twitterviber whatsapp telegramfacebookyoutube instagram
20th April 2024

ގާނޫނީ ކޮލަމް: ޖިނާޢީ މައްސަލައެއްގެ ދަޢުވާ އުފުލާފައިވަނީ މުއްދަތު ހަމަވި ފަހުންތޯއެވެ؟

Jul 15, 2021

ޖިނާޢީ މައްސަލައެއްގެ ތުޙުމަތުގައި މީހަކު ހައްޔަރުކޮށް ބަންދުކުރުމުން ނުވަތަ ހައްޔަރުކުރުމަށްފަހު ދޫކޮށްލުމާ ހިސާބުން، އެމީހެއްގެ މައްޗަށް ތުޙުމަތު ކުރެވިފައިވާ މައްސަލަތަކުގެ ތަޙްޤީޤް ފުރިހަމަކޮށް އަދި ދަޢުވާ ކުރުމަށް ވަކި މުއްދަތުތަކެއް ވަނީ ޤާނޫނުން ކަނޑައަޅާފައެވެ. އަދި މި މުއްދަތުތަކަކީ، އެ ކުރެވިފައިވާ ތުހުމަތެއްގެ ނުވަތަ ކުރެވޭނެ ދަޢުވާއެއްގެ ގޮތުން، ތަފާތުވެގެންދާނެ މުއްދަތުތަކެކެވެ. މިގޮތުން، ރާއްޖޭގެ ޤާނޫނުގައި މި މުއްތަދުތަށް ކަނޑައަޅާފައިވާ ގޮތަށް ބަލާލަމާތޯއެވެ.

ތަޙްޤީޤް ކުރުމާއި ދަޢުވާ ކުރުން

ތަޙްޤީޤްކުރުމޭ ބުނެވޭ ބަހުގެ މާނައަކީ، ޖިނާޢީ މައްސަލައެއް ތަޙްޤީޤްކުރާ ފަރާތަކަށް، މިސާލަކަށް ޕޮލިހަށް މައްސަލައެއް ހުށަހެޅުމުން، އެމައްސަލައެއްގައި ކަންހިނގާފައިވާގޮތް ބަލައި، މައްސަލައިގާ ތުޙުމަތުކުރެވޭ މީހެއްގެ މައްޗަށް އެ ތުޙުމަތަކުރެވޭ ކަމަކަށް ބޭނުންވާ ހެއްކާއި ޤަރީނާ ހޯދުމެވެ. ތަޙްޤީޤް ފުރިހަމަ ކުރުމަށްފަހު ލިބިފައިވާ ހުރިހާ ހެއްކާއި ޤަރީނާއާއެކު އެ ފަރާތެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ހުށަހަޅަންވާނެއެވެ. އަދި ދަޢުވާ ކުރުމަކީ، ޖިނާޢީ ކުށެއް ކުރިކަމުގެ ތުޙުމަތު ކުރެވޭ މީހަކު، އެކުށް ކުރިކަމަށް ޤަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ ޙާލަތުގައި، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް (ދަޢުލަތުން) އޭނާގެ މައްޗަށް އެ ކުށުގެ ޖިނާޢީ ދަޢުވާ އުފުލުމެވެ.

ބަންދުކުރެވިފައިވާ މީހާގެ ތަޙްޤީޤްގެ މުއްދަތު

ޖިނާޢީ ކުށެއްގެ ތުޙުމަތެއްގައި ހައްޔަރުކުރެވި، ފުރަތަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމާ ޝަރީޢަތުގެ މަޖިލީހުގައި ބަންދުކޮށްފައިވާ މީހެއްނަމަ، ޢާންމު އުޞޫލަކީ އެމީހެއްގެ މައްޗަށް ކުރެވިފައިވާ ތުޙުމަތަކާއި ގުޅޭ ގޮތުން ތަޙްޤީޤް ފުރިހަމަ ކުރުމަށް ލިބޭނީ ހައްޔަރުކުރި ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގައި ތަޙްޤީޤް ފުރިހަމަކޮށް، މައްސަލައިގެ ހުރިހާ ލިޔެކިއުމެއް ދަޢުލަތަށް ފުލުހުން ހުށަހަޅަންވާނެއެވެ.

އެހެންނަމަވެސް، ވަކި ޚާއްޞަ ޤާނޫނަކުން ތަޙްޤީޤް ކުރުމަށް ވަކި ކުށްކުށަށް ވަކި މުއްދަތެއް ކަނޑައަޅާފައިވާ ޙާލަތްތަކުގައި، މުއްދަތުކަމަށް ބަލާނީ އެޤާނޫނެއްގައި ބަޔާންކޮށްފައިވާ މުއްދަތަށެވެ. މިސާލަކަށް، ޓެރަރިޒަމްގެ ކުށެއްގެ ތުޙުމަތުގައި ބަންދުކޮށްފައިވާ މީހެއްނަމަ، 45 ދުވަސް ތެރޭގައި ތަޙްޤީޤް ފުރިހަމަ ކުރަންޖެހޭނެއެވެ.

ބަންދުން ދޫކުރެވިފައިވާ މީހާގެ ތަޙްޤީޤްގެ މުއްދަތު

ޖިނާޢީ ކުށެއްގެ ތުޙުމަތުކުރެވިފައިވާ ފަރާތެއް ހައްޔަރުކުރެވި، ފުރަތަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމާ ޝަރީޢަތުގެ މަޖިލީހުގައި ބަންދުކުރުމުގެ ބަދަލުގައި ދޫކޮށްލައިފިނަމަ، ޢާންމު އުޞޫލަކީ ހައްޔަރުކުރި ދުވަހުން ފެށިގެން 45 ދުވަސް ތެރޭގައި އެމީހެއްގެ މައްޗަށް ކުރެވިފައިވާ ތުޙުމަތުތަކާއި ގުޅޭގޮތުން ތަޙްޤީޤް ފުރިހަމަކޮށް ފުލުހުން ދަޢުލަތަށް މައްސަލަ ހުށަހެޅުމެވެ.

އެހެންނަމަވެސް، ވަކި ޚާއްޞަ ޤާނޫނަކުން، ތަޙްޤީޤް ކުރުމަށް ވަކި ކުށްކުށަށް ވަކި މުއްދަތެއް ކަނޑައަޅާފައިވާ ޙާލަތްތަކުގައި މުއްދަތު ކަމަށް ބަލާނީ އެޤާނޫނެއްގައި ބަޔާންކޮށްފައިވާ މުއްދަތަށެވެ. މިސާލަކަށް، ޓެރަރިޒަމްގެ ކުށެއްގެ ތުޙުމަތުގައި ހައްޔަރުކޮށް، ދޫކޮށްފައިވާ މީހެއްނަމަ، 75 ދުވަސް ތެރޭގައި ތަޙްޤީޤް ފުރިހަމަ ކުރަންޖެހޭނެއެވެ.

ދަޢުވާކުރުމުގެ މުއްދަތު

ޖިނާޢީ މައްސަލައެއްގައި ތަޙްޤީޤް ނިންމުމަށްފަހު މައްސަލައިގެ ލިޔެކިއުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބުމާއެކު، 10 ދުވަސް ތެރޭގައި ހެއްކާއި ޤަރީނާއަށް ބެލުމަށްފަހު، ދަޢުވާ ކުރެވޭނެ ތުޙުމަތުތަކަށް ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅަން ޖެހޭނެއެވެ. ޢާންމު އުޞޫލަކީ މިއީ ނަމަވެސް، ބައެއް ޙާލަތްތަކުގައި މި މުއްދަތު ބަދަލުވެގެން ދެއެވެ. އެގޮތުން، ވަކި ޚާއްޞަ ޤާނޫނަކުން މުއްދަތު ތަފާތުކޮށްފައިވާނަމަ ދަޢުވާ ކޯޓަށް ހުށަހެޅޭނީ އެ ޤާނޫނުގައިވާ މުއްދަތު ތެރޭގައެވެ.

މުއްދަތު އިތުރުކުރުން

ހައްޔަރުކޮށް ބަންދުކުރެވިފައިވާ މީހާގެ މައްޗަށް ކުރެވޭ ތުޙުމަތުތަކަކީ ޖިނާޢީ ބޮޑުކުށެއް ކަމުގައިވަނީނަމަ، އަދި މައްސަލައިގެ ބާވަތުން ތަޙްޤީޤް ފުރިހަމަ ކުރުމަށް ލިބިފައިވާ މުއްދަތުގައި ތަޙްޤީޤް ފުރިހަމަނުކުރެވޭނަމަ، ތަޙްޤީޤް ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކުރުމަށް އެދި ފުލުހުން، ދަޢުލަތަށް ހުށަހަޅައިފިނަމަ، ދަޢުލަތަށް މުއްދަތު އިތުރުކޮށްދެވިދާނެއެވެ. އެގޮތުން، ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހާގެ ތަޙްޤީޤްގެ މުއްދަތު އިތުރު 30 ދުވަހަށް އަދި ހައްޔަރުކޮށް ބަންދުން ދޫކޮށްފައިވާ މީހާގެ ތަޙްޤީޤްގެ މުއްދަތު 45 ދުވަހަށް އިތުރުކޮށް ދެވިދާނެއެވެ.

މިގޮތުގެ މަތިން، ދަޢުލަތުން މުއްދަތު އިތުރުކޮށްދޭނަމަ އެކަން ލިޔުމުން ބަޔާންކުރަންވާނެއެވެ. އަދި މުއްދަތު އިތުރުކޮށްދޭންޖެހުނު ސަބަބު ބަޔާންކުރާ ލިޔުން ދަޢުވާއާއެކު ކޯޓަށް ހުށަހަޅަންވާނެއެވެ. ހަމައެހެންމެ، ދަޢުވާ ހުށަހެޅުމުގެ މުއްދަތުގެ ފަހުން ކޯޓަށް ދަޢުވާއެއް ހުށަހަޅާނަމަ އެކަމުގެ ސަބަބު ލިޔުމުން ވެސް ހުށަހަޅަންވާނެއެވެ.

ޖިނާޢީ މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކުރާ މީހުންނާ ބަންދުން ދޫކޮށްލާ މީހުންގެ މައްސަލަތައް ބަލައި، ދަޢުވާ ކުރުމަށް މުއްދަތުތަކެއް ކަނޑައެޅިފައިވީނަމަވެސް، އެ މުއްދަތު ހަމަވުމުގެކުރިންވެސް، ވީ އެންމެ އަވަހަކަށް އެފަދަ މައްސަލަތަކުގައި ތަޙްޤީޤް ނިންމާ، ދަޢުވާ އުފުލުމަށް މަސައްކަތް ކުރަންވާނެއެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355