twitterviber whatsapp telegramfacebookyoutube instagram
19th April 2024

މިވެރިކަމުގައި ކޭއާރުއެޗަށް ހެޔޮ ބަދަލުތަކެއް، އަވަސް ކަޅިއެއް!

ޚަދީޖާ އާދަމް
Jul 17, 2021
5

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ގިނަ ކުރިއެރުންތަކެއް ލިބިފަ އެވެ. ނިމިގެން ދިޔަ ގިނަ ސަރުކާރުތަކުގެ ދައުރު ނިމުނުއިރުވެސް ނުގެނެސްދެވުނު ގިނަ ހިދުމަތްތަކެއް މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުތެރޭގައި ހޮސްޕިޓަލަށް ވަނީ ގެނެސްދީފަ އެވެ.

ކޮވިޑްގެ ހާލަތުގައި އެންމެ ބާރު ބޮޑު ހޮސްޕިޓަލަށް ވެގެންދިޔައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ. ސަރުކާރުން ކޭއާރުއެޗަށް ދިން އިސްކަމާއެކު ގިނަ ހިދުމަތްތަކެއް ތައާރަފުކުރުމުން، މާލެ ފުރަބަންދުގައި އޮތް ހާލަތުގައި ހިދުމަތް ހޯދުމަށް އެންމެ އެކަށީގެންވާ ހޮސްޕިޓަލަށް ކޭއާރުއެޗު ވެގެންދިޔަ އެވެ. އެކަމުގެ ހެއްކަކަށް ވީ މާލެއިން ދެކުނު އަތޮޅުތަކުގެ ގިނަ ރައްޔިތުން ކޭއާރުއެޗުން ފަރުވާހޯދުމަށް އައުމެވެ.

ކޭއާރުއެޗުގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު އެ ހޮސްޕިޓަލުން 101،362 މީހުން ހިދުމަތް ހޯދާފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ 184 ރަށަކަށް ނިސްބަތްވާ 184 މީހުން ހިމެނެ އެވެ.

މި ސަރުކާރަށް އަހަރެއް ނުފުރެނީސް 2019 އޮކްޓޯބަރ 11 ވަނަ ދުވަހު ކޭއާރުއެޗުގައި ސީޓީ ސްކޭންގެ ހިދުމަތް ތައާރަފްކުރި އެވެ. މިއަދާ ހިސާބަށް އެ ހޮސްޕިޓަލުން 1497 ސީޓީ ސްކޭން ވަނީ ހަދާފަ އެވެ.

ކޭއާރުއެކުގައި ސްޕީޗު ތެރަޕީގެ ހިދުމަތް ފެށުން ވެގެންދިޔައީ ގިނަ ބައެއްގެ ޖީބަށް ލުއިވެގެންދިޔަ ކަމަކަށެވެ. ސަބަބަކީ އެ ހިދުމަތް ހޯދަން މާލެ ދާން ޖެހުމާއި ހިދުމަތް ފުރިހަމަކުރަން ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ޖެހުމެވެ. ސްޕީޗުތެރަޕީގެ ހިދުމަތް ކޭއާރުއެޗުގައި ފަށާފައިވަނީ މިިދިޔަ އަހަރު މާޗުމަހު 7 ވަނަ ދުވަހުއެވެ. މިހާތަނަށް އެ ހިދުމަތް 170 ފަރާތަކުން ހޯދާފައިވާއިރު މިހާރުވެސް 95 ޕޭޝަންޓުންނަށް އެ ހިދުމަތް ދަނީ ދެމުންނެވެ.

އެއަށްފަހު ކޮވިޑް ޓެސްޓް ހެދޭނެ އިންތިޒާމްގެ ކޭއާރުއެޗުގައި ވަނީ ހަމަޖައްސައި ދީފައެވެ. އަތޮޅުގެ އެހެން ރަށްރަށުންނާއި، ބައެއް ހާލަތްތަކުގައި ކައިރި އަތޮޅުތަކުންވެސް ޓެސްޓުކުރުމަށް ސާމްޕަލް ފޮނުވަނީ ކޭއާރުއެޗުގައި ގާއިމްކޮށްފައިވަނީ ޕީސީއާރު ލެބަށެވެ. އެގޮތުން މިހާތަނަށް އެ ލެބުން 33،145 ސާމްޕަލް ޓެސްޓްކޮށްފައި ވެއެވެ. އެ ލެބް ގާއިމްކޮށްފައިވަނީ މިދިޔަ އަހަރު ޖުލައި 15 ގައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ނިއުރޯޑައިގްނޯސްޓިކް ސާރވިސްގެ ހިދުމަތްވެސް ވަނީ ފަށާފައި ވެއެވެ. އަދި އެންއައިސީޔޫވެސް ވަނީ އަޕްގްރޭޑްކޮށްފައެވެ. އެގޮތުން ފާއިތުވި 6 މަސްތެރޭގައި އެންއައިސީޔޫއިން 153 ކުއްޖަކަށް ފަރުވާދީފައި ވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސްތެރޭގައި ލޭބަރ ރޫމް އަޕްގްރޭޑްކޮށް ސީއެސްއެސްޑީ ވެސް ތައާރަފްކޮށްފައެވެ. މިހާރު ކޭއާރުއެޗު ލޭބާރ ރޫމުން އެއްފަހަރާ 4 މީހުންނަށް ހިދުމަތް ދެވޭނެއެވެ. ސީއެސްއެސްޑީ ނުވަތަ ސެންޓްރަލް ސްޓެރައިލް ޑިޕާޓްމަންޓަކީ އޮޕަރޭޝަންކުރަން ބޭނުންކުރާ ތަފާތު ވަސީލަތްތަކާއި އެކަމާ ގުޅުން ހުރި ބައެއް ސާމާނުތައް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ސާފުކޮށް ރައްކާތެރިކަމާއެކު ބަހައްޓަން ބޭނުންކުރާ ތަނެކެވެ. މި ޔުނިޓް ހުޅުވާފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު 28 ގަ އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުން ވަނީ ރެސަސިޓޭޝަން ރޫމެއްވެސް ހުޅުވާފައެވެ.

އެ ހޮސްޕިޓަލުގައި އޮކްސިޖަން ޕްލާންޓެއްވެސް ވަނީ މިދިޔަ ޑިސެންބަރު މަހު ގާއިމްކޮށްފައެވެ. މިއީ އަތޮޅުތެރޭގައި ގާއިމުކުރެވުނު ފުރަތަމަ އޮކްސިޖަން ޕްލާންޓެވެ. މި ހިދުމަތް ޑީސެންޓްރަލައިޒް ކުރުމަށް ސަރުކާރުން ނިންމެވީ ކޮވިޑްގެ ހާލަތުގައި މާލެއިން އަތޮޅުތަކަށް ތަކެތި ސަޕްލައި ކުރުމަށް ކުރިމަތިވި ދަތިތަކާހެދި، މިހިދުމަތަކީ ކޮންމެހެންވެސް ސަރަހައްދީ ބޮޑެތި ހޮސްޕިޓަލްތަކުން ލިބެން ހުންނަ ޖެހޭނެ ހިދުމަތަކަށްވާތީ ކަމަށެވެ.

މިއަހަރުގެ މިހާތަނަށްވެސް އެ ހޮސްޕިޓަލުން ގިނަ ހިދުމަތްތަކެއް ވަނީ ތައާރަފްކޮށްފައެވެ. އެގޮތުން އެންމެ ގިނަ މީހުން ހޯދި އެއް ހިދުމަތަކީ އެމްއާރުއައިގެ ހިދުމަތެވެ. މިއަހަރު މާޗު މަހު 15 ގައި ފެށި މި ހިދުމަތް މިހާތަަނަަށް 507 ބަލި މީހަކު ހޯދާފައިވާއިރު 649 ސްޓަޑީސް ވަނީ ހަދާފައެވެ. މިއަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު މެމޮގްރަފީގެ ހިދުމަތްވެސް ފަށާފައިވާއިރު މިހާތަނަށް 48 މެމޮގްރާމް ހަދާފައި ވެއެވެ.

ޒަމާނުންސުރެ ހޮސްޕިޓަލަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމަށްވެސް ސަރުކާރުން ވަނީ ކުރިއެރުންތަކެއް ހޯދައިދީފަ އެވެ. އެގޮތުން ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 100 އަށްވުރެ ގިނަ މަގާމު އުފައްދާ މުވައްޒަފުން ހަމަޖައްސައިފައިވެ އެވެ.

ސެކްޝުއަލް ރީޕްރޮޑަކްޓިވް ހެލްތް ސެންޓާރެއްވެސް ގާއިމްކޮށްފައިވާއިރު މިދިޔަ މަހުގެ ތެރޭގައި އެ ޔުނިޓްގެ މަސައްކަތްވަނީ ނިންމާލާފައެވެ. މީގެ އިތުރުން މޯބައިލް ކިއު ސިސްޓަމްވެސް މި އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ގާއިމްކޮށްފަ އެވެ.

މީގެ އިތުރުން ހޮސްޕިޓަލް ރެނޮވޭޓް ކުރުމުގެ ޕްރޮޖެކްޓުގެ ތެރެއިން އެކަމަށްވަނީ 2.2 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެ ޕްރޮޖެކްޓް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355