މާލެ ސަރަައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިތުރު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނީ ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދެމުން ދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށެވެ.
އަދި ސަރުކާރުގެ އިދާރާތަކުން ދެމުންދާ އަސާސީ ހިދުމަތްތައް ދިނުމާއި އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ.
ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ މި މުއްދަތުގެ ތެރޭގައި އެޗްޕީއޭ އިން އަންގާ އެންގުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމާއި އެ އެޖެންސީން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް ވަނީ އަންގަވާފަ އެވެ.
މާލެ ސަރަހައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވި މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫން ކަމުގައިވެސް އެމަނިކުފާނު ވަނީ އަންގަވާފަ އެވެ