twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިންސާނީ ފިކުރު

May 22, 2011

ނަބީލް

ގޭތެރޭގައި ނޯވެ މަގުމައްޗަށް ނުކުމެބަލާށެވެ.

އެއް މަގުން އަނެއް މަގުން ރީތިކޮށް ލޯހުޅުވައިން ހިނގާލަބަލާށެވެ.

ކާރުބާރޫ ބޮޑު ހިސާބުތަކަށް ގޮސް ރަނގަޅަށް ލޯ އަޅާލާ ހޯދާލަ ބަލާށެވެ.

ކަލޭ ގެ ސިފަ ހުރި އެހެން މީހަކު ހުރިތޯއެވެ. ކަލެޔާ ވައްތަރު އެހެން މީހަކު ފެނޭތޯއެވެ.

އެއޮތީ އެތައް ހާސް ބަޔަކު އެއްވެފައިވާ މުޒާހަރާއެކެވެ. ރަނުގެ ފުރުސަތެކެވެ. ނިކަން ރަނގަޅަށް ފަހަރަކު މީހަކަށް ވަކި ވަކީންބަލާލަ ބަލާށެވެ.

ފަހަރެއްގައި ކުޑަކޮށް ވައްތަރު މީހަކު ފެނުނަސް ކަލޭ ހައިރާން ވާނަމުއެވެ. އަދި ކަލެޔާއި މުޅީން އެއްގޮތް މީހަކު ހުރެއްޖެ ނަމަ ކިހެނެއްވާނެބާވައެވެ؟ ނުވަތަ ފަހަރެއްގައި ކަލޭ މަގު މައްޗަށް ނުކުތް އިރު އެންމެން ތިބީ މުޅީން އެކީ އެކަށް ކަލެޔާއި އެއްސިފައިގައި ކަމަށް ވީ ނަމަ ކުރެވޭނީ ކޮން ކަހަލަ އިހުސާސްތަކެއް ބާވައެވެ؟

އޭރުން ވާނެ ގޮތަކީ އެންމެންނަށް އެއް ނަމަކުން ގޮވަންޖެހި އެއް ގޮތަކަށް ބަލަން ޖެހި ތިމާއަށް ތިމާ ވަކިނުވެ، ގަޑުބަޑުވާނީ ނޫންބާވައެވެ؟

ނަމަވެސް..

ބޭރުފުށުން ހުރިހާ އިންސާނުން އެއްގޮތް ކަންތައްތަކެއް ހުރެއެވެ. އެއްވެސް މީހެއްގެ ދެލޯ އެމީހެއްގެ ފުއްކިބައިގައިވާ މީހަކު، ނޭފަތް ކަކުލުގައި ހުންނަ މީހަކު، ހުދު ހަމުގައި އިސްތަށި ފަޅާފައި ހުންނަ މީހަކު އަހަރެމެން ނުދެކެމެވެ. މިހިރަ ކަންކަމުގައި އެންމެން އެއްގޮތެވެ.

މިގޮތުން ބަލާއިރު އިންސާނީ ހަށިގަނޑު އޭގެ އަސާސްތަކުގައި އެންމެހާ އިންސާނުން އެއްގޮތެވެ. އަސާސީ ނޫން ކަންކަމުގައި އެކަކު އަނެކަކާއި މުޅީން ތަފާތެވެ. އެކަމަކު އަހަރެމެން އިންސާނެއް ކަން ދެނެގަންނަނީ އަސާސްތަކުގެ އަލީގައެވެ. އަސާސީ ނޫން ކަންކަމުގެ އަލީގައެއް ނޫނެވެ.

އިންސާނީ ފިކުރަކީ ވެސް މިފަދަ އެއްޗެކެވެ. އޭގެ އަސާސްތަކުގައި އިންސާނީ ފިކުރު މުޅީން އެއްގޮތްވެ ސީދާވެގެންވެއެވެ. ނަމަވެސް އަސާސީ ނޫން ކަންކަމުގައި ތަފާތެވެ. މިސާލަކަށް އަނިޔާއަކީ ނުބައި ސިފައެއް

ކަމަށް ގަބޫލުކުރުމީ އަސާސީ އިންސާނީ ފިކުރެކެވެ. އޭގެ އިދިކޮޅު ވިސްނުމަކީ ހަތަރެސްފައިމައްޗަށް އޮތް ފިކުރެކެވެ. ނަމަވެސް މެންދުރު ގަރުދިޔައާ ބަތާ ކާންޖެހޭނެ ކަމަށް ގަބޫލުކުރުމީ އެއް އިންސާނާ އަނެއް އިންސާނާއާ ތަފާތުވާނޭ އަސާސީ ނޫން އިންސާނީ ފިކުރެކެވެ. ނަމަވެސް ހަނދާންކުރަން ޖެހޭ ކަމަކީ މި އިންސާނީ ފިކުރަށް ރައްބާނީ ވަޙީން އަލިކަން އެޅުނީމާ އެ ފެންނަ ބޮޑުމަންޒަރުން މަހުރޫމުވެއްޖެ މީހަކީ ފިކުރުގެ މީރުކަމުން ހަގީގަތުގައި މަހުރޫމުވެއްޖެ މީހެއް ކަމެވެ.

ކޮންމެ އަކަސް ބުނެވޭތޯ މިއުޅޭ އެއްޗަކީ ބޭރުފުށުން އަހަރެމެން އިންސާނުން އެންމެން އެއްގޮތް ނުވުން އެއީ ނިޢުމަތެއް ކަމުގައި ގަބޫލުކޮށްގެން ތިބޭއިރު، އިންސާނީ ފިކުރުގެ ތަފާތަކީ ހަމަ އެވަރުގެ ނިޢުމަތެއް ކަން ގަބޫލުކޮށް، އެއްވެސް ބީރައްޓެހި ކަމެއް ނެތި ލޯތްބާއި އިހުތިރާމާ އެކު އެތަފާތު ބަލައި ނުގަނެވެން ވީ އެއްވެސް ސަބަބެއް ނެތް ވާހަކައެވެ.

އަދި އަނެކާގެ ފިކުރަކީ އިންސާނީ ފިކުރުގެ އަސާސްތަކާ ވެސް ފުށުއަރާ ލާއިންސާނީ ފިކުރެއް ކަމުގައި ވިޔަސް، ހަމައެކަނި އެފިކުރުގެ ސަބަބުންނޭ ބުނެ ގޮށްމުށް ދައްކަންޖެހޭ ސަބަބެއް ވެސް ނެތް ވާހަކައެވެ. އެއީ ފުށްކިބައިގައި ނޭފަތެއް ހުރި މީހަކު ފެނުން ދުވަހަކުން އޭނާގެ އެ ނޭފަތް ކަނޑާކަށް ވެސް އަހަރެމެންނަކު ނުދުވާނޫއެވެ. އެހެނަސް ބީރައްޓެހި ނަޒަރަކުން އަހަރެމެން އޭނާއާ ދިމާއަށް ބެލިޔަދޭށެވެ. އެކަމާ އޭނާވެސް ޝަކުވާ ނުކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355