twitterviber whatsapp telegramfacebookyoutube instagram
29th March 2024

ގާނޫނީ ކޮލަމް: އިދާރީ ދާއިރާތަކުގައި އުޅޭ އަންހެނުންނަށް ލިބިގެންވާ ޙައްޤުތައް

Jul 1, 2021

އަންހެނުންނާއި ފިރިހެނުން ބާރުވެރިކުރެވޭނެފަދަ މާޙައުލެއް ޤާއިމުކުރެވި، ދެ ޖިންސުގެ މީހުންނަށްވެސް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެވޭނީ އިޤްތިޞާދީ، އިޖްތިމާޢީ، ސަޤާފީ، މަދަނީ އަދި ސިޔާސީ މައިދާނުގައިވެސް އަންހެނުންނަށް ފިރިހެނުންނާ އެއްހަމައެއްގައި އިންސާނީ ޙައްޤުތަކާއި އަސާސީ ޙައްޤުތައް ލިބިގެންވާކަން ކަށަވަރުކުރެވިގެންނެވެ. އެގޮތުން، އިދާރީ ދާއިރާ ތަކުގައިއުޅޭ އަންހެނުންނަށްވެސް މި ޙައްޤުތައް ކަށަވަރުވެގެންވާންވާނެއެވެ. ވީމާ، ރާއްޖޭގެ ޤާނޫނުގައިވާ ގޮތުގެމަތިން، އަންހެނުންނަށް މިފަދަ ޙައްޤުތައް ކަށަވަރުކުރެވިފައިވާ ގޮތަށް ބަލާލަމާތޯއެވެ.

އިދާރީ ދާއިރާތައް މާނަކުރުން

އިދާރީ ދާއިރާތަކޭ ބުނެވެނީ، ދިވެހިރާއްޖޭގައި ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ކަނޑައަޅާފައިވާ ދާއިރާތަކަށެވެ. އެއީ ކުރިން ކިޔާ ގޮތުންނަމަ، އަތޮޅުތަކެވެ. އެގޮތުން ދިވެހިރާއްޖޭގެ ދާއިރާތައް ބެހިގެންގޮސްފައިވަނީ، އަތޮޅު ދާއިރާތަކާއި މާލެ ދާއިރާ ހިމެނޭ ގޮތުން ޖުމްލަ 21 ދާއިރާއަކަށެވެ.

ޙައްޤުތައް ޤާއިމްކުރުމުގެ ޒިންމާ

އިދާރީ ދާއިރާތަކުގައި ދިރިއުޅޭ އަންހެނުންނާމެދު ކުރެވޭ ތަފާތުކުރުންތައް ނައްތާލައި، އެ ދާއިރާތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އަންހެނުން ބައިވެރިކޮށް، ތަރައްޤީގެ މަންފާ އަދި އަންހެނުންނަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ، ދިވެހި ދައުލަތުގެ އިދާރާތަކާއި، ވިޔަފާރިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، އެހެނިހެން ޤާނޫނީ ޝަޙްޞުތަކާއި އަދި އަމިއްލަ ފަރުދުންގެ ޒިންމާއެކެވެ.

އަންހެނުންނަށް ލިބިދީފައިވާ ޙައްޤުތައް

އިދާރީ ދާއިރާގައި އުޅޭ ކޮންމެ ފިރިހެނެކޭ އެއްފަދައިން ކޮންމެ އަންހެނަކަށްވެސް، އަންނަނިވި ޙައްޤުތައް ކަށަވަރުކޮށްދެވިފައި ހުންނަންވާނެއެވެ. އެގޮތުން، ތަރައްޤީއަށް ރޭވޭ އެކި ކަންކަން ފަރުމާކުރުމާއި، ތަފްސީލުކުރުމާއި އަދި ތަންފީޛުކުރުމުގެ އެކި މަރުޙަލާތަކުގައި ޢަމަލީ ޙިއްޞާ އަންހެނުންނަށްވެސް އޮންނަންވާނެއެވެ. ހަމައެހެންމެ، މުޖްތަމަޢުގެ ހުރިހާ ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެފައި އޮންނަންވާނެއެވެ. މިސާލަކަށް، އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތްތަކުގައި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ސީދާ މަންފާ ލިބޭނެ އިންތިޛާމް ހަމަޖެހިފައި އޮންނަންވާނެއެވެ.

މީގެ އިތުރުން، ޞިއްޙަތާއި ގުޅުންހުރި މަޢުލޫމާތާއި، ޞިއްޙީ ގޮތުން ލިބިދޭންޖެހޭ ކައުންސެލިންގ ޚިދުމަތްތައް ލިބެންވާނެއެވެ. މިސާލަކަށް، އާއިލާ ރޭވުމާއި ގުޅޭ ޚިދުމަތްތައް ތަފާތުކުރެމެއްނެތި ލިބުން ހިމެނިގެންވެއެވެ. ހަމައެގޮތަށް، ތަޢުލީމީ ގޮތުން، ރަސްމީ އަދި ނުރަސްމީ ތަޢުލީމީ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އަންހެނުންނަށްވެސް ފަހިވެފައި އޮންނަންވާނެއެވެ.

ސެލްފް ހެލްޕް ގްރޫޕްތަކާއި ކޯޕަރޭޓިވް ސޮސައިޓީތައް މެދުވެރިކޮށް ވަޒީފާ އަދާކުރުމަށް ނުވަތަ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް ހުރި އިޤްތިޞާދީ ފުރުސަތުތައް، ފިރިހެނުންނާއި އަންހެނުން އެއްހަމައެއްގައި ހޯދުމުގެ މަގުފަހިވެފައި އޮންނަންވާނެއެވެ. ހަމައެފަދައިން، މުދަލުގެ މިލްކުރެވިކަމަށް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ފުރުސަތު ހުޅުވިފައި އޮތުމާއެކު، ގޯއްޗާއި، ނަރުދަމާއާއި، ކަރަންޓާއި ފެނުގެ ޙިދުމަތާއި، ދަތުރުފަތުރާއި މުޢާސަލާތު ހިމެނޭ ގޮތުން އެކަށީގެންވާ ފެންވަރެއްގެ ދިރިއުޅުމެއްގެ މަންފާ ހޯދުމުގެ މަގުވެސް ފަހިވެފައި އޮންނަންވާނެއެވެ.

އިދާރީ ދާއިރާތަކުގައި ދިރިއުޅޭ އަންހެނުންނާމެދު ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް، އެފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރުމަކީ، ދެން އަންނަށް އޮތް ޖީލުގެ ރައްކާތެރިކަމަށް ވަރަށްވެސް މުހިއްމުކަމެކެވެ.

އާޓިކަލް ލިޔުނީ: އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355