ކުޅުދުއްފުށި ސިޓީއަކީ މުޅި ރީޖަންގައި މުހިންމު ދައުރެއް އަދާކުރާ ސިޓީއެއްކަމަށާއި، ހާއްސަކޮށް ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތް މަތިކުރުމަށް ހާއްސަ ސަމާލުކަމެއް ސަރުކާރުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހަވީރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ކޭއާރުއެޗުގެ ފަރާތުން ވަނީ ހޮސްޕިޓަލުގެ ފެންވަރު މަތިކޮށް ހިދުމަތްތައް ފުޅާކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތުތައް ރައީސްއާ ހިއްސާކުރައްވައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން ހޮސްޕިޓަލަށް މި ވަގުތަށް އެންމެ މުހިންމު ކަންކަމާއި ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ހޮސްޕިޓަލުގެ އިސްވެރިން ރައީސް މަޝްވަރާކުރެއްވި އެވެ.
އޭގެ ތެރޭގައި ޕްރައިވެޓް ރޫމް ހުރުމުގެ މުހިންމުކަމާއި، އަދި އޯޕީޑީގައި ހުރި ދަތިތަކާއި ކޮވިޑް ފެސިލިޓީއެއް ހުރުމުގެ މުހިންމުކަން ހޮސްޕިޓަލުގެ ފަރާތުން ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކުޅުދުއްފުށި ސިޓީއަކީ މި ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދޭ މުހިންމު ތަނެއްކަމަށާއި އަދި ހާއްސަ ގޮތެއްގައި ހޮސްޕިޓަލަށް ސަރުކާރުން ހާއްސަ ސަމާލުކަން ދޭނެކަމަށް ވިދާޅުވި އެވެ. ރާއްޖޭގެ 5 ސަރަހައްދުގައި 5 ޓާޝިއަރީ ހޮސްޕިޓާ ގާއިމުކުރުމުގެ ބޭނުމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިކަމުގެ ސަބަބުން ސިއްހީ ހިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދިއުމާއެކު އިތުރު އެތައް ފައިދާތަކެއް ވާނެކަމަށާއި އަދި އޭގެ ހެޔޮބަދަލުތައް މިހާރުވެސް ފެންނަން ފަށާފައިވާ ކަމަށެވެ.
ރައީސް ވަނީ ހޮސްޕިޓަލްގެ ތަރައްގީއަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ފަހުގެ މައުލޫމާތު ހިއްސާކޮށްދެއްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ކުޅުދުއްފުށީ އާ ޓާޝިއަރީ ހޮސްޕިޓަލުގެ ހިދުމަތް ފެށުމުގެ ކުރިންވެސް ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމަށެވެ.
ކޭއާރުއެޗުގެ ހިދުމަތްތައް ޓާޝިއަރީ ފެންވަރަށް މަތިކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން އެ ހޮސްޕިޓަލުގައި މިހާރުވެސް އަންނަނީ 30 އެނދުގެ ވޯޑެއް ހެދުމާއި 6 އެނދުގެ އައިސީޔޫއެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ. އެ މަޝްރޫއާއެކު ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެ އެވެ. މީގެ އިތުރުން ގިނަ އާ ހިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ވަނީ ތައާރަފުކޮށްފައެވެ.
އެގޮތުން އެމްއާރުއައިގެ ހިދުމަތާއި ސީޓީ ސްކޭން، ސްޕީޗް ތެރެޕީގެ ހިދުމަތްފަދަ ގިނަ އާ ހިދުމަތްތައް އެ ހޮސްޕިޓަލުގައި ވަނީ ފަށާފައެވެ. އަދި ކުޅުދުއްފުށީގައި އަޅަން ވައުދުވި ޓާޝިއަރީ ހޮސްޕިޓަލް އެޅުމުގެ ޕްރޮޖެކްޓް މިހާރު އޮތީ ޓެންޑަރ ކުރުމަށް ހުޅުވާލުމުގެ މަރުހަލާގަ އެވެ.
ކޭއާރުއެޗުގެ އިސްވެރިންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ހެލްތް މިނިސްޓަރު އަހުމަދު ނަސީމާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މޭނޭޖަރު އަހުމަދު ދާއުދާއި މޭޔަރު އާތިފާއި ބޯޑް ޗެއާޕާޝަން އައިމިނަތު ގާސިމްގެ އިތުރުން ކުޅުދުއްފުށީގެ ދެ ދާއިރާގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.