ރާއްޖެއިން މިޔަރު އުރަހަތަކެއް ބޭރުކުރަން އުޅުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ޕަބްލިކް ޕްރޮސިކިއުޓާ އަދި ޕީޖީ އޮފީހުން ބުނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ސިއްރުން މިޔަރު އުރަހަތަކެއް ރާއްޖެއިން ބޭރުކުރަން އުޅުނު ދެ މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ކްރިމިނަލް ކޯޓުގައި ކަމަށެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ މ. ސެންޓްރޯސެމާ، އައްބާސް އަބްދުﷲ އާއި ހދ. ކުޅުދުއްފުށި ކިރުދޫނިގެ، އަހުމަދު މުހައްމަދުގެ މައްޗަށް ކަމަށެވެ.
މި ދެމީހުންގެ މައްޗަށް އުފުލާފައި ވަނީ ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު ކުށުގެ ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ހިންގުމުގެ ދައުވާގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ.
ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް އަތުލައިގަތީ މި އަހަރުގެ ޖަނަވަރީމަހުގެ ތިން ވަނަ ދުވަހު އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް 21 ފޮށީ ތެރެއިން 429 ކިލޯގެ މިޔަރު އުރަހަ ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން މަނާ ކުރީ 2010 ވަނަ އަހަރު އެވެ. އަދި އެއާއެކު މިޔަރުގެ އުރަހަ ފަދަ ތަކެތި އެކްސްޕޯޓު ކުރުންވެސް ވަނީ މަނާކޮށްފަ އެވެ.