ކޮވިޑް-19 އާއި ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް ބީއެމްއެލުން ދޭ އިކޮނޮމިކް ސްޓިމިއުލަސް ލޯނު އެދެވޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 17 ވަނަ ދުވަސް ކަމަށް ބުނެފި އެވެ.
މި ލޯނު ސްކީމަށް ވަކި އަދަދެއް ކަނޑައެޅިފައިވީ ނަމަވެސް ލިމިޓަށްވުރެ ގިނައިން ލޯނަށް އެދި މިހާރުވެސް ހުށަހަޅާފައިވާ ކަމަށާއި އަދި މިހާރު ލޯނު ދޫކުރަން ފަށާފައިވާއިރު ލޯނު ދޫކުރަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން ކަމަށް އެ ބޭންކުން ބުނެއެވެ.
ލޯނަށް އެދި ހުށަހަޅާ މުއްދަތު ހަމަވުމުން އެހައި ތަނަށް ބޭންކަށް ހުށަހެޅިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށް ފަހު އެފަންޑުގައި ބާކީ ފައިސާ ހުރެއްޖެނަމަ އަލުން ލޯނަށް ހުށަހަޅަން ހުޅުވާލާނެ ކަމަށް ވެސް ބުންޏެވެ.
ބީއެމްއެލް އިން ދޫކުރާ މި ލޯނަކީ ހަ ޕަސެންޓް އިންޓްރެސްޓްގައި ދޭ ލޯނެކެވެ. މި ލޯނު 10 މިލިއަން ރުފިޔާ އާ ހަމަޔަށް ފައިނޭންސަށް އެދުމުގެ ފުރުސަތު އޮންނާނެ އެވެ. ރަހުނަކާ ނުލާ ދޫކުރާ މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރުގެ މުއްދަތު ލިބޭނެ އެވެ.