މާދަމާއިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ ބޭންކު ހުޅުވި ނަމަވެސް ދެމުން ގެންދާނީ އޮންލައިންކޮށް އަދި ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ނުލިބޭ ހިދުމަތްތައް އެކަނި ކަމަށެވެ. މި ހިދުމަތްތައް ދިނުމަށް، ހަފުތާ ބަންދު ނޫން ހުރިހާ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 2:00 އަށް ބޭންކް ހުޅުވާނެ އެވެ.
ބޭންކުން ހިދުމަތް ދޭނީ ޓޯކަން އަދި އެޕޮއިންޓްމަންޓަށާއި ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރު 12:00 އަށް "ކިޔުބީ" އެޕްލިކޭޝަން މެދުވެރިކޮށް ޓޯކަން ދޫކުރާނެ ކަމަށް ބޭންކުން ބުންޏެވެ.
ބޭންކުން އޮންލައިންކޮށް ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން ހެނދުނު 11:00ގެ ކުރިން ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި އެހެނިހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރަން ފޮނުވާ ރިކުއެސްޓުތައް އެ ދުވަހު ޕްރޮސެސް ވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އަދި އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކާއި ލޯކަލް ބޭންކް ޓްރާންސްފާ އަދި މުސާރަ ޖަމާކޮށްދޭން ފޮނުވާ ރިކުއެސްޓްތަކުގެ ތެރެއިން މެންދުރު 12:00ގެ ކުރިން ފޮނުވާ ރިކުއެސްޓުތައް އެ ދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށްވެސް ބޭންކުން ބުންޏެވެ.
އެޕޮއިންޓްމަންޓަށް ހިދުމަތް ލިބޭނީ ބީއެމްއެލްގެ އެކައުންޓް އޯޕެނިން ސެންޓަރުންނާއި ލޯން ސެންޓަރުންނާއި ބިޒްނަސް ސެންޓަރުންނެވެ. މި ސެންޓަރުތަކުން ހިދުމަތް ހޯދުމަށް ބޭންކުގެ ވެބްސައިޓު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.