twitterviber whatsapp telegramfacebookyoutube instagram
29th March 2024

ލޮނުމެދަކީ ރޯގާއަށް ފަރުވާއެއް

ނަބީލާ އިސްމާޢީލް
Jul 18, 2021

ކާއެއްޗެހި ތައްޔާރުކުރާއިރު ބޭނުންކުރާ ގިނަ ބާވަތް ތަކަކީ އެއިން ކާތަކެތީގެ ރަހަ ރަނގަޅުވުމުގެ އިތުރުންވެސް ގިނަ ބޭނުންތަކެއް ހިފޭ ބާވަތްތަކެވެ. އޭގެ ވަހުގެ ސަބަބުން ގިނަ މީހުން ބޭނުން ކުރުމަށް ފޫހިވި ނަމަވެސް ލޮނުމެދަކީ އެކި ބާވަތުގެ ރޯގާއަށް ފަރުވާ ލިބުމަށް މަގުފަހިވާ ޖާދުލެކެވެ.

އާންމުކޮށް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ރޯގާ ޖެހޭ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް ގިނަ މީހުން އެއީ މާ ބޮޑު ކަމެއްގެ ގޮތުގައި ނުދެކެ އެވެ.

ލޮނުމެދުގައި ހިމެނޭ އެންޓި-މައިކްރީބިއަލް، އެންޓި-ވައިރަލް އަދި އެންޓި-ފަންގަލް މާއްދާތަކުގެ ސަބަބުން އާންމުކޮށް ޖެހޭ ރޯގާތަކުން މީހާ ސަލާމަތްކޮށްދެއެވެ. އެހެންކަމުން ނަތީޖާއެއްގެ ގޮތުން ވައިރަލްހުމާއި، އަރިދަފުސްރޯގާ ފަދަ ބަލިމަޑުކަމުން އަރައިގަތުމަށް ލޮނުމެދުގެ ސަބަބުން އެހީއަކަށްވެއެވެ.

އޭގެ އިތުރުންވެސް ގިނަ ފައިދާތަކެއް ލޮނުމެދުގެ ސަބަބުން ލިއްބައިދޭއިރު، ބޮލުން އިސްތަށި ފޭބުން ހުއްޓުވުމާއި، ބޯ އެނބުރުމާއި ހަށިގަނޑު ލޮޑުވުން ފަދަ ކަންކަމުންވެސް ދުރުކޮށްދޭކަމަށް ދިރާސާތަކުން ދައްކައެވެ.

ލޮނުމެދުގައި އެކުލެވޭ ސަލްފަރގެ މާއްދާތަކުގެ ސަބަބުން ލޮނުމެދުގައި އާދަޔާހިލާފު ގަދަ ވަހެއް ހުރި ނަމަވެސް، މިއީ ސިއްހީ ގޮތުން ނުހަނު ފައިދާލިއްބައިދޭ އެއްޗެކެވެ.

މީގެ އިތުރުން ލޮނުމެދަކީ ހިތުގެ ބަލިތަކުން ދުރުކޮށްދޭ އެއްޗެކެވެ. އެގޮތުން ލޭނާރުތައް ބްލޮކްވުމާއި، ލޭހޮޅިތަކުގައި ކޮލެސްޓްރޯލްއާއި ފެޓް ގަނޑުވެފައި ހުރުންފަދަ ކަންކަން ދުރުކޮށްދެއެވެ. އަދި ލޭގެ ޕްރެޝަރ ބޭނުންވާ މިންވަރަށް ދަށްކޮށްދީ ހަކުރުބަލިންވެސް މީހާ ދުރުކޮށްދިނުމުގައި ލޮނުމެދުގައި އެކުލެވޭ މާއްދާތައް އެހީވެދެއެވެ. އެގޮތުން ލޭގެ ޕްރެޝަރ މަތިވުމާއި، ހަކުރުބަލީގެ ސަބަބުން ދިމާވާ ހިތުގެ މައްސަލަތައް ކުޑަކޮށްދެއެވެ.

ލޮނުމެދުގައި އެކުލެވޭ ބައޯ-އެކްޓިވް ސަލްފަރ މާއްދާތަކުގެ ސަބަބުން ކެންސަރު ސެލްތަކާއި ހަނގުރާމަކޮށް، ކެންސަރުން ދިފާއުވުމަށް އެހީތެރިވެދެއެވެ. އަދި ކެންސަރުގެ އެކި ސްޓޭޖުތަކުގައި ކެންސަރ ސެލްތަކުން ހަށިގަނޑު ދިފާއުކޮށްދިނުމުގައި މި މާއްދާތައް އެހީވެދެއެވެ. ހާއްސަކޮށް ގިނައިން ލޮނުމެދު ކާ މީހުންނަށް ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭކަމަށް ހޯދުންތަކުން ދައްކައެވެ.

އެހެން ކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ލޮނުމެދު ހިމަނާލުމަކީ ކުޑަ ކަމެއްގެ ގޮތުގައި ދެކުނު ނަމަވެސް އޭގެ ސަބަބުން ހަށިގަނޑަށް ނުހަނު ފައިދާ ހުރި ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355