ރާއްޖޭގެ ގައުމީ ދިދަ އުފުލުމުގެ ޝަރަފުވެރި ނަމްބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއާ ހަވާލުކޮށްފި އެވެ. މިފުރުސަތު ދިމާއަށް ހޯދައިދިނީ ޔޫތު މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުންނެވެ.
މަދަނީ ތަރައްގީ އާއި ހަޟާރަތް ނުވަތަ އެހެން ގޮތަކަށް ބުނާނަމަ އާކިޓެކްޗާ އާއި ޓެކްނޮލޮޖީގެ ފަހުގެ ވަސީލަތްތައް ތައާރަފްކުރުމާއި ދައްކާލުމުގެ ގޮތުން މި އަހަރުގެ އޮކްޓޯބަރު މަހު ފަށާ މި އެކްސްޕޯގައި 197 ގައުމަކުން ބައިވެރިވެ އެވެ. މިފަހަރުގެ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާއިރު 2005 ވަނަ އަހަރު ސްޕެއިންގެ ޒަރަގޯޒާގައި، 2010 ވަނަ އަހަރު ޗައިނާގެ ޝަންހާއީގައި އަދި އިޓަލީގެ މިލާންގައި 2015 ގައި ބޭއްވި ވޯލްޑް އެކްސްޕޯގައި ވެސް މީގެ ކުރިން ރާއްޖެއިން ވަނީ ބައިވެރިވެފަ އެވެ.
ދުނިޔޭގެ ޖޫނިއާ ރޭންކިންގެ އަށް ވަނައިގައި އޮތް އުމުރުން 13 އަހަރުގެ ދީމާ އަކީ ރާއްޖޭގައި އެންމެ ކާމިޔާބު އެންމެ ޒުވާން އެތުލީޓެވެ. އައިޓީޓީއެފް އިން އޮލިމްޕިކްސްގައި ވާދަކުރާނެ ކުޅުންތެރިން އުފައްދަން ކުރިއަށްގެންދާ ޕްރޮގާމުގައި ދީމާ ހިމެނޭއިރު އޭނާ ވަނީ 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖެ އަށް ތިން ރަން މެޑަލް ކާމިޔާބުކޮށްދީފަ އެވެ.
މިއަހަރުގެ އޮކްޓޫބަރު އެކަކުން ފެށިގެން އަންނަ އަހަރު މާޗް މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި އެކްސްޕޯގައި އެންމެ ހާއްސަ ހަރަކާތަކަށް އޮންނަނީ ގައުމު ތަމްސީލު ކުރަން ފުރުސަތު ލިބޭ "އޮނާ ޑޭ" އެވެ. އޮކްޓޯބަރު 25 ގައި ރާއްޖޭގެ ސަގާފާތާއި ހަޟާރަތު ދައްކުވައިދޭ ގޮތަށް އެކްސްޕޯގައި ހިނގާލުމެއް އޮންނާނެ އެވެ. ރާއްޖޭގެ ދިދަ ދީމާ މި ހިނގާލުމުގައި އުފުލާލާނެ އެވެ.
"ޔޫތު މިނިސްޓްރީން އަޅުގަނޑުމެންނަށް ފޮނުވި ފަސް އަންހެން އެތުލީޓުންނަކީ ވެސް އިންޓަނޭޝަނަލް އެކި ގޭމްސްތަކާއި މުބާރާތްތަކުގައި ރާއްޖެއަށް ރީތި ނަން ހޯދައިދިން އެތުލީޓުން. އެހެންވެ އޭގެތެރެއިން ވަކި އެތުލީޓެއް ނުނަގައި ދޫކޮށްލެވޭ ވަރުގެ އެއްވެސް އެތުލީޓެއް ނެތް" ޓެނިސް އެސޯސިއޭޝަންގެ އެކްސްކޯ މެންބަރު ޔޫސުފް ރިޒާ ވިދާޅުވި އެވެ.
""ދެން އަޅުގަނޑުމެން ބެލީ އެތުލީޓުންގެ އުމުރަށާ އަދި ހޯދާފައިވާ ކާމިޔާބުތަކަށް. އެގޮތަށް އެންމެ ޒުވާން އަދި އެންމެ ގިނަ ކާމިޔާބު ހޯދާފައިވާ އެތުލީޓަށް ހުރީ ދީމާ. އެގޮތު ދީމާ ސެލްކްޓް ކުރީ."ޓެނިސް އެސޯސިއޭޝަންގެ އެކްސްކޯ މެންބަރު، ޔޫސުފް ރިޒާ
ދީމާއަށް ލިބިފައިވާ އިތުރު ބައެއް ކާމިޔާބީތަކަށް އަލިއަޅުވާލާއިރު އޭނާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެސް ވެފަ އެވެ. މިއީ އިންޓަނޭޝަނަލް އިވެންޓެއްގައި ރާއްޖޭގެ ދިދަ ދީމާ އުފުލާ ދެވަނަ ފަހަރަށް ވެގެން ދާއިރު މީގެކުރިން 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ނިންމުމުގެ ރަސްމިއްޔާތުގައިވެސް ރާއްޖޭގެ ދިދަ އުފުލާފައިވަނީ ދީމާ އެވެ.
އައިޓީޓީއެފް ނުވަތަ ދުނިޔޭގެ ޓީޓީ ފެޑްރޭޝަންގެ ޓީޓީގެ ޔޫތު ރޭންކިންގެ 15 އަހަރުން ދަށުގެ ކެޓަގަރީއިން އަށް ވަނަ އަދި 17 އަހަރުން ދަށުގެ ކެޓެގެރީން ދުނިޔޭގެ 41 ވަނަ ދީމާ ހާސިލްކޮށްފައިވާއިރު ތައިލެންޑްގެ ޗޮންބުރީ ޕްރޮވިންސްގެ ޓީޓީ މުބާރާތުން ރިހި މެޑަލް ވެސް ދީމާ ވަނީ ހޯދާފަ އެވެ.
1،028 ޕޮއިންޓް ހޯދައިގެން 15 އަހަރުން ދަށުގެ އަށް ވަނައިގައި ދީމާ އޮތްއިރު 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ ރާއްޖޭގެ ކުޅިވަރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ އެވެ. މިމުބާރާތުގައި ޓީޓީ އިވެންޓުގެ ހުރިހާ ރަން މެޑައްޔެއް ދީމާ ވަނީ ހޯދައި ރާއްޖޭގެ ތާރީހުގެ ސޮފްހާތަކުގެ ތެރޭގައި ލިޔެވިގެން ގޮއްސަ އެވެ.
މި އެކްސްޕޯގައި ދުބާއީގެ އިގްތިސާދަށް 33 ބިލިއަން ޑޮލަރުގެ ފައިދާއެއް ކުރާނެ ކަމަށް އަންދާޒާކުރެވިފައިވާއިރު 300،000 އެއްހާ ވަޒީފާގެ ފުރުސަތު ވެސް ފަހިވެގެން ދާނެ ކަމަށް ގަބޫލުކުރެވެ އެވެ.