އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގުރޫޕް ސުޓޭޖުގެ މެޗުތައް ބޭއްވުމަށް ރާއްޖެއިން ކުރި ބިޑު ކާމިޔާބު ކޮށްފި އެވެ.
ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އިން ވެސް ބިޑު ކުރި ނަމަވެސް އެ ގައުމުގެ ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން އޭރުވެސް ބެލެވިފައި އޮތީ ރާއްޖެއަށް ބިޑު ކާމިޔާބުކުރެވޭނެ ކަމަށެވެ.
އަންނަ މަހު 15 - 24 މިމެޗުތައް ކުރިއަށް ދާއިރު އެންމެ ފުރަތަމަ 15 ވަނަ ދުވަހު ކުޅޭނީ ޕްލޭއޮފް މެޗުގައި ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ އެވެ. ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅޭނީ އެއް ފަހަރު ކުޅޭއިރު އީގަލްސް އާއި ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ގުރޫޕު ސްޓޭޖުގެ ފަހު ޖާގަ ލިބޭނެ އެވެ. ގުރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ 18 - 24 އަށެވެ.
ގުރޫޕް ސުޓޭޖުން މިހާތަނަށް ޖާގަ ލިބިފައިވަނީ ރާއްޖޭގެ މާޒިޔާ އަށާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބޮށުންދަރާ ކިންގްސް އަށެވެ.
މި އަހަރު އެންމެ ފުރަތަމަ އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ މެޗުތައް ކުޅެން ބިޑްކުރަން ހުޅުވާލުމުން އެއަށް ބިޑުކުރުމަށް ފަހު ރާއްޖޭން އެ ބިޑް ކާމިޔާބުކުރި އެވެ. ނަމަވެސް އެފަހަރު ރާއްޖެ އައި އިންޑިއާގެ ބެންގަލޫރު އެފްސީ ރާއްޖެ އައިސް ޕްރޮަޓޮކޯލާ ހިލާފުވުމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ މެޗުތައް ހުއްޓާލުމަށް އަންގާފަ އެވެ.
ރާއްޖެއަށް މިބިޑު ކާމިޔާބުވުމުގެ ކުރިން އިންޑިއާގެ އެންމެ ބޮޑު އެއް ނޫސް ޓައިމްސް އޮފް އިންޑިއާއިން ބުނެފައި ވަނީ "އޭއެފްސީން އަމަލު ކުރާނެ ގޮތެއް ދެން އަހަރެމެން ބަލަން ޖެހޭނީ. މެއި މަހު ދިވެހި ރާއްޖޭގައި ބާއްވަން މަސައްކަތްކޮށް އެކަން ވީގޮތުން އެ ގައުމުގައި މުބާރާތް ބާއްވާނެ ކަމަށް ބުނަން އުނދަގޫ" މިހެންނެވެ.
ދެކުނު އޭޝިއާގެ ގުރޫޕް ޑީގެ މެޗު ޝެޑިއުލް:
މާޒިޔާ އާއި ބޮށުންދަރާ ކިންގްސް - އޯގަސްޓް 18
އޭޓީކޭ މޯހަން ބަގާން - ބެންގަލޫރު އެފްސީ ނުވަތަ އީގަލްސް - އޯގަސްޓް 18
އޭޓީކޭ މޯހަން ބަގާން އާއި މާޒިޔާ - އޯގަސްޓް 21
ބޮށުންދަރާ ކިންގްސް އާއި ބެންގަލޫރު އެފްސީ ނުވަތަ އީގަލްސް - އޯގަސްޓް 21
އޭޓީކޭ މޯހަން ބަގާން އާއި ބޮށުންދަރާ ކިންގްސް - އޯގަސްޓް 24
މާޒިޔާ އާއި ބެންގަލޫރު އެފްސީ ނުވަތަ އީގަލްސް - އޯގަސްޓް 24