ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުމާލޭގައި ގާއިމު ކޮށްފައިވާ 'ފޮތް ގާޑިޔާ' އިތުރަށް ފުރިހަމަ ކުރުމަށްޓަކައި "ހަޓެއް ހަދައި އާންމުންނަށް ބޭނުންކުރެވޭނެހެން ހުޅުވާލައިފަ އެވެ.
ހަޓެއް ހެދުމުގެ ބޭނުމަކީ ވިއްސާރައިގެ ސަބަބުން ފޮތްތަކަށް ގެއްލުން ނުވާނެ ގޮތަށް "ފޮތް ގާޑިޔާ" އަށް ރައްކާތެރިކަން ދިނުމެވެ. ދިވެހި ހަރުގެއެއް ހެން ޑިޒައިންކޮށް، ހިޔާވާނެ ގޮތް ހަދާފައިވާ މި "ފޮތް ގާޑިޔާ" ގައި ހުންނަ ފޮތްތައް ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
މި ގެނެވުނު ބަދަލާއެކު ފޮތް ކިއުމަށް ކުދިބޮޑު އެންމެން އެއްވާ ތަނެއްގެ ގޮތުގައި ބޭނުންކުރުމާއި، ބުކް ކްލަބް އިންތިޒާމު ކުރުމުގެ އިތުރުން، އާޓް އެންޑް ކްރާފްޓް ސްޓޭޝަން އެއް ގޮތަށް ވެސް މި ފޮތް ގާޑިޔާ ބޭނުން ކުރެވޭނެ އެވެ.
އަދި ތައުލީމީ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުން ކުރުމުގެ އިތުރުން، ސްކޫލުތަކުގެ ކުދިން ސްކޫލު ގަޑީގައި ޒިޔާރަތްކޮށް ފޮތް ކިއުމަށް ވެސް ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ފޮތް ގާޑިޔާގެ އެންމެ ބޮޑު އެއް އަމާޒަކީ ފޮތް ކިއުމުގެ އާދަ މުޖުތަމުގައި އިތުރު ކުރުން ކަމަށް ފޮތް ގާޑިޔާގެ ފައުންޑަރ ވިދާޅުވި އެވެ.
"ތަފާތު ފޮތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސާ ކުޑަ ކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް ބޭނުން ކުރެވޭނެހެން މި ސަރަހައްދު ގާއިމްކުރުން. މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ލިބުމުގެ އިތުރުން ތަފާތު ހަރަކާތަތްތައް ހިންގުމަށްވެސް މި ތަން ބޭނުން ކުރެވިގެންދާނެ," އޭނާ ވިދާޅުވި އެވެ.
މި ޕްރޮޖެކްޓް ހިންގުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ވަނީ ހަރުގެ އެޅުމަށް އެހީތެރިކަން ފޯރިކޮށްދިނުމުގެ އިތުރުން ބޭނުންވާނެ ބައެއް ސާމާނު ހޯދުމަށް އެހީތެރިކަން ފޯރިކޮށްދީފައެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.