twitterviber whatsapp telegramfacebookyoutube instagram
27th July 2024

ގްރޭންޑަރުގެ ތިލައިން ބައެއް ނައްޓައިގެންގޮސް ކަރަށް އަމާޒުވެ ނުރައްކާތެރި ހާދިސާއެއް

އަބްދުލް ވާހިދު ޙަސަން
Jul 5, 2021

ތަށިމުށި ކަފަނިކޮށް ގްރޭންޑަރުގެ ބުރުގެ ތިލައިން ބައެއް ނައްޓައިގެން ގޮސް މީހެއްގެ ކަރަށް އަމާޒުވެ ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ.

ށ ކަނޑިތީމުގައި ރޭ ހިނގި މިހާދިސާގައި ޒަހަމުވެފައިވަނީ މުށިކަނޑަށް އިން 47 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް އިތުރު ފަރުވާދިނުމަށް މިއަދު ވަނީ ހަނިމާދޫ މަގުން މާލެ ފޮނުވާލާފަ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ މީހާ އެ ހޮސްޕިޓަލަށް ގެނެސްފައިވަނީ ރޭ 11:10 ހާއިރު ކަމަށާއި އޭނާގެ ކަރުން ގާތްގަނޑަށް ދިގުމިނުގައި 4 ސެންޓިމީޓަރު އަދި 2 ސެންޓިމީޓަރު ފުނަށް ކެފިފައިވާ ކަމަށެވެ.

ތިލައިގެ ބައި އަމާޒުވީ ސީދާ ކަރުގެ ކުރިމައްޗަށްވާގޮތަށް ދިގަށެވެ. އެހެންވުމުން ނޭވާ ހޮޅީގެ ބޭރު ފަށަލައާ ހަމައަށް ތިލަ ވަދެ ކަފައިގެންގޮސް ވަނީ ޒަހަމުވެފައިވެ އެވެ. ކޭއާރުއެޗުގެ އޮފިސަލަކު ވިދާޅުވީ، ތިލަ ލަރިންގސްއާ ހަމައަށް ފޯރާފައިވާ ކަމަށާއި އެހެންވުމުން ވާހަކަ ދެއްކޭނެކަމާ މެދު ޝައްކު އޮތުމުން ފަރުވާއަށް މާލެ ފޮނުވާލީ ކަމަށެވެ.

ކަރު ޒަހަމުވިޔަސް، އޮކްސިޖަންއާ ނުލައި ނޭވާލެވޭ ކަމަށާއި ނުރައްކާތެރި ހަމަލާއެއްވިޔަސް ހާލު ސްޓޭބަލް ކަމަށް ކޭއާރުއެޗުން މައުލޫމާތުދެ އެވެ.

މިއަދު މެންދުރު އިތުރު ފަރުވާއަށް އެ މީހާ މާލެ ފޮނުވާލާފައިވާއިރު މިހާރު އޭނާއަށް އަންނަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355