ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހާއްސަ ލޯނު ސްކީމެއް ތައާރަފު ކޮށްފި އެވެ.
އަލަށް ތައާރަފްކުރި ހޯމް އިމްޕްރޫވްމަންޓް ލޯނުގެ ދަށުން ފްލެޓްތަކުގެ ފިނިޝިން އަދި ފަރުނީޗަރު ބޭނުންތަކަށް 25،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާއާ ހަމައަށް ބީއެމްއެލްއިން ލޯނު ދޫކުރާނެ އެވެ.
މި ލޯނަކީ ރަހުނަކާ ނުލައި ދޫކުރާ އެހެން ލޯނުތަކަށްވުރެ ކުޑަ އިންޓްރެސްޓްގައި ދޫކުރާ ލޯނެކެވެ. ލޯނު އަނބުރާ ދައްކަން ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި މި ލޯނުގެ ދަށުން ދޫކުރާ އެންމެ ބޮޑު އަދަދު ކަމަށްވާ 150،000 ރުފިޔާ ނަގާ ފަރާތަތަކަށް މަހަކު ދައްކަން ޖެހެނީ 3،337 ރުފިޔާ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ވެސް ހިޔާ ފްލެޓު ލިބުނު މީހުންނަށް ލޯނު ސްކީމެއް ތައާރަފުކުރެވުމުން އުފާ ކުރައްވާ ކަމަށެވެ. އަދި މި ލޯނާ އެއްގޮތް ޝަރުތުތައް އެކުލެވޭ ޕްރޮޑަކްޓެއް ބީއެމްއެލް އިސްލާމިކް އިން ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ތައާރަފް ކުރި ހޯމް އިމްޕްރޫވްމަންޓް ލޯނުގެ އިތުރުން ބޭންކުން ވަނީ ހޯމް އިމްޕްރޫމަންޓް ލޯން ޕްލަސްގެ ނަމުގައި އިތުރު ލޯނެއްވެސް ތައާރަފްކޮށްފަ އެެވެ.
މިއީ އަމިއްލަ ކުންފުނިތަކުގެ ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ ކަސްޓަމަރުންނަށް އެތަނުގެ ފިނިޝިން މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ދޫކުރާ ލޯނެކެވެ. މި ލޯނުގެ ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާއާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށްވެސް ފަސް އަހަރުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު ލޯނު ނަގަން އެއްވެސް ރަހުނެއް ބަހައްޓަން ނުޖެހޭނެ އެވެެ. މި ލޯނުގެ ވެސް އިންޓްރެސްޓް ރޭޓަކީ 12 ޕަސެންޓެވެ. އަދި ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށްވެސް މި ލޯނާ އެއްގޮތް ފައިނޭންސިން ޕްރޮޑަކްޓެއް ވަނީ ތައާރަފްކޮށްފަ އެވެ.