ކޮންމެ ދުވަހެއްގެ ރޫޓިންގެ ތެރޭގައި އަހަރެމެން ކޮންމެހެން ބޭނުން ކުރާ އެއްޗަކަށް ސައިބޯނި ކްލެންޒާ ފަދަތަކެތި ހިމެނޭނެއެވެ. އެކި ނަންނަމުގައި އެކި ބްރޭންޑްތަކުން މޮޅަށް އިޝްތިހާރުކޮށްގެން މިތަކެތި ނެރެމުންދާއިރު ވިސްނާލަން ޖެހެނީ ތި ބޭނުން ކުރެވެނީ ތިމާގެ ހަންގަނޑަށް އެންމެ ރަނގަޅު ޕްރޮޑަކްޓެއް ތޯއެވެ.
އެކި މީހުންގެ ހަންގަނޑާ ގުޅޭނީ އެކި ބާވަތުގެ އެއްޗެށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން މީހުން ގަނެއުޅޭނީ މައިލްޑް އަދި އެންޓިބެކްޓީރިއަލް ޕްރޮޑަކްތަކެވެ. އެންޓިބެކްޓީރިއަލް ސައިބޯނީގެ ޑިމާންޑް އިތުރުވަނީ ހަށިގަނޑުގައި ހުންނަ ބެކްޓީރިއާތައް ނައްތާލާތީ އެވެ. އެހެންވުމުން އެއީ ކޮންމެހެން ބޭނުން އެއްޗަކަށް ވަނީ ވެފައެވެ. އެހެންނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ހަމައެކަނި އެންޓިބެކްޓީރިއަލް ޕްރޮޑަކްތައް ބޭނުން ކުރުމަކީ ހަންގަނޑަށް އޭގެ ނޭދެވޭ އަސަރު ކުރާކަމަށެވެ.
ފުރަތަމަ ކަމަކަށް އެފަދަ ޕްރޮޑަކްޓްތަކުން ހެލްތީ ބެކްޓީރިއާތައްވެސް ނައްތާލައެވެ. ހަންގަނޑުގައި ހުންނަ ހެލްތީ ބެކްޓީރިއާތަކުގެ މަސައްކަތަކީ ގެއްލުންދޭ ބެކްޓީރިއާތައް އިތުރުވިޔަ ނުދީ ހިފެހެއްޓުމެވެ. އަދި އިމިއުން ސިސްޓަމް ވަރުގަދަކޮށްދީ ހަމަށް ޖެހޭ ބަލިތަކުން ދުރުކޮށްދިނުމަށްވެސް އެހީވެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު އެންޓިބެކްޓީރިއަލް ޕްރޮޑަކްތައް ބޭނުން ކުރާނަމަ ހަމުގެ މައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.
ދެން ދިމާވެދާނެ އަނެއްމައްސަލައަކީ ގަވައިދުން އެފަދަ ޕްރޮޑަކްޓްތައް ބޭނުން ކުރާނަމަ ހަންގަނޑު ދިފާއުކުރާ ހެތްލީ ބެކްޓީރިއާތައް ގުދުރަތީގޮތުން އުފެދުން ހުއްޓުމެވެ. ނުވަތަ މަދުވުމެވެ. ދިރާސާތަކުން ދައްކާގޮތުން ދެން އުފެދޭ ގެއްލުން ދޭ ބެކްޓީރިއާތަކާއި ދެކޮޅަށް މަސައްކަތްކުރަން ހެލްތީ ބެކްޓީރިއާތައް ނުކުޅެދެއެވެ. އެހެންވުމުން އިމިއުން ސިސްޓަމް ބަލިކަށިވުމުގެ ފުުރުސަތު އޮވެއެވެ.
އެފަދަ ހާލަތެއްގައި ބައެއްތަކެއްޗަށް މީހާ ބޮޑަށް އެލާޖީވުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން މާހިރުން ލަފާދެނީ އެފަދަ އެންޓިބެކްޓީރިއަލް ޕްރޮޑަކްތައް އަބަދު ބޭނުން ނުކުރުމަށެވެ. މައިލްޑް ޕްރޮޑަކްތަކަކީވެސް އޭގެ ޒާތުގައި ހަންގަނޑު ސާފުކޮށްދޭ އެއްޗަކަށްވާއިރު އެފަދަ ޕްރޮޑަކްތަކުވެސް ގެއްލުންދޭ ބެކްޓީރިއާތަކުން ހަންގަނޑު ސާފުކޮށްދޭނެއެވެ.