަމަކީ ތިމަންނަ ހާސިލުކުރާނެކަމުގެ ޔަގީންކަން އަބަދުވެސް ތިޔަ ކުދިންގެ އޮންނަވާނެ. ހަމަ ޔަގީން އޭރުން ކޮންމެ ކަމެއްވެސް އިރާދަކުރެއްވިއްޔާ ހާސިލުވާނެ." މޭޔަރު ވިދާޅުވި އެވެ.
ސްކޫލު ދައުރު ނިންމާ މުޖުތަމައުއަށް ނުކުންނައިރު އެންމެ މުހިންމު އެއް ކަމަކީ އެ ކުއްޖެއްގެ އަހްލާގުކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ، ކޮންމެ ކުއްޖަކުވެސް މުޖުތަމައު ބަލައިގަންނަ އަހުލާގެއްގެ ކުއްޖަކަށްވުމަށް ނަސޭހަތްތެރިވި އެވެ. އަދި އެހެން މީހުންނަށް އިހުތިރާމުކޮށް، އަމަލާއި ބަހުން މިސާލު ދައްކައި ރިވެތި އަހުލާގެއްގެ ދަރިންތަކަކަށްވުމަށް މޭޔަރު އެދިލެއްވި އެވެ. އެހެން މިސާލު ދެއްކިއްޖެނަމަ އެހެން މީހުން ފަރާތުންވެސް އިހުތިރާމު ލިބިގެންދާނެކަން ފާހަގަކުރެއްވި އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ ކޮންމެ މީހަކު އެ މީހަކު އުޅޭ ރަށަށް ނުވަތަ ގައުމަށް ކޮށްދެވޭނީ ކޮން ކަމެއް ތޯ ބަލައި އެ މަގުން ހިދުމަތް ދޭން ޖެހޭ ކަމަށެވެ.