ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑުތައް ބޭނުން ކޮށްގެން ރާއްޖެ އިން ބޭރުގެ މުއާމަލާތުތައް ހިންގޭ ލިމިޓު މިއަދުން ފެށިގެން 500 ޑޮލަރަށް ބޮޑުކޮށްފި އެވެ.
ބީއެމްއެލްއިން ވަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ރާއްޖެ އިން ބޭރުގައި ކްރެޑިޓް ކާޑުގެ ލިމިޓު މަހަކު 200 ޑޮލަރަށް ކުޑަކޮށްފަ އެވެ. މިއީ ރާއްޖެ އިން ބޭރުވާ ޑޮލަރުގެ އަދަދު މަދުކުރުނަށް އެބޭންކުން އެޅި ފިޔަވަޅެކެވެ.
ނަމަވެސް ބުރާސްފަތި ދުވަހު ބީއެމްއެލް އިން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ސީއީއޯ ޓިމް ސޯޔާ ވަނީ ކްރެޑިޓް ކާޑުގެ ލިމިޓް މަތި ކުރާން ނިންމާފައިވާކަން އިއުލާނު ކޮށްފަ އެވެ.
މިއަދު ގެނައި ބަދަލާއެކު، ކްރެޑިޓް ކާޑު ބޭނުން ކޮށްގެން ބޭރުގެ މުއާމާލާތުތައް ހިންގަން ކޮންމެ މަހަކު 500 ޑޮލަރު ބޭނުން ކުރެވޭނެ އެވެ.
މި ބަދަލާއެކު އޮންލައިން ކޮށް ވިޔަފާރި ކުރާ ފަރާތްތަކާއި މި ނޫންވެސް ބޭނުންތަކަށް ރާއްޖޭން ބޭރަށް ދާ މީހުންނަށް ފަސޭހަ ވެގެންދާނެ އެވެ.
ބީއެމްއެލް އިން ބުނީ ކްރެޑިޓް ކާޑަށް މި ބަދަލު ގެނެނައި ނަަމަވެސް، ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރު ވެސް ދީފައިވާ ލިމިޓަކީ 250 ޑޮލަރު ކަމަށެވެ. ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3،000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުން ކުރެވޭނެ ކަމަށެވެ.
ބީއެމްއެލް އިން ބުނީ ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ކަސްޓަމަރުންނަށް މިހާރެކޭ ވެސް އެއްގޮތަށް ކޮންމެ ކާޑަކަށް، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެ އެވެ. އަދި ބޭސް ފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެކަމަށާއި އެގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅޭނެ ކަމަށެވެ.